ދީމާ: މަންމަ އާއި ބައްޕަގެ ގުރުބާނީގެ އަގު ރަނުން!

ސްރީ ލަންކާގައި ދިރިއުޅޭ އުމުރުން އަށް އަހަރުގެ ދިވެހި ކުޑަކުއްޖަކު މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ވާހަކަތައް ނޫސްތަކަށް އެރުމާ އެކު، ބައެއް ފަރާތްތަކުން ބުނަން ފެށީ އޭނާ ތަމްސީލްކުރާނީ ލަންކާ ކަމަށާއި ކާމިޔާބީއާ ހަމަޔަށް ދެވެން ވެސް އޮންނާނީ އެގޮތަށް އަމަލުކޮށްގެން ކަމަށެވެ. އަދި ދުވަސްކޮޅެއް ފަހުން އޭނާ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދުމާ އެކު އެ އަޑުތައް ގަދަވި އެވެ.


އެ ކާމިޔާބީއާ އެކު ލަންކާ ކޯޗުންނާއި އެސޯސިއޭޝަންތަކުގެ ވެރިން ވަނީ އޭނާ ވަށާލައި، ލަންކާ އަށް ކުޅެން ދައުވަތުދީ އެކަމަށް ބާރު އެޅި އެވެ. ލަންކާގެ ވެސްޓަން ޕްރޮވިންސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ޗެއާމަން ވިދާޅުވީ އެ ގައުމަށް އެ ކުޅުންތެރިޔާ ވަރަށް މުހިއްމު ކަމަށެވެ. އަދި ހުނަރުވެރިކަން ފެނި އޭނާ އަށް އެ ގައުމުގެ ރަށްވެހިކަންދޭން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ލަންކާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މަސައްކަތް ކުރި އެވެ.

އެކަމަކު ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން، ފާތިމަތު ދީމާ އަލީގެ މައިންބަފައިން އެންމެ ފުރަތަމަ ދުވަހު ވެސް ޔަގީންކޮށްދިނީ އެންމެ ކަމެކެވެ؛ ދީމާ އުފަންވީ ލަންކާ އަށް ކަމަށްވީ ނަމަވެސް އަދި އެ ގައުމުން ފުރުސަތުތައް އޮހުނަސް ބޭނުންވަނީ ދީމާ އަމިއްލަ ގައުމަށް ކުޅުވަން ކަމަށެވެ. އަދި ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށް، އަދި ދީމާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހެދުމަކީ ހުވަފެނެއް ކަމަށް ވެސް ބުންޏެވެ. އެކަމަކު އޭރު އެއީ ކޮން އިރަކު ހާސިލްވާނެ ކަމެއް ކަމަށް އޭރަކު ނޭގެ އެވެ.

ދީމާ (މ) އޭނާގެ މަންމަ ވަހީދާ އާއި ބައްޕަ ސައްތާރާ އެކު. –-އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

މިއީ އޭގެ ތިން އަހަރު ފަހެވެ. ދީމާ އަށް ރާއްޖޭން ފުރުސަތު ހޯދައިދޭން ވެގެން މަންމަ އައިޝަތު ވަހީދާ އާއި ބައްޕަ އަބްދުއްސައްތާރު އަލީ އޭނާ ގޮވައިގެން ރާއްޖެ އައިސް ގައުމީ މުބާރާތުގައި ކުޅުވައިފި އެވެ. އޭނާ އަކީ މިހާރު އެ މުބާރާތުގެ ޗެމްޕިއަނެވެ. ދީމާ އަށް ގައުމީ ޓީމުން ފުރުސަތު ހޯދައިދޭން ސިލެކްޝަން ކުޅެން ރާއްޖެ އަ އެވެ. ނަތީޖާއަކީ ރޭންކިންގެ އެއް ވަނައިގެ ގޮތުގައި ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލްކުރުމެވެ. އަދި ދެކުނު އޭޝިއާގެ ހޯޕްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އޭޝިއަން ހޯޕްސް އަށް ގޮސް އެ މުބާރާތުގެ ދެ ވަނަ ވެސް ހޯދައިފަ އެވެ. އެ ހުރިހާ ކާމިޔާބެއްގެ އަލިކަން ފަނޑުކޮށްލި، ރަން ކާމިޔާބީ މި ހަފުތާގައި އެ ވަނީ ހޯދައިފަ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ގައުމީ އަންހެން ޓީމު އިވެންޓުންނާއި އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދީ އެވެ. މިއީ މިހާ އަވަހަށް ހާސިލްވެދާނެ ކަމަށް އޭނާގެ މައިންބަފައިން ހިޔާލު ވެސް ކުރި ކަމެއް ނޫނެވެ.

"ދީމާ އެންމެ ފުރަތަމަ ކުޅެން ގެންދިޔައިރު، އޭނާގެ ޕާޓްނަރަކަށް ހުރި ކުޅުންތެރިޔާ ދީމާ އަށް ވުރެ ތިން އަހަރު ދޮށީ ވާނެ. އެ ކުޅުންތެރިޔާ އޭރު ވަރަށް މޮޅަށް ކުޅޭނެ. އަޅުގަނޑުމެން އޭރު ހިތަށް އެރި އެ ކުޅުންތެރިޔާ އެ ހުރި އުމުރަށް ދީމާ ދާއިރު، އެހާ މޮޅަށް ކުޅޭނެ ނަމައޭ،" ދީމާގެ މަންމަ ވަހީދާ ބުންޏެވެ.

މިއަދު ދީމާ އެހުރީ އެ އުމުރުގަ އެވެ. އެކަމަކު ދީމާގެ ޕާޓްނަރަކަށް އޭރު ކުޅުނު ކުޅުންތެރިޔާ ހުރި ފެންވަރަކު ނޫނެވެ. އެތައް، އެތައް ދަރަޖައެއް މަތީގަ އެވެ.

އެހާ އަވަހަށް މިހާ ކުރިއަރައި ދީމާ ދިޔުމުގައި އޭނާގެ މައިންބަފައިންވީ ގުރުބާނީގެ ދައުރު ނުހަނު ބޮޑެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އަތުކުރި އޮޅާލާފައި އޮތަސް، އަދި ސަރުކާރުން ހުރިހާ ކަމެއް ކޮށްދޭން ތިބި ނަމަވެސް، އިހަކަށް ދުވަހާ ހަމަޔަށް ވެސް ހުރިހާ ކަމެއް ކުރީ މައިންބަފައިންނެވެ. ސްކޫލް ބަންދާ ދިމާކޮށް އެކި ގައުމުތަކަށް ގެންގޮސް ތަމްރީން ހޯދައިދިނީ އަމިއްލަ ޖީބުން ހަރަދުކޮށްގެންނެވެ. ދީމާ ހަގު ކަމުން އޭނާއާ އެކު އެ ހުރިހާ ތާކަށް މައިންބަފައިންދެ އެވެ. އެންމެ ފަހުން ޗައިނާގައި ދީމާ ތަމްރީން ހެދިއިރު ވެސް އެދެމަފިރިން ހުރިހާ ވަގުތެއް އެކަމަށް ދިނެވެ. ބީރަށްޓެހި ގައުމެއްގައި، އުނދަގޫ މާހައުލެއްގައި، އަމިއްލަ ހުރިހާ ކަމެއް ދޫކޮށްލައި، މަސް ދުވަންދަންދެން ތިބީ ހަމައެކަނި ދީމާގެ ކުރިއެރުމަށް އެދިގެންނެވެ.

"ވަރަށް ބޮޑު ގުރުބާނީއެއްވެވިއްޖެ ކަމަށް ގަބޫލުކުރެވޭ. އެކަމަކު ދީމާ އެ ހޯދާ ކާމިޔާބީ ފެނިފައި ހިތަށް އަރަނީ އަހަރެމެންނަށް ވެވުނީ އަދި ގުރުބާނީއެއް ނޫނޭ. އަހަރެމެންނަށް އަދި ކަމެއް ނުކުރެވެޔޭ ހިތަށް އަރަނީ. އުފުލި ބުރައެއްގެ މަތިން މިހާރު އެއްވެސް ހަނދާނެއް ނެތް. އެހާ ވެސް އުފާވެފައި މިތިބީ،" ވަހީދާ ބުންޏެވެ.

"އަދި އެހާ ޅަ އުމުރެއްގައި މިހާ ބޮޑެތި ކާމިޔާބީ ލިބުނީމާ ދީމާ ވާނެ އުފާ ހިތަށް އަރާފައި މާއުފާވޭ."

ދީމާ ޑަބަލްސް ރަން މެޑަލް ހޯދުމަށް ފަހު މަންމަ ގައިގައި ބައްދާލާއިރު ބައްޕަ (ވ) ހިނިތުންވެފައި. –-އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ސައްތާރު ވެސް، ވަހީދާއެކޭ އެއްގޮތަށް ހުރިހާ ވަގުތެއް ހުސްކޮށްގެން ހުރީ ދީމާ އަށެވެ. އޭނާގެ އަމިއްލަ ވިޔަފާރިއާ ވެސް ދުރަށް ޖެހިލައި، ދިރިއުޅުން ލަންކާ އަށް ބަދަލުކުރީ ވެސް ދީމާ އަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭށެވެ. ދީމާ ކިޔެވުމަށް މޮޅުކަމުން، އެކަން ދެމެހެއްޓުމަށްޓަކައި ކުޅިވަރެއް ކުޅުވަން ސްކޫލުން ލަފާ ދިނުމުން ރަނގަޅު ތަނެއް ހޯދަން ސައްތާރު މުޅި ލަންކާގައި އަތްފުނާ އެޅި އެވެ. އެންމެ ފުރަތަމަ ދިޔައީ ބެޑްމިންޓަން އެކަޑަމީ އަކަށެވެ. އެކަމަކު ދީމާ އިސްކޮޅުން ކުރުވުމުން އެތަނުގެ ކޯޗު ބުނީ ބެޑްމިންޓަން ނޫން އެހެން ކުޅިވަރެއް އިހުތިޔާރުކުރާށެވެ. ޓީޓީއާ ދިމާލަށް ދިޔައީ އެހެންވެ އެވެ.

އެތަނުން ފުރުސަތު ލިބެނީ ހަފުތާއަކު އެއް ދުވަސް ކަމުން، އެންމެ ފުރަތަމަ ފަރިތަކުރަން ފެށީ ގޭގަ އެވެ. ގޭގެ ކާމޭޒުމަތީގައި އޭނާއާ އެކު އެންމެ ފުރަތަމަ ރެކެޓުގައި ހިފީ ސައްތާރުގެ ގާތްއެކުވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ބޮނިޓޯ އިބްރާހީމެވެ. ފަހުން އެކަޑަމީން އިތުރު ފުރުސަތުތައް ލިބެން ފެށުމުން ދީމާގެ ހުނަރުވެރިކަން ފާހަގަވާން ފެށި އެވެ.

ދީމާގެ ހުނަރު ތަރައްގީ ކުރުމުގެ ލަންކާގެ ކޯޗުން މުހިއްމު ދައުރެއް އަދާކުރި އެވެ. އެކަމަކު ދީމާ އަކީ އެހެން ގައުމެއްގެ ކުޅުންތެރިޔަކަށް ވާތީ، ލަންކާ އިން ލިބޭ ކުރިއެރުންތަކާ އެކު އެހެން ގައުމަކަށް އޭގެ ފައިދާވާން އެތަނުގެ އެސޯސިއޭޝަނުން އެހާ ބޭނުމެއް ނުވި އެވެ. އަނެއްކާ ގައުމުން ބޭރު ކުއްޖަކު ލަންކާގެ ނޭޝަނަލް މުބާރާތުގައި ކުޅެ ލަންކާގެ ރޭންކިންގައި ހިމެނޭތީ ޝަކުވާތައް އަންނަން ފެށި އެވެ. ދީމާ އަށް ލަންކާގެ ރަށްހެވިކަން ދޭން ލަންކާގެ ސްޕޯޓްސް މިނިސްޓްރީން މަސައްކަތް ފެށީ އެހިސާބުންނެވެ.

ވަހީދާ އޭރު ވެސް ބުނީ "ދިވެހިންނަށް ވެފައި ބޭރުގެ ގައުމެއްގެ ރަށްވެހިކަން ހޯދުމުން ލިބިދާނެ ހިތްހަމަޖެހުމަކަށް ވުރެ އިހުސާސްކުރަން ޖެހޭ ހިތްދަތިކަން މާބޮޑުވާނެ" ކަމަށެވެ. އެހެންވެ ނިންމީ ރާއްޖޭގެ ގައުމީ މުބާރާތްތަކުގައި ކުޅުވާށެވެ. އިރުއިރުކޮޅާ މުބާރާތްތަކުގައި ވާދަކުރާށާ ތަމްރީންތަކަށް މާލެ އަންނަން ޖެހުނަސް ފަރުވާލެއް ނެތެވެ. ކުރަން ޖެހޭ ހަރަދަކަށް އުފުލަން ޖެހޭނެ ބުރައަކަށް އެ ދެމަފިރިން ނުވިސްނަ އެވެ.

"އަޅުގަނޑުގެ އޮތީ ހަމަ އެންމެ އެދުމެއް. އެއީ އޭނާ 18 އަހަރު ވަންދެއް، މުބާރާތަކަށް ދިޔަޔަސް، ތަމްރީންތަކަށް ދިޔަސް އަޅުގަނޑުމެން ދުނިޔޭގައި ތިބިއްޔާ އަޅުގަނޑުމެންނަށް އެކުގައި ދެވޭނެ ގޮތް ހަމަޖައްސައިދެއްވާށޭ. ހަރަދު ކުރެވެން ނެތިއްޔާ އަޅުގަނޑުމެން އަމިއްލަ އަށް ވެސް އެ ހަރަދުކުރަން މިތިބީ ތައްޔާރަށް،" ސައްތާރު ބުންޏެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފު (މ) ދީމާ (ކ) އާއި ރަފާއާ އެކު: ދެ ކުޅުންތެރިންނަށް ވެސް ސަރުކާރުން އެހީވާނެ. –-އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

އޭޝިއާގެ ރިހި މެޑަލް ހޯދުމާ އެކު ދީމާ އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އިސްނަންގަވައި ހަމަޖައްސައިދެއްވި ޗައިނާ ތަމްރީން އިތުރަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު ސަރުކާރުން އަންނަނީ ދީމާގެ އިތުރުން އޭނާގެ ޑަބަލްސް ޕާޓްނަރު އައިޝަތު ރަފާ ނާޒިމަށް ވެސް ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތްކުރަމުންނެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު މަހުލޫފަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ބޭނުންވޭ. މިހާރު ވެސް ވަރަށް އަގުހުރި ފުރުސަތުތަކެއް ހޯދައިދެއްވަމުން އެ އަންނަނީ،" ސައްތާރު ބުންޏެވެ.

ދީމާގެ މައިންބަފައިންގެ ސައްތައިން ސައްތަ ސަޕޯޓާ އެކު އޭނާ ހުރިހާ ކަމެއް ކުރި ނަމަވެސް އެ އުމުރުގެ ކުޅުންތެރިޔަކާ ބަލާއިރު ދީމާގެ ކިބައިން ލީޑާޝިޕާއި ސްޕޯޓްސް މެޗުއާރިޓީ ވަރަށް ބޮޑަށް ފެނެ އެވެ. ޑަބަލްސް މެޗުތައް ފެށުމުގެ ކުރިން އޭނާ މަންމަ ގާތު ބުނެލި ޖުމުލައިން ވެސް އެކަން އެނގެ އެވެ.

"މަންމަ ގިވްއަޕްނުކުރައްޗޭ،" މެޗަށް އަރަމުން އޭނާ ބުންޏެވެ.

ދީމާގެ އެ އުމުރަކީ ރާއްޖޭގައި އާއްމުކޮށް ކުދިން ކުޅިވަރު ކުޅެން ފަށާ އުމުރެވެ. އެކަމަކު ދީމާ އެ އުމުރުގައި އެ ހޯދި ކާމިޔާބީއާ އެކު މުސްތަގުބަލުގައި ހުންނާނެ ހިސާބު އަންދާޒާކޮށްލަން ވެސް ދައްޗެވެ. ދީމާގެ ކޯޗު އިބްރާހިމް ޝިއުރީ އަކީ ވެސް ވަރަށް ޅަ އުމުރެއްގައި ވިދާލި ކުޅުންތެރިޔެކެވެ. އެކަމަކު އޭނާ ވެސް ގައުމީ ފެންވަރުގައި ކުޅެން ފެށީ 11 އަހަރުގަ އެވެ.

'އަޅުގަނޑުމެން ފެށި އުމުރުގައި ދީމާ އެ ހޯދަނީ ގައުމަށް ރަން މެޑަލް. ދެން ވިސްނާލާނެ އޭނާ ކުރިއަރާނެ ވަރު. މިއީ ހަމަ ގަބޫލުކުރަން ވެސް ދަތި ކަމެއް. އެހާ ވެސް އާދަޔާހިލާފު ކާމިޔާބެއް މިއީ،" ޝިއުރީ ބުންޏެވެ.

އެކަމާ މެދު ވިސްނާލުމުން ސިކުނޑި ސުމަކަށް ދަނީ ޝިއުރީ އެކަންޏެއް ނޫނެވެ. މިތަނަށް މެޗު ބަލަން އަންނަ މޮރިޝަސްގެ ސަޕޯޓަރުން ވެސް ތިބެނީ ހައިރާންވެފަ އެވެ. ދީމާއާ އެކު ފޮޓޯއެއް ނަގަން މީހަކު ނެތް ވަގުތެއް ނުވަތަ އޭނާގެ ބަހެއް ހޯދަން ނޫސްވެރިޔަކު ނާންނަ ވަގުތެއް މަދުވާނެ އެވެ. ތިމަންނާ އަކީ ވެސް މޮރިޝަސް މީހެކޭ އެކަމަކު ސަޕޯޓްކުރަނީ ދީމާ އަށޭ ބުނޭ އެތައް ބަޔަކާ ކޯޗު ޝިއުރީއާ ވެސް ދިމާވި އެވެ.

'އެ ކުޅުންތެރިޔާ އަކީ ހަމަ ޚާލިސް ރަން. ހާދަ މޮޅޭ،" ދީމާ ކުޅޭތަން ބަލަން ހުރި ފިންލެންޑް މީހަކު ބުންޏެވެ.

އެންމެންގެ ދުލުކުރީ ބަހަކީ ވެސް، ނަސޭހަތަކީ ވެސް މި ހުނަރުވެރިކަމާ އެކު ފަރުވާކުޑަނުކުރައްޗޭ އެވެ. އެ ކުޅުންތެރިޔާ އެ ކުރާ މަސައްކަތުގެ އަގުވަޒަންނުކޮށް ދޫކޮށްނުލައްޗެވެ. ފުރުސަތުތައް ފަހިކޮށްދެއްޗެވެ. ދީމާ ވެސް ހުރީ އެގޮތުގައި އުއްމީދުކޮށްގެންނެވެ. ޑަބަލްސް ކާމިޔާބީ އަށް ފަހު 'މިހާރު" ގެ ނޫސްވެރިން ގާތު ބުނީ ވަރަށް އުފާވެއްޖެ ކަމަށާއި އަދި އެހާމެ ފަހުރުވެރިވާ ކަމަށެވެ.

'ހޯޕްފުލީ އަދި ލިބޭނެ ގިނަ ގޯލްޑް މެޑަލްސްތަކެއް،" ދީމާ ބުންޏެވެ.

އޭނާ އެ ހޯދި މެޑަލްތަކާއި ދެން ހޯދާނެ މެޑަލްތަކަކީ ދީމާ އަށް ގުދުރަތުން ދެއްވި ހުނަރުވެރިކަން ކުރިއެރުވުމަށް މައިންބަފައިން އޮހޮރި ދަލާއި ހޭދަކުރި ފައިސާ އާއިން ދިން ވަގުތުގެ އަގެވެ. އަދި ލަންކާ ކޯޗުންނާއި ދިވެހި ކޯޗުން އަދި ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި ދިވެހި ސަރުކާރާއި އޮލިމްޕިކް ކޮމިޓީގެ ވެސް މަސައްކަތެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް، ރަތާއި ފެއްސާއި ހުދުން ފެވިގެން އަންނަ މުހިއްމު ނިންމުމަކަށް ހުރިހާ ދިވެހިން ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާން ޖެހެ އެވެ.

ރަފާ (ކ) އާއި ދީމާ ޑަބަލްސްގައި ކުޅެނީ: ރާއްޖޭގެ ކުޅިވަރުގެ އެންމެ އުއްމީދީ ދެ ކުޅުންތެރިން. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

އެއީ ލަންކާގެ ރަށްވެހިކަމާއި ވަސީލަތްތަކާއި ލަންކާ ގައުމީ ޓީމުގެ ފުރުސަތުތައް ދޫކޮށްލައި ރާއްޖެ އަށް ރީތި ނަން ހޯދައިދޭން ދީމާގެ މަންމަ އާއި ބައްޕަ ނިންމި ނިންމުގެ އިތުރުން މިދިޔަ ހަފުތާގައި ނިންމި މުހިއްމު އެހެން ނިންމުމެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އައިރު ކުރިން ރާވައިފައި އޮތީ ގޭމްސް ނިންމާގައި، ވޯލްޑް ހޯޕްސް މުބާރާތުގައި ކުޅެން ދީމާ އޮމާނަށް ދާ ގޮތަށެވެ. އޭޝިއާގެ ހޯޕްސް ރިހި މެޑަލް ހޯދުމާ އެކު ސީދާ ކޮލިފައިވެގެން ވޯލްޑް މުބާރާތުގައި ކުޅެން ލިބުނު ފުރުސަތަށް އެޅުނު ހުރަހަކީ އެ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލެވެ.

އެ ހިސާބުން ޖެހުނީ ކޮންމެވެސް އެއް މުބާރާތެއް އިހުތިޔާރުކުރާށެވެ. އެސޯސިއޭޝަނުން އެކަން ދޫކޮށްލީ ދީމާގެ މައިންބަފައިންނަށެވެ. ވަހީދާ އާއި ސައްތާރުގެ ކުރިމަތީގައި އޮތީ ދުނިޔޭގެ މުބާރަތަށް ދީމާ ގޮވައިގެން ގޮސް އޭނާ އަށް އިންޑިވިޖުއަލީ ބޮޑު ޝަރަފެއް ހޯދައިދިނުން ނުވަތަ، އެތައް މަހެއް ވަންދެއް އެކުގައި ޕްރެކްޓިސް ކުރި ޓީމާއި ޑަބަލްސް ޕާޓްނަރާ އެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުމެވެ.

"އަޅުގަނޑުމެން ނިންމީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުވަން. އެއީ ދީމާ މި ގޭމްސް ދޫކޮށްފިއްޔާ، ރާއްޖޭގެ ޓީމާއި ޑަބަލްސް ކުޅޭ ކުޅުންތެރިޔާ އަށް ވަރަށް ގެއްލުންވާނެ. އިންޑިވިޖުއަލީ ދީމާ އަށް ލިބޭނެ ފައިދާއަކަށް ވުރެ ބޭނުންވަމީ ރާއްޖޭގެ ޓީމަށް ފައިދާ ހުރި ގޮތެއް ވާން،" ވަހީދާ ބުންޏެވެ.

އެ ނިންމުން ވަހީދާ އާއި ސައްތާރު ނުނިންމި ނަމަ މި ކާމިޔާބީއާ ހަމަޔަށް ދެވުމުގެ ފުރުސަތު ކުޑަ އެވެ. ސަބަބަކީ ޓީމު އިވެންޓުގައި ވެސް ރަފާއާ އެކު އެންމެ ގިނަ މެޗު ކުޅެ ނަތީޖާ އަނބުރާލީ ދީމާ ކަމަށްވެފައި، ރަން މެޑަލް ލިބުނީ ވެސް ރަފާ އާއި ދީމާގެ ޕެއާއަށް ކަމަށްވާތީވެ އެވެ.

"އެންމެ ފުރަތަމަ ވެސް ބުނިން ގައުމަށޭ އިސްކަންދޭނީ. ގައުމަށޭ ކާމިޔާބީ ހޯދައިދޭން ބޭނުންވަނީ. މިއަދު ވެސް އަޅުގަނޑުމެން ބޭނުންވަނީ ގައުމަށް ދީމާގެ ފަރާތުން ރީތި ނަން ހޯދައިދޭން،" ވަހީދާ ބުނެލި އެވެ.