ވިކްޓަރީ ކުޅުންތެރިއަކު ކައިރިން ޓީސީގެ އަރާޝް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
07 ފެބުރުއަރީ 2019 - 10:57
އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާ 1-1 އިން ވިކްޓަރީ އެއްވަރުކުރުމުން އެ ގްރޫޕުގެ ފަހު މެޗުތަކުގެ ފޯރިގަދަވެއްޖެ އެވެ.
ހަތަރު ޓީމު ވާދަކުރާ މި ގްރޫޕުގެ އެއް ވަނައިގައި މި ވަގުތު ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އޮތީ ދެ ވަނައިގައި އޮތް ޓީސީއާ އެއްވަަރަށް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ނަމަވެސް ފައިދާ ލަނޑުން ކުރި ލިބޭތީ އެވެ. ދަ ގޭންގްގެ ފައިދާ ދެ ގޯލު އޮތްއިރު، ޓީސީގެ އޮތީ އެންމެ ގޯލެކެވެ. ތިން ވަނައިގައި ވިކްޓަރީ އޮތީ ކުޅުނު ދެ މެޗުން ވެސް އެއްވަރުވެގެންނެވެ. ގްރޫޕްގެ ފުލުގައި އޮތް ށ. ފޯކައިދޫ ވަނީ ދެ މެޗުން ބަލިވެ ކަޓައިފަ އެވެ.
މި ގްރޫޕުގެ ފަހު މެޗުތަކުގައި ދަ ގޭންގް ނުކުންނާނީ ޓީސީއާ ދެކޮޅަށް ހުކުރު ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. އެ މެޗު އެއްވަރުވެ، އާދިއްތަ ދުވަހު ފޯކައިދޫ އަތުން ވިކްޓަރީ މޮޅުވެއްޖެނަމަ ސެމީ އަށް ދާ ޓީމުތައް ކަނޑައެޅޭނީ ގޯލުގެ ތަފާތުންނެވެ.
ރޭގެ މެޗުގައި ޓީސީ އަށް ލީޑުނަަގައިދިނީ މެޗުގެ 22 ވަނަ މިނިޓްގައި އަކުމަލް މުހައްމަދު (އަކޫބެ) އެވެ. އޭރިއާ ތެރެއިން ޓީސީގެ އަރާޝް އައްސަދު އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ރަނގަޅަށް ފައިގައި ލައްވާނުލިއިރު، އެ ބޯޅަ ލިބުނީ ހުސްކޮށްހުރި އަކޫބެ އަށެވެ. އޭނާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގައި ވިކްޓަރީ އަށް އެއްވަރުކޮށްދިނީ އަހުމަދު ޒައުލް އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒައުލް އަށް ހުސްކޮށްލާފައި އެ ޓީމުގެ ކުޅުންތެރިއަކު ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އެ ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މި ގްރޫޕުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފޯކައިދޫ ކޮޅަށް ދަ ގޭންގުގެ ލަނޑުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަހުމަދު ހުޝާމް އެވެ. މިއީ ދަ ގޭންގް މި މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
މުބާރާތުގައި މިއަދު ކުރިއަށްދާނީ ގްރޫޕް ބީގެ ދެ މެޗެވެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. މިރޭ 20:30 ގައި ފަށާ މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ކްލަބް އޭދަފުށްޓާ އެވެ. ގްރީން ސްޓްރީޓްސް އާއި އޭދަފުށި ވަނީ ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫސޭ
07 February 2019
ނިޒާމްބެ ދިޔައީމަ ޓީސީގެ ފުރޮޅު ނެއްޓެން ފެށީދޯ.