21 ޖުލައި 2019 - 12:21
ސަރަހައްދުގެ އެންމެ ބޮޑު ގައުމު ކަމަށްވާ މަޑަގަސްކަރައިގެ މައްޗަށް 3-1 އިން ކުރި ހޯދައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް އިވެންޓުގެ ފައިނަލަށް ގައުމީ އަންހެން ޓީމުން ދަތުރުކޮށް ދިވެހި ކުޅިވަރުގެ ތާރީހުން ޖާގަ ހޯދައިފި އެވެ.
މިއީ ޓީޓީގެ ޓީމު އިވެންޓަކުން ރާއްޖެ އެއްވެސް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މާނައަކީ ރާއްޖެ އަށް މި ފަހަރު އަންހެން ޓީމު އިވެންޓުން ދަށްވެގެން ރިހި މެޑެއްޔެއް މިހާރު ވެސް ކަށަވަރުވުމެވެ. ފައިނަލް މެޗު އޮންނާނީ މިއަދު މެންދުރުފަހު ރާއްޖެ ގަޑިން 4:15 ގަ އެވެ. ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މޮރިޝަސްއާ އެވެ. ރާއްޖޭން ވަނީ ގްރޫޕް ސްޓޭޖުގައި އިއްޔެ މޮރިޝަސް ބަލިކޮށްފަ އެވެ.
ދީމާ (ކ) އަށް ރައީސް ސޯލިހު މަރުހަބާ ދަންނަވަނީ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ
ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް އަދި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ޖުމާނާ ނިމާލާއި މުއީނާ މުހައްމަދު ހިމެނޭ އަންހެން ޓީމުން ފައިނަލަށް ދަތުކުރިއިރު، މީގެ ކުރިން މި ގޭމްސްގައި އަންހެން ޓީމަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރު ލޯ މެޑަލް ހޯދުމެވެ.
މި މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޑައިގެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތަރުހީބުދެއްވެވި އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ގޭމުން މަޑަގަސްކަރަ އަތުން ރާއްޖޭގެ ރަފާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެއީ 12-10، 11-6 އަދި 11-4 އިންނެވެ. މެޗުގެ ދެ ވަނަ ގޭމުން މަޑަގަސްކަރަ އަތުން ރާއްޖޭގެ ދީމާ މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. ސްކޯއަކީ 11-7، 11-6 އަދި 11-4 އެވެ. ތިން ވަނަ ގޭމަށް ނުކުތީ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ އެވެ. އެ ގޭމުން މޮޅުވެ ރާއްޖެ އަށް ފައިނަލް ކަށަވަރުކުރެވެން އޮތް ނަމަވެސް މަޑަގަސްކަރަ އަތުން މުއީނާ 3-1 ސެޓުން ބަލިވެފަ އެވެ. ނަތީޖާތައް ދިޔައީ 11-8، 9-11، 4-11 އަދި 9-11 އިންނެވެ.
ރާއްޖޭގެ ރަފާ މިއަދުގެ މެޗުގައި އުފާފާޅުކުރަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ
މި ގޭމުން ބަލިވުމުން ނަތީޖާ ނެރެން އިތުރު ގޭމަކަށް ދާން ޖެހުނެވެ. މި ގޭމުން ދީމާ ވަނީ ފަސޭހަކަމާ އެކު މަޑަގަސްކަރައިގެ ކުޅުންތެރިޔާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. ސެޓު ސްކޯތައް ދިޔައީ 11-8، 11-5 އަދި 11-6 އިންނެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ މިއީ ވަރަށް ހައްގު ކާމިޔާބެއް ކަމަށާއި މިއީ ވަރަށް މަސައްކަތުން، ވަރަށް ދުރާލާ ތަމްރީން ހަދައިގެން އަމާޒެއް އޮވެގެން ހޯދި ކާމިޔާބެއް ކަމަށެވެ.
"މިހާރު މިއޮތީ އެއް ފިޔަވަޅު ކައިރިވެފައި. އަމާޒަކީ ރަން މެޑަލް. މިހާރު ޔަގީން ސިލްވާ ލިބޭނެކަން. އެކަމަކު ޓާގެޓަކީ ގޯލްޑް މެޑަލް. އެކަން ވާނެކަން މިއޮތީ ސާބިތުވެފައި. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ބަލިކޮށްފައި، ގްރޫޕުގެ އެއް ވަނަ ހޯދައިގެން ސެމީ ފައިނަލަށް އައިސް ވަރުގަދަ ޓީމެއް ބަލިކޮށްފައި ސެމީ އަށް ދިޔައީ،" ޝިއުރީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޭންޖަލް
21 July 2019
ސާބަހޭ ޓީމް. އިރާދަކުރެއްވިއްޔާ ޗެމްޕިއަންކަން
ސސސސ
21 July 2019
ދީމާ ހަބޭސް ފައިނަލް ލައިވް ފީޑް ލިބޭނެތަ؟
.ނިއުމާ
21 July 2019
ޔެސް ޓީވީ އިން އެބަ ދައްކާ!
ކޮރަލް
21 July 2019
ތަފާތު ދައްކަނީ ދީމާއެވެ. ވ ތަފާތު ކުޅުންތެރި އެކެވެ.
.ނިއުމާ
21 July 2019
ސާބަހޭ ޓީޓީ ގައުމީ އަންހެން ޓީމް! އެހެންކަމުން މަރޭ ޓިޝޫ ކަރުދާހުގަ ޖެހީ ސަމާސާ ހިސާބެއް ނޫންކަން އެނގިއްޖެ!