މި ސީޒަނުގައި ވިކްޓަރީން ދެ މަސް ދުވަހުގެ މުސާރަ ނުދީ އޮތް ކަމަށް ބުނެ ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒް އެ މައްސަލަ ފީފާ އަށް ހުށަހަޅައިފި އެވެ.

ކޮންޓްރެކްޓްގައިވާ ބައެއް ކަންތައްތަކާ ހިލާފުވުމުން ވިކްޓަރީން ވަނީ މުނޯޒާ މެދު ފިޔަވަޅު އަޅަން ނިންމައިފަ އެވެ. އެއީ ކްލަބަށް އެނގުމަކާ ނުލައި ގައުމުން ބޭރަށް ގޮސްފައިވާތީ ކަމަށް ބުނެ އެވެ.

ވިކްޓަރީގެ މެނޭޖަރު އަހުމަދު ގާލިބް ދާދި ފަހުން "މިހާރަ"ށް ބުނީ މުނޯޒް އެކި ކަހަލަ ޑިމާންޑްތަކެއް ކްލަބަށް ކޮށްފައިވާއިރު، އޭނާ އަށް އެހެން ދެ ޓީމަކުން ހުށަހެޅުންތަކެއް ލިބިފައިވާތީ އޭނާއާ މެދު އަދި ކްލަބުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އޭނާ ބުނީ އެހެން ކްލަބްތަކެކޭ އެއްގޮތަށް ވިކްޓަރީގައި ވެސް މުސާރައިގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން އެކަން ހައްލުކުރާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވިކްޓަރީން މިހާރު ވަނީ މުނޯޒާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމައިފަ އެވެ. އެއާ އެކު މުނޯޒް ވަނީ ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.

މުނޯޒް ފީފާ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭޕްރީލް މަހާއި މެއި މަހުގެ މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 5000 ޑޮލަރު (77،100 ރުފިޔާ)، އާއި އޭޕްރީލާއި މެއި މަހުގެ އެކޮމަޑޭޝަންގެ ގޮތުގައި ދައްކަން ޖެހޭ 12000 ރުފިޔާ އަދި ތިން މެޗުގެ ބޯނަހެއްގެ ގޮތުގައި ދޭން އެއްބަސްވެފައިވާ 300 ޑޮލަރު (4626 ރުފިޔާ) ވިކްޓަރީން އޭނާ އަށް ނުދީ އޮތް ކަމަށެވެ.

ވިކްޓަރީން މި ފަހަރު ދިވެހި ޕްރިމިއާ ލީގުގެ ޖާގަހޯދިއިރު، އޭގެ މުނޯޒްގެ ދައުރު ބޮޑެވެ. އޭނާ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

މިއީ ރާއްޖޭގެ ކްލަބެއް ގޮވައިގެން މުނޯޒް ފީފާ އަށް މައްސަލަ ހުށަހެޅި ދެ ވަނަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން ވެލެންސިއާ އަށް 2016 ވަނަ އަހަރު ކުޅުނުއިރު، ނުލިބި އޮތް މުސާރަ ހޯދުމަށް ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.

ފީފާ އިން ވަނީ އެ މައްސަލައިގައި މި އަހަރު މުނޯޒަށް މުސާރަދޭން ވެލެންސިއާ އަށް އަންގައިފަ އެވެ. އެ މައްސަލައިގައި މުނޯޒަށް 9000 ޑޮލަރު (138،780 ރުފިޔާ) ވެލެންސިއާ އިން ދައްކަން ޖެހުނެވެ. އަދި އޭގެ އިތުރުން ސްޕެނިޝް ފެޑެރޭޝަނަށް ދައްކަން ޖެހޭ ވަކީލުންގެ ފީގެ ގޮތުގައި 450 ޑޮލަރު (6939 ރުފިޔާ) ވެސް ދައްކަން ޖެހުނެވެ.

ފީފާ އިން ވަނީ ވެލެންސިއާ އަށް ލުޔެއްދިނުމުގެ ގޮތުން ދެ ބަޔަށް ބަހާލައިގެން އެ ފައިސާ ދައްކަން ފުރުސަތު ދީފަ އެވެ.

މީގެ ކުރިން ފީފާ އިން ވަނީ ވިކްޓަރީ އަށް ކޯޗުކޮށްދިން ސްލޮވާކިއާގެ ލަޑިމިއަ ގޮފާ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް 2015 ވަނަ އަހަރު އަމުރުކޮށްފަ އެވެ. ފީފާއިން ވިކްޓަރީގެ މައްޗަށް އެ ފަހަރު އަމުރުކުރީ 2013 ވަނަ އަހަރު ގޮފާ ވިކްޓަރީ އަށް ކޯޗުކޮށްދިންއިރު ދޭން ޖެހޭ މުސާރަ ދިނުމަށެވެ. އެ ފަހަރު ވިކްޓަރީ އަށް ގޮފާގެ މުސާރައިގެ އިތުރުން އޭނާގެ ވަކިލަށް ދޭން ޖެހުނު ފައިސާ އާއި ފީފާގެ ގާނޫނީ ޓީމަށް ދައްކަން ޖެހޭ ފީގެ ގޮތުގައި ޖުމްލަ ދެ ލައްކައަށް ވުރެން ގިނަ ރުފިޔާ ދައްކަން ޖެހުނެވެ.