ކުޅިވަރު / އަންޑަ 21 ޔޫތު ޗެމްޕިއަންޝިޕް

ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ފައިނަލަށް

ޓީސީގެ ދެ ލަނޑު ޖެހި ޒަޔާން (މ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

16 ފެބުރުއަރީ 2019 - 19:06

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް 2-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އަންނަ އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި ޓީސީއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ދަ ގްރާންޑޭ އާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުންނެވެ. މިރޭގެ މެޗު ފަށާނީ 20:30 ގަ އެވެ.

މިއަދުގެ މެޗު ފަށައިގެން ޓީސީން ވަނީ ގްރީން ސްޓްރީޓްސްގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. އަދި މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ޓީސީ އަށް ލީޑުނަަގައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ޒަޔާން ނަސީރު އެވެ. އޭރިއާ ތެރެެއިން ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އޭގެ މިނިޓެއް ފަހުން ޓީސީގެ ކެޕްޓަން އަރާޝް އައްސަދަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، ގާތްގާތުގައި މުޅިން ހުސްކޮށް ޒަޔާނަށް ލިބުނު ދެ ފުރުސަތުން އޭނާ ފޮނުވާލި ބޯޅަތައް ގްރީން ސްޓްރީޓްސްގެ ކީޕަރު އިބްރާހިމް އަޒްލީމް ވަނީ ހުއްޓުވައިފަ އެވެ. މި ދެ އެޓޭކް ވެސް ޓީސީން ކުރީ ގްރީން ސްޓްރީޓްސްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ ވެސް މެޗުގެ 10 ވަނަ މިނިޓްގައި ޒަޔާން އެވެ. ކުރިން ލިބުނު ދެ ފުރުސަތުގެ ބޭނުން ޒަޔާނަށް ނުހިފުނު ނަމަވެސް އޭނާ ވަނީ މި ފަހަރު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ޒަޔާން ހެޓްރިކް ފުރިހަަމަ ކުރަން މެޗުގެ 23 ވަނަ މިނިޓްގައި ކީޕަރު އަޒްލީމް ކައިިރިން ނައްޓާވާލި ބޯޅަ ގޯލު ރޮނގުމަތިން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.

ފުރަތަމަ 25 މިނިޓަށް ފަހު ގްރީން ސްޓްރީޓްސް އިން މެޗުގެ ތެރެއަށް އައިސް ފުރަތަމަ ހާފުގައި ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އެ ޓީމުގެ ކެޕްޓަން އަބްދުﷲ ޔާމީން (ޔާން) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސްދަނޑިމަތިން ދިޔައިރު، މުހައްމަދު ދާނިޝް ޖެހި ބޯޅަ ޓީސީގެ ކީޕަރު ހަސަން ނިމާހް ވަނީ ފަސޭހައިން އަތަށް ނަގައިފަ އެވެ.

ޓީސީގެ ޔަޒްދާން (ވ) ކައިރިން ގްރީން ސްޓްރީޓްސްގެ ޔާމީން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފަށް ނުކުތީ ދެ ބަދަލެއް ގެނެސް މުހައްމަދު ދައިޝަމް އާއި އަހުމަދު ތޮލާލް ކުޅެން އަރުވައިގެންނެވެ. އަދި ދެ ވަނަ ހާފް ފަށައިގެން ދެ މިނިޓް ތެރޭ ގްރީން ސްޓްރީޓްސް އިން ލަނޑެއް ޖެހި އެވެ. ހާފްގެ މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސްގެ ފަހަތަށް ކުޅޭ ހަސަން ލައުހު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ނިމާހު އަތްދަށުން ގޮހެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. ލިބުނު ކޯނަރަކުން ޔާމީން ނަގައިިދިން ހުރަސް ޓީމުގެ މޫސާ އަޒީމް ފޮނުވާލިއިރު އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ކުޅުމުގެ ތެރެއަށް އައުމުން ތޮލާލް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އޭގެ ފަހުން ވެސް ގްރީން ސްޓްރީޓްސް އިން ވަނީ ލަނޑެއް ޖަހަން ގިނަ އެޓޭކްތަކެއް ކޮށްފަ އެވެ. ޓީސީ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނީ އެ ޓީމުގެ ފެށުން ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި ޓީސީން އެގޮތަށް ފަށާނެކަން މެޗުގެ ކުރިން ބުނެދިން ނަމަވެސް ކުޅުންތެރިންނަށް އެ ނަގައިނުގަނެވުނު ކަމަށެވެ. ޓީސީން ދެ ލަނޑު ޖެހި ނަމަވެސް މެޗުގެ ކޮންޓްރޯލް ނަގައިގެން އަލުން ހަމަހަމަ ކުރަން ގްރީން ސްޓްރީޓްސް އިން ކުޅުނު ކަމަށާއި އެކަމަކު ވެސް ކުރި މަސައްކަތްތައް ކާމިޔާބުނުވީ ކަމަށް ބުންޏެވެ.

ޓީސީގެ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދު ބުނީ މެޗުގެ ފަހުކޮޅުގައި ޕްރެޝަރު ބޮޑުވީ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށާއި މެޗަކުން ބަލިނުވެ ފައިނަލާ ހަމައަށް އާދެވުނީ ހުރިހާ ކުޅުންތެރިންގެ ބޭނުން ރަނގަޅަށް ހިފައިގެން ކަމަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454