އައިއޯއައިޖީ: ސަމްހާގެ ރެކޯޑް މަރީ މުގުރާލައިފި

ރިޔޫނިއަން އައިލެންޑްސްގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސަމްހާ އަހުމަދު ހެދި 10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، މި އަހަރުގެ ގޭމްސްގެ އެ އިވެންޓުގައި މިއަދު ދުވެ މަރިޔަމް އަބްދުލްކަރީމް (މަރީ) މުގުރާލައިފި އެވެ.


މިއީ ރާއްޖޭގެ ކުރީގެ އެންމެ މަޝްހޫރު އަންހެން ދުވުންތެރިޔާ ސަމްހާގެ އަތުގައި އޮއްވާ މަރީ މުގުރާލި ތިން ވަނަ ރެކޯޑެވެ. އަނެއް ދެ ރެކޯޑަކީ ފަސް ކިލޯމީޓަރު ދުވުމާއި ހާފް މެރެތަން ރެކޯޑެވެ.

ސަމްހާ 45 މިނެޓު 12.36 ސިކުންތުން ދުވެ ލޯ މެޑަލް ވެސް ހޯދި އިވެންޓުގެ ރެކޯޑް މަރީ މިއަދު މުގުރާލީ 10000 މީޓަރުގެ ފައިނަލުގައި 42 މިނެޓު 44.80 ސިކުންތުން ދުވެގެންނެވެ. މަރީ ދިޔައީ ހަ ވަނަ އަށެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ 39 މިނެޓު 49.86 ސިކުންތުން ދުވި މަޑަގަސްކަރައިގެ ނެނީ މެޑެލީން އެވެ. ރިހި ހޯދީ މޮރިޝަސްގެ އެންޓޮއިނެޓް މިލަޒާރެވެ. އޭނާގެ ޓައިމިން އަކީ 39 މިނެޓު 55.31 ސިކުންތެވެ. އަދި ލޯ މެޑަލް ހޯދީ 40 މިނެޓު 53.65 ސިކުންތުން ދުވި މަޑަގަސްކަރައިގެ އޮލިވިއާ ރަބެމިހޯޓްރާ އެވެ.

ކަސްރަތު އިންސްޓްރަކްޓަރަކަށް މަސައްކަތްކޮށް ހުސް ވަގުތު ދުވަން ފަށައި މީގެ ހަތަރު އަހަރު ކުރިން ރަސްމީކޮށް އެތުލެޓިކްސްގެ ތެރެއަށް ވަން މަރީގެ އަތުގައި އެތުލެޓިކްސްގައި ރޯޑް ރޭސްތަކަށް ހާއްސަ ފަސް އިވެންޓުގެ ގައުމީ ރެކޯޑުގެ ހައްގުވެރިކަން އެބައޮތެވެ. އެއީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) އެވެ.

އޭނާ ވަނީ މި އަހަރުގެ މާޗު މަހު ތުރުކީގެ ރަންއެޓޯލިއާ މެރެތަންގައި ދުވެ، އަންހެން ބައިގެ ތިން ވަނަ ހޯދައި ގައުމީ މެރެތަން ރެކޯޑް ދެ ވަނަ ފަހަރަށް މުގުރާލައިފަ އެބެ. މިދިޔަ އަހަރުގެ ދުބާއީ މެރެތަންގައި 3 ގަޑި 34:24 މިނެޓުން ދުވެ ހެދި ރެކޯޑް އޭނާ އެ ފަހަރު މުގުރާލީ، 3 ގަޑި 30:32 މިނެޓުން ދުވެގެންނެވެ.

ސަމްހާގެ އަތުގައި އޮތް ފަސް ކިލޯމީޓަރުގެ ރެކޯޑް ގާއިމްކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 20:47 މިނެޓުން ދުވެގެންނެވެ. ރާއްޖޭގެ އަންހެނުންގެ 10 ކިލޯމީޓަރު، 20 ކިލޯމީޓަރު އަދި ހާފް މެރެތަން ދުވުމުގެ ރެކޯޑް މަރީ ހެދީ 2017 ވަނަ އަހަރު އޮސްޓްރޭލިއާގައި އޮތް ގޯލްޑްކޯސްޓް އެއާޕޯޓް މެރެތަންގަ އެވެ. އޭގެ ތެރެއިން ހާފް މެރެތަން ރެކޯޑް ހެދީ 1 ގަޑި 34 މިނެޓުންނެވެ. ކުރިން އެ ރެކޯޑް އޮތީ 1 ގަޑި 42 މިނެޓުން ދުވެފައިވާ ސަމްހާ އަތުގަ އެވެ.