2016 ވަނަ އަހަރުގެ އެފްއޭ ކަޕް މެޗެއްގެ ތެެރެއިން ޝިމޯނޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ފެބުރުއަރީ 2019 - 13:35
ވިކްޓަރީ ސްޕޯޓްސް ކްލަބަށް 2016 ވަނަ އަހަރު ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނޯ އަށް މުސާރަނުދީ އޮތް މައްސަލައެއްގައި އެ ކްލަބުގެ އަތުން ތިން ޕޮއިންޓު އުނިކުރަން ފީފާ އިން އެފްއޭއެމް އަށް އަންގައިފި އެވެ.
ފީފާއިން ވިކްޓަރީއާ މެދު ފިޔަވަޅު އަޅަން އެންގީ ޝިމޯނޯ އަށް ދޭން ޖެހޭ މުސާރައާ ބެހޭގޮތުން ވިކްޓަރީން އޭނާގެ ވަކީލަށް އެއްވެސް ޖަވާބެއް ދީފައިނުވާތީ އެ މައްސަލަ އޭނާ ފީފާ އަށް ހުށަހެޅުމުންނެވެ. ފާއިތުވި އަހަރުތަކުގައި ވިކްޓަރީގެ ޗެއާމަންގެ މަގާމު އެތައް ފަހަރެއްގެ މަތިން ވަނީ ބަދަލުވެފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) '"މިހާރަ"ށް ވިދާޅުވީ ވިކްޓަރީއާ މެދު ފިޔަވަޅު އަޅަން ފީފާއިން އަންގާފައިވާ ގޮތަށް އެކަން ކޮށްފައިވާ ކަމަށާއި އެކަން އެ ކްލަބަށް ވެސް އަންގާފައިވާ ކަމަށެވެ.
"ވިކްޓަރީން ޖަޕާން ކުޅުންތެރިއާ (ޝިމޯނޯ) އަށް ދޭން ޖެހޭ މުސާރަ ނުދީ އޮވެގެން ޕޮއިންޓު އުނިކުރަން އަންގާފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ. އެ ފިޔަވަޅު އަޅައިފި ނަމަވެސް މާ ބޮޑު ބަދަލެއް އަސްލު ނާދޭ (ލީގު ނިމިފައި އޮތުމުން). މި ކަމުގައި އެފްއޭއެމުން ވެސް ޖަވާބުދާރީ ނުވާކަމަށް ފީފާގައި އެ ކުޅުންތެރިޔާގެ ވަކީލު ބުނުމުން ވިކްޓަރީ އަށް އެފްއޭއެމުން އެންގީ ޕޮއިންޓު އުނިކުރެވުނުކަން،" ޖަވާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވިކްޓަރީން ހުށަހަޅާފައިވާއިރު، ފީފާ އިން ވިކްޓަރީއާ މެދު މި ފިޔަވަޅު އަޅާފައިވަނީ މި ކަންތައްތައް ހިނގުމުގެ މާ ކުރިން ކަމަށް ޖަވާ ވިދާޅުވި އެވެ.
ވިކްޓަރީން މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގު ނިންމާލީ 16 މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އެވެ. ފީފާގެ އެންގުމުގެ މަތިން ތިން ޕޮއިންޓް އުނިކުރިޔަސް ވިކްޓަރީގެ މަގާމަށް ބަދަލެއް ނާދެ އެވެ. އެއީ ނުވަ ވަނައިގައި އޮތް ބ. ފެހެންދޫ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓް ކަމަށްވާތީ އެވެ.
އެނގިފައިވާ ގޮތުގައި ޖަޕާނުގެ މިޑްފީލްޑަރު ޝިމޯނޯ އަށް ދޭން ޖެހޭ މުސާރައިގެ ކަންތައްތައް ނިންމަން ވިކްޓަރީ އަށް ވަނީ ވަކި މުހުލަތެއް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަން ނުނިންމައިފިނަމަ އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ފީފާއިން ވަނީ އަންގައިފަ އެވެ.
ވިކްޓްރީ އޮތީ ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ދަރާފައި ކަމަށާއި އެ ކްލަބާ ދާދި ފަހުން ހަވާލުވި އާ ޗެއަމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި މިއީ ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ އަދަދެވެ. ވިކްޓަރީން މިދިޔަ ސީޒަނުގައި ވަނީ ގިނަ ބިދޭސީ ކުޅުންތެރިންތަކެއް ވެސް އެ ޓީމަށް ގެނެސްފަ އެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިކްޓަރީން ބުނެ އެވެ.
މިދިޔަ އަހަރު ކުރީކޮޅުގައި ވިިކްޓަރީ އަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އެެންހެލް މުނޯޒް ވެސް ވަނީ މިދިޔަ ޖޫން މަހު އޭނާ އަށް ނުދީ އޮތް މުސާރަ ހޯދަން އެ ކްލަބްގެ މައްސަލަ ފީފާ އަށް ހުށަހަޅައިފަ އެވެ. އެންހެލްގެ އިތުރުން މިދިޔަ އަހަރު ވިކްޓަރީ އަށް ކުޅުނު ޑެންމާކްގެ މިޑްފީލްޑަރު ކިމް އެލްގާޑް އާއި ތަޖިކިސްތާނުގެ ޑިފެންޑަރު ޗަކަލޯވް ފިރްދައުސް އަދި ސްޕެއިނުގެ ޑިފެންޑަރު ޔަކީން ގާސިއާ ވެސް ވަނީ ވިކްޓަރީން ނުލިބި ހުރި މުސާރައިގެ މައްސަލަތަކެއް ފީފާ އަށް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަމްް
22 February 2019
މަހޭ ވާނެ މިފަހަރު ޚިޔާނާތުގެ ފައިސާއިން ވިކްޓްރީ ކުޅުމްތެރިންނަށް ނުދީ ހުރި މުސާރަވެސް ދީ ނިންމާލަން
ޗޯރު
21 February 2019
އެފްއޭއެމުން ކްލަބްތަކަށް ދޭންޖެހޭ ލާރިތައް ދީބަލަ! ސްކޫލްތަކުގެ ފުޓުބޯޅަ މުބާރާތް ބާއްވައިރުވެސް މެއިން ސޮޕޮންސަރ އަތުން ލިބޭ އެންމެ ލާރިއެއްވެސް ސްކޫލްތަކަށް ނުދޭ!
އިއްސޭ
21 February 2019
ކުރާ މަސައްކަތުގެ އުޖޫރަ ނުދިނުމަކީ ބޮޑުވެގެންވާ ފާފައެއް. ބޮޑެތި މުސާރަ ނަގައިގެންތިބެ މަސައްކަތެއް ނުކޮށްތިބޭ މަޖިލިސް މެމްބަރުން ކުލަބްތަކުގެ ޗެއާމަނުންނަށްވެ، ކުޅުންތެރިން ކުރާހާ މަސައްކަތުގެ އުޖޫރަ ނުދީ އުޅޫމަކީ ވަރަށްވެސް ވިޔާނުދާ ކަމެއް. ލަދުވެސް ގަންނަންޖެހޭ ކަމެއް.
ގޮބޮޅިއަލީ
21 February 2019
ހ7ރިހާ ފުޓްބޯޅަ ޓީމުތައް އުވާލާ އޭރުން ބައްސާމް ހިތްހަމަޖެހޭނީ
ޑިޔާބައްސާމް
21 February 2019
"ފީފާ އިން ވިކްޓަރީއާ މެދު މި ފިޔަވަޅު އަޅާފައިވަނީ މި ކަންތައްތައް ހިނގުމުގެ މާ ކުރިން ކަމަށް ޖަވާ ވިދާޅުވި އެވެ." އެކަން އެގުނީ ވިކްޓަރީއިން އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅީމަދޯ. ފީފާ އިން ކުރަން އަންގާކަންތައްވެސް ނުވާކަން މިކަމުން އެގެނީ. ކުލަބް ތަކުން އެދޭ ކަމެއް ކޮއްދެވެނީ އެއްނޫން. ކުޅުންތެރިން ބޭނުންވާ ކަމެއް ކުރެވެނީއެއްނޫން. މިނިސްޓްރީން ބޭނުންވާކަމެއް ވަނީއެއްނޫން. މިދެން ކީއްކުރާބައެއް؟ އަވަހަށް އިސްތިއުފާދެއްވާ.
މުލޭ
22 February 2019
އިތުބާރު ނެތް ކަމަށް ފާސްކުރަންޖެހޭ އިތުރު ސަބަބެއް.