ބްރޭކަކަށް ފަހު ބްރޭކެއް، ކޯޗުންގެ ކަންބޮޑުވުންތަކެއް!

ބޮޑު ބަދަލަކާ އެކު މި އަހަރު ދިވެހި ފުޓްބޯޅަ ސީޒަން ފަށަން ޖޫން މަހަށް ތާވަލުކުރީ ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރުމުގެ އުއްމީދުގަ އެވެ. ސީޒަނުގެ އެންމެ ބޮޑު މުބާރާތް ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށައިގެން އަދި ތިން މަސް އެއްކޮށް ފުރިހަމަނުވެ އޮއްވައި ލީގު ދެ ވަނަ ބޮޑު މެދުކެނޑުމަކާ ކުރިމަތިލާން ޖެހުމަކީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބްތަކަށް އަނެއްކާ ވެސް ކުރިމަތިވާނެ ގޮންޖެހުމެކެވެ.


މި ފަހަރު ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ލީގު ވަނީ 25 ދުވަހަށް މެދުކަނޑާލައިފަ އެވެ. ޖުލައި އަށް ވަނަ ދުވަހު މެދުކަނޑާލުމަށް ފަހު އަލުން ފެށީ މި މަހު ތިން ވަނަ ދުވަހު އެވެ. ލީގުގައި އަންނަ ހުކުރު ދުވަހު ކުޅޭ މެޗުތަކަށް ފަހު ލީގު މެދުކަނޑާލާނީ އަންނަ މަހު ފަސް ވަަނަ ދުވަހު ރަށުންބޭރުގައި ގުއާމްއާ ދެކޮޅަށާއި 10 ވަނަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅެން އޮތް ވޯލްޑް ކަޕް / އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ފުރަތަމަ ދެ މެޗަށް ތައްޔާރުވުމަށެވެ. އެ އަށް ފަހު ލީގު ދެން އަލުން ފަށަން ނިންމާފައި އޮތީ އަންނަ މަހު 18 ވަނަ ދުވަހެވެ. މާނަ އަކީ އަލުން ދެން ލީގުގެ މެޗުތައް ފަށާނީ 40 ދުވަސް ފަހުންނެވެ.

ގާތްގަނޑަކަށް ހަ މަހަށް ވުރެ ގިނަ ދުވަސް ފަހުން ފުޓްބޯޅަ ސީޒަނަށް ބޮޑު ބަދަލުތަކެއް ގެނެސްގެން އަލުން ފެށުމަށް ފަހު މި ފެންނަ ކަންތައްތަކާ މެދު ކޯޗުންގެ އިހުސާސްތައް ވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑުންކޮށްލައިފަ އެވެ. މީގެ ކުރިން ވެސް މި ކަމާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ. އެކި ކޯޗުންގެ ހިޔާލު ތަފާތެވެ. އެކަމަކު ޖުމްލަ ގޮތެއްގައި ގިނަ ކޯޗުން މި ފަދަ ބްރޭކްތަކަަށް ނުރުހޭ ސަބަބަކީ ރޭވުމެއް ފެންނަން ނެތި ކުއްލި ކުއްލި އަށް ބްރޭކް އައުމެވެ.

މި ދެ ބްރޭކުގައި ލީގުގެ ޝެޑިއުލް އޮތްގޮތުން އެންމެ ބޮޑު އުނދަގުލެއް ކުރިމަތިލާންޖެހޭނެ ކްލަބަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ޔުނައިޓެޑް ވިކްޓްރީން އެންމެ ފަހުން ލީގުގައި ކުޅުނު މެޗަކީ ނިލަންދޫއާ ދެކޮޅަށް މިދިޔަ ޖުލައި ފަސް ވަނަ ދުވަހު ކުޅުނު މެޗެވެ. އޭގެ ފަހުން އެ ޓީމު 32 ދުވަސް ފަހުން ކުޅޭނެ މެޗަކީ މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ އެ މެޗަށް ފަހު އަނެއްކާ ދެން އެ ޓީމު މެޗަކަށް ނުކުންނާނީ 40 ދުވަސް ފަހުން އީގަލްސްއާ ދެކޮޅަށެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އޭނާ އަކީ އެފްއޭއެމަށް ފާޑުކިޔާ މީހެއް ނޫން ކަމަށާއި އެކަމަކު ފާޑުކިޔުންތަކާ އެފްއޭއެމުން ކުރިމަތިލާއިރު ތަސައްރަފު ފުދެންޖެހޭކަމަށް ގަބޫލުކުރާ ކަމަށެވެ. އެފްއޭއެމްގައި ފުޓްބޯޅައިގެ ނިންމުންތައް ނިންމުމުގެ ގާބިލު މީހުން އެބަތިބި ކަމަށާއި ކުރިމަތިލާން ޖެހޭ ކަންތައްތަކުގައި ފުޓްބޯޅައިގެ ހައިބަތު ހިފަހައްޓަންޖެހޭ ކަމަށް ވެސް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނަޒީހު ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިއޯއައިޖީގައި އެހެން ކުޅިވަރުތަކުން މެޑަލް ގެނެސްގެން ފުޓްބޯޅަ އަށް ފާޑުކިޔުން ގިނަވީމަ އެފްއޭއެމްގެ ވެރިންނާއި ޓެކްނިކަލް ކޮމިޓީ އާއި ކްލަބްތަކުން ކަންތައްތައް ކުރަންޖެހޭނީ ކަމުގެ އެންމެ ރަނގަޅު ގޮތުގައި ކަމަށް ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ދިމާވި ފާޑުކިޔުންތަކުން ހައްލެއް ހޯދުމަކީ ހަމައެކަނި އަންނަ މަހު ގުއާމް އަތުން މޮޅުވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެ އަށް ވުރެ ބޮޑަށް ތައްޔާރުވާންޖެހޭ ކަމަށާއި މިއީ ދުރާލާ ރޭވިގެން އަންނަންޖެހޭ ޕްލޭނެއް ކަމަށާއި ކުއްލިއަކަށް ލީގު ބްރޭކުކޮށްގެން ގުއާމް އަތުން މޮޅެއް ލިބުނަސް މީގެ މުޅި ޖުމްލަ ފުޓްބޯޅަ އަށް ކުރާނެ މާ ބޮޑު އަސަރެއް ނެތް ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އޮތީ ގުއާމް އާއި ޗައިނާގެ އިތުރުން ފިލިޕީންސާއި ސީރިއާއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖޭން ކަނޑައަޅާފައިވާ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

ނަޒީހު ބުނީ ކޯޗުންނަށް ލައިސަންސް ދޭއިރު ބުނެދެނީ ފެންނަން އޮތް ހަގީގަތާ އެއްގޮތް ކަހަލަ ޕްލޭންތަކެއް ކުޅުންތެރިންނަށް ވިސްނައިދިނުމަށް ކަމަށާއި އޮޅުވާލައިގެން ކުރިއަށް ނުދިއުމަށް ކަމަށެވެ.

"މިސާލަކަށް މިތަނުން ނޫސްވެރިއެއް ގެނެސްފައި ތިއީ އަމީތާބު ބައްޗަން އޭ ބުންޏަކަސް ގަބޫލެއް ނުކުރާނެ. އެ ކަހަލަ ކަމެއް ފުޓްބޯޅައިގައި ވެސް ޗައިނާ ކޮޅަށް ގޯލުތަކެއް ޖަހައިގެން ނޫނީ ފިލިޕީންސް ބަލިކޮށްފައި. ގުއާމް ކޮޅަށް މޮންގޯލިއާ ކޮޅަށް ޖެހިހެން 12 ގޯލު ޖަހައިގެން އެހެން އެކަން ދާނެއޭ. އެއީ ހިޔާލީ އެއްޗަކަށް ވެދާނެ. އަޅުގަނޑު ހިސާބު ޖަހާގޮތުން ރާއްޖެ އަށް އެންމެ ފުލަށް ނުގޮސް ސަލާމަތްވެވިދާނެ،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ މި ކަމުގެ ސަބަބުން އަނެއްކާ ވެސް ކްލަބްތައް މި ވެއްޓެނީ މާލީ ގޮތުން އަޑިގަނޑަކަށް ކަމަށާއި އެކަމަކު މީގެއިން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އެއީ އެފްއޭއެމުން ކްލަބްތަކަށް މާލީ އެހީތެރިކަން ދީގެން ކްލަބްތައް ހިންގާ އުސޫލެއް ގޮތަށް އޮތުމުން މީގެ ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށާއި އަދި ހައްލެއް ލިބެން އޮތީ ކްލަބްތައް އަމިއްލަ ފައިމަތީ ތިބެ ހިންގޭނެ ދުވަހަކުން ކަމަށް ބުންޏެވެ.

މި ސީޒަނަށް އެންމެ ކުރިން ޕްރެކްޓިސް ފަށައި އދ. މަހިބަދޫ އާއި ސައުދީ އަރަބިއްޔާގައި ޓްރެއިިނިން ކޭމްޕްތަކެއް ފުރިހަމަކުރި މާޒިޔާ އަކީ ގައުމީ ޓީމުގެ ކުޅުންތެރިން އެންމެ ގިނަ ކްލަބެވެ. ގައުމީ ޓީމު ޕްރެކްޓިސް ފެށުމާ އެކު މާޒިޔާ އިން ފަރިތަކުރަންޖެހޭނީ ފުރަތަމަ ޓީމުގައި ކުޅޭ ގިނަ ކުޅުންތެރިން ނުލަ އެވެ. މި ވަރުގެ ދިގު ބްރޭކްތަކެއްގެ ތެރޭގައި މުހިއްމު ސީނިއާ ކުޅުންތެރިން ނުލައި ޓްރެއިން ކުރުމަކީ ފަސޭހަކަމެއް ނުން ކަމަށް މާޒިޔާ ކޯޗު މަރްޖާން ސެކުލޮސްކީ ގަބޫލުކުރެ އެވެ.

"ފުޓްބޯޅައިގެ އާންމު އުސޫލުގެ ކަން ހިނގާ ގޮތަށް ބަލާއިރު ސީޒަނެއް ފެށިގެން ތިން މަސް ނިމުނީމަ އަލުން ޕްރީ ސީޒަން ފަދަ ޓްރެއިނިންތަކެއް ނުހެދޭނެ. އެކަމު މިއީ އަހަރެމެން ކުރަންޖެހިފައި އޮތް އުނދަގޫ ކަމެއް،" ކުރިން މިޔަންމާ ލީގުގައި ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ބުނީ މިދިޔަ ފަހަރު އައިއޯއައިޖީ އަށް ސްކޮޑު ނެގިއިރު ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ރިލީސް ދޭން އެންގީ އެންމެ ފަހު ވަގުތު ކަމަށާއި ކުރިން ގައުމީ ޓީމަށް ނަގާ ކުޅުންތެރިން އެނގެންޖެހޭ ކަމަށާއި ޓްރެއިނިން ޕްރޮގްރާމް ރޭވޭނީ އޭރުން ކަމަށެވެ.

ޓީސީގެ ފަރިތަކުރުންތަކުގެ ތެރެއިން އާތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިއޯއައިޖީ ބްރޭކުގައި ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ގައުމީ ޓީމަށް އިސްކަންދޭން ބޭނުންވާ ކަމަށާއި އެކަމަކު މީގެ ސަބަބުން ކްލަބްތަކަށް ލިބޭ ގެއްލުންތަކަށް ވެސް ވާހަކަދެކެވިގެން ހައްލެއް ހޯދުން މުހިއްމު ކަމަށެވެ.

"މި އަހަރު ޓީސީއާ އެކު އަހަރެން ޕްލޭންކުރީ ލީގެއް ކުޅެން. ކުދި ކުދި ތިން މުބާރާތް ކުޅޭކަށް ނޫން. ގައުމީ ޓީމަށް އިހުތިރާމް ނުކުރަނީއެއް ނޫން. ގައުމީ ޓީމުގެ ރިޒަލްޓް ބޭނުން އަޅުގަނޑުމެން. ގައުމީ ކޯޗަށް ވަގުތު ވެސް ދޭންޖެހޭ. މީގެ ނަތީޖާ ނުނެރެވިއްޖިއްޔާ ކްލަބްތަކުން އެއްބާރުލުން ނުދިނުން އޮންނާނީ. އެހެންވެ ބޭނުމެއް ނޫން ކްލަބްގެ ބޮލުގައި އޭތި އެޅޭކަށް،" ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އާތީ ބުންޏެވެ.

އާތީ ބުނީ މި ކަހަލަ ގޮތަކަށް މެދުކަނޑާލައިގެން ލީގު ކުރިއަށް ގޮސްގެން ފުޓްބޯޅައިން ފެންނާނީ މައްސަލަ ކަމަށާއި ކަންތައްތައް ހައްލުކުރަން މީގެ ތެރޭގައި އުޅޭ ހުރިހާ ފަރާތެއްގެ މަޝްވަރާ ވަރަށް މުހިއްމު ކަމަށެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަނީ މިއީ ނަގަންޖެހޭ ބްރޭކެއްގެ ގޮތުގައި ގަބޫލުކުރާކަމަށް ބުނެފަ އެވެ. މި ގޮތަށް ލީގު މެދުކަނޑާލައިގެން އުނދަގޫތަކެއް ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު ހައްލެއް ލިބޭ ގޮތަށް ކުރިން މަޝްވަރާކުރުން މުހިއްމު ކަމަށް ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ބްރޭކް ނަގަންޖެހޭނެ ކަމަށް. ކުރީއްސުރެ މި ބްރޭކަށް ތައްޔާރުވުން އެއީ އެންމެ ބުއްދިވެރި ގޮތަކީ. ގައުމީ ޓީމަށް އެބަޖެހޭ ވަގުތުތަކެއް ވެސް ދޭން. ހުރިހާ ވެސް އަމާޒަކީ ގައުމީ ޓީމު. އޭގެ ނަތީޖާ އަށް ގައުމުގެ ކުރިއެރުން މި ބަރޯސާވަނީ. މި ޗެލެންޖްތައް ހުންނާނެ. މި އަށް ޝަކުވާ ކުރުމެއް ނޫން. މި އަށް ހޭނެން ޖެހޭނީ ދެން އެފްއޭއާ ވެސް ވާހަކަ ދައްކައިގެން ވީ ހާ ވެސް ދަތި ކުޑަވާނެ ގޮތަކަށް ރޭވޭތޯ މަސައްކަތްކުރާނީ،" ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މޯހަން ބުންޏެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދާދި ފަހުން މީޑިއާއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅޭ މެޗުތަކަށް ލީގު މެދުކަނޑާލުމަށް ކްލަބްތަކާ މަޝްވަރާ ކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅޭ ކޮލިފައިން މެޗުތަކަށް ލީގު މެދުކަނޑާލަން ނިންމީ ވެސް ޓީމުތަކާ މަޝްވަރާކޮށްފަ އެވެ.

ބައެއް ކޯޗުންގެ ނަޒަރުގައި އައިއޯއައިޖީ އަށް ނެގި ބްރޭކަކީ ހަގީގަތުގައި ފުޓްބޯޅައިގެ މި އަހަރަށް ބަލާއިރު އެންމެ ރަނގަޅު ބްރޭކެއް ނޫނެވެ. މި އަހަރަކީ ސައުތު އޭޝިއަން ގޭމްސް އޮތް އަހަރަކަށްވާއިރު، އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒުވާން ޓީމެއް އައިއޯއައިޖީ އަށް ތަޖުރިބާ ހޯދުމަށް ފޮނުވިނަމަ ޓީމަށް އަމާޒުވި ފާޑުކިޔުން ކުޑަވާނެ އެވެ. ފުޓްބޯޅަ ޓީމަށް ފާޑުކިޔުން އަމާޒުވީ ސީނިއާ ކުޅުންތެރިން ހިމެނިގެން ދިޔަ ޓީމަކަށް ނަތީޖާއެއް ނުނެރެވުމުންނެވެ.

ލީގުގައި މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓްރީ ކުޅޭނީ މާޒިޔާއާ އެވެ. އަދި މާދަމާރޭ އީގަލްސް ބައްދަލުކުރާނީ ވިކްޓްރީއާ އެވެ. އަދި ހުކުރު ދުވަހު ހަވީރު ގްރީން ސްޓްރީޓްސް އާއި ފޯކައިދޫ ކުޅޭ މެޗަށް ފަހު އެރޭ ލީގު މެދުކަނޑާލުމުގެ ކުރިން ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ނިލަންދޫ އާއި ޓީސީ އެވެ.