މާޒިޔާ ކަޓުވާލުމަށް ފަހު އީގަލްސް ސެމީ އަށް

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ 1-0 އިން މާޒިޔާ ބަލިކޮށް ބާކީ އެއް މެޗު އޮއްވައި ކްލަބް އީގަލްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.


ފަސް ޓީމު ވާދަކުރާ ގްރޫޕް ބީގެ އެއް ވަނަައިގައި އީގަލްސް އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މާޒިޔާ އާއި ހަތަރު ވަނައިގައި އޮތް ކްލަބް އޭދަފުށި އަދި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ހުރިހާ މެޗެއް ހަމަވެ، މާޒިޔާ މިހާރު ވަނީ ކަޓައިފަ އެވެ.

މި ގްރޫޕުގެ ސެމީ ފައިނަލުގެ އަނެއް ޖާގައަށް ވާދަކުރަނީ ގްރީން ސްޓްރީޓްސް، ކްލަބް އޭދަފުށި އަދި ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ޖާގަތައް ކަނޑައެޅޭނީ މާދަމާ ކުޅޭ ގްރޫޕްގެ ފަހު މެޗުތަކަށް ފަހު އެވެ. މާދަމާ ހަވީރު އީގަލްސް ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާ އެވެ. މާދަމާރޭ ކްލަބް އޭދަފުށި ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.

ރޭގެ މެޗު ފަށައިގެން މެޗުގެ 16 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު ސާހިލް ޖެހި ބޯޅައެއް ދިޔައީ ދަނޑިކައިރިންނެވެ. އީގަލްސްގެ ކެޕްޓަން ހަސަން ރާއިފް (ހަންނަ) މެޗުގެ 23 ވަނަ މިނިޓްގައި އޭރިއާތެރެއިން ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ ހުއްޓުވައިފަ އެވެ.

މާޒިޔާގެ ކުޅުންތެރިއަކު ކައިރިން އީގަލްސްގެ ހަންނަ (މ) ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އީގަލްސް އިން ކުރިއަށް ޖެހިގެން ގިނަ ވަގުތު މާޒިޔާ ހާފް ތެރޭގައި ކުޅުނު ނަމަވެސް ލަނޑު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ. ދެ ވަނަ ހާފުގެ 63 ވަނަ މިނިޓްގައި މާޒިޔާގެ އަހުމަދު ނާހިލް ކޯނަރަކުން ނަގައިދިން ބޯޅަ އެ ޓީމުގެ ހަސަން ނައްވާޝް ބޮލުން ޖެހި ނަމަވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 74 ވަނަ މިނިޓްގައި ކާމިޔާބުކުރީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އަޒުމޫން އެވެ. އޭނާ ހާފުގެ މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ނަތީޖާ ހަމަހަމަ ކުރަން މާޒިޔާ އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.

މާޒިޔާގެ ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) ބުނީ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި ދިމާވީ ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވުމަށް ފަހު ދެން ދިމާވީ އެންމެ ބޭނުންވި ހާލަތެއް ނޫން ކަމަށާއި އެންމެ ބޮޑު މައްސަލަ އަކީ މުބާރާތުގެ ޝެޑިއުލް ރޭވިފައިވާ ގޮތް ކަމަށެވެ. އަދި މި ގޮތަށް ދެ ދުވަހުން މެޗެއް ކުޅެގެން މި މުބާރާތުން ބޭނުންވާ މަގުސަދު ހާސިލްވެދާނެތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލުން މިހާތަނަށް ޖާގަ ހޯދާފައިވަނީ އީގަލްސްގެ އިތުރުން ގްރޫޕް އޭ އިން ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އެވެ.