ގައުމީ ޓީމު ޖޯކަކަށް ހަދައިފި، އެފްއޭއެމް އަތް ޖަހަން!

ފުޓްބޯޅައިން ހުނަރުވެރި ޖީލެއް ބިނާކުރަން އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމަށް ތަރުހީބު ދޭން ޖެހެ އެވެ. އެއީ ފަށަން ޖެހި އެކަމަކު ނުފެށި އޮންނަތާ އެތައް ދުވަހެއްވީ ޕްރޮޖެކްޓެކެވެ. އެކަމުގެ ގިޔަރު މަތިކުރުމަށްޓަކައި ސަރުކާރާ ގުޅިގެން އެފްއޭއެމުން އަންނަނީ ފުޓްބޯޅަ ސްކޫލެއްގެ މަސައްކަތް ކުރަމުންނެވެ. އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މެޑަލް ވިނިން ޓީމެއް ބިނާކުރަން، 16 އަހަރުން ދަށުގެ ޓީމު މިހާރު ވަނީ ތަމްރީން ކުރަން ފަށައިފަ އެވެ. ސާބަސް ދޭންޖެހެ އެވެ.


އެކަމަކު، އެ ވަގުތެއްގައި އޮންނަ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަކީ "ޓުވާޑްސް ފިއުޗާ" ގެ ޓެގް އެޅުވޭނެ ޓީމެއް ނޫނެވެ. ސީނިއާ ޓީމަށް ނިސްބަތްކޮށް މިއީ ތަޖުރިބާ ހޯދަންދާ ޓީމެކޭ ވައި އަޑުން ވެސް ބުނެވިގެން ނުވާނެ އެވެ. އެ ޒަމާން ފަސްދީ ހިނގައްޖެ އެވެ. މިއީ ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމުން އެއިރެއްގައި ތިބޭ އެންމެ މޮޅު ކުޅުންތެރިން ގޮވައިގެން ސީދާ ނަތީޖާ ނެރެން ދާންޖެހޭ ޒަމާނެވެ. އަމުދުން ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން ފަދަ މުބާރާތްތަކުގައި ވާދަކުރާއިރެވެ.

ދިވެހި ފުޓްބޯޅައިގެ މާޒީ އާއި ފެންވަރާއި ފަންވަރު ގައުމީ ކޯޗު ޕީޓާ ސެގާޓަށް ނޭގޭ ނަމަ އެކަން ކިޔައިދޭން އެފްއޭއެމްގައި ޓެކްނިކަލް ޑިޕާޓްމަންޓެއް އޮވެ އެވެ. އެތަނުން އެ ޒިންމާ އަދާކުރާ ނަމަ ޖަވާބުދާރީ ކުރުވަން އެގްޒެކެޓިވް ކޮމިޓީއެއް ލާފައި އޮވެ އެވެ. އަދި އެ ކޮމިޓީ އެކަމުގައި ފެއިލްވެއްޖެ ނަމަ، ދެން އެ ޒިންމާ އެޅޭނީ ކްލަބްތަކުގެ ކޮނޑުގަ އެވެ. އެފްއޭއެމަށް ޒިންމާތައް އަދާނުކުރެވޭ ކަމަށް ބުނެ ދާދި ފަހުން ކްލަބްތަކުން ނުކުތެވެ. އެކަމަކު އެފްއޭއެމުން "އަތްބާނައި" އެކަން ހުއްޓުވީ އެވެ. ސްޕޯޓްސް މިނިސްޓްރީން ވެސް ވަރަށް ފޯރީގައި މަސައްކަތް ފެށި އެވެ. އެކަމަކު އެފްއޭއެމަށް ތިން ވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ބުނެ ފީފާ އިން އިންޒާރު ދިނުމުން މިނިސްޓްރީން ހަތިޔާރު ބެހެއްޓީ އެވެ. ޗާޓުގެ ތެރެއިން ވެސް، މިނިސްޓްރީ އަށް އެފްއޭއެމް ޒިންމާދާރުކުރުވޭނެ އެހެން ގޮތްގޮތް ހުންނަން ޖެހޭނެ އެވެ. އެކަމަކު އެފްއޭއެމުން ވަނީ އެ ގޭމުގައި "ސައިކިޔައިފަ" އެވެ.

އެ ހުރިހާ ކަމަކާ އެކު ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަޑިން މި ވަގުތު ފެންނަނީ މާޔޫސްކަމެވެ. ދިވެހި ފުޓްބޯޅައިގެ ފޯރި އެއް ޒަމާނުން އަނެއް ޒަމާނަށް ވާރުތަކޮށްދިން ކްލަބްތައް މިއަދު ނެތެވެ. ވެލެންސިއާ ރެލިގޭޓްވެއްޖެ އެވެ. ނިއު ރޭޑިއަންޓް ފައްތާލައިފަ އެވެ. ވިކްޓްރީ ނުމެކެވި ނުމެދިރި، ފެންމަތީގައި އަދި އެބައޮތެވެ. އަލަށް އަންނަ ކްލަބްތަކަށް ވެސް މާބޮޑު އުއްމީދެއް ނެތެވެ. ފުޓްބޯޅަ އަށް ފައިސާ ވަންނާނެ ގޮތެއް ނެތި، ކްލަބްތަކަށް ޖެހިފައިވަނީ ސަރުކާރާއި އެފްއޭއެމް ދޮރުމަތީ ނާށިގަނޑު ދިއްކޮށްލައިގެން ތިބޭށެވެ.

ގަލޮޅު ދަނޑެކޭ، ޖެހިގެން އޮތް ގަލޮޅު ސަހަރާއެކޭ ތަފާތެއް ނެތެވެ. ހަގީގަތުގައި މި މަންޒަރުގެ ކުލަވަރުތައް ފެންނަން ފެށިތާ އަހަރުތަކެއްވެއްޖެ އެވެ. އެކަމަކު ތަފާތަކީ އޭރު ވެސް ގައުމީ ޓީމުގެ މެޗެއް ނަމަ ދިވެހިން ދަނޑުފުރާލާކަމެވެ. ވިސްނާލާށެވެ. ރާއްޖޭގެ ދެ ވަނަ ކުޅިވަރު ކަމަށްވާ ވޮލީބޯޅައިން، އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް ކުޅެން ފުރުސަތު ލިބުނީ އިހަށް ދުވަހު އެވެ. އެ ފުރުސަތު ފުޓްބޯޅަ އަށް މީގެ ވިއްސަކަށް އަހަރު ކުރިން ލިބިއްޖެ އެވެ. އެކަމަކު ފުޓްބޯޅަ 20 އަހަރު ކުރީގައި އޮތްއޮތުމުގެ ކުރިއެރުމެއް މިއަދު ފެނޭ ހެއްޔެވެ؟ މިއަދު ގައުމީ ޓީމު ކުޅޭއިރު ވެސް ދަނޑަށް ވަންނާނެ ބަޔަކު ނުވެ އެވެ.

މިހާރު އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ރަންބޫޓު ހޯދި ދަގަނޑޭ (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވަނީ: ދަގަނޑޭ އަށް ޓީމުން ފުރުސަތެއް ނުދިން. --ފޮޓޯ: ރައީސް އޮފީސް

ގައުމީ ފުޓްބޯޅަ ޓީމުން ކުރިމަތިލާނެ އެންމެ މުހިއްމު މެޗުތައް ކަމަށްވާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންއާ ކުރިމަތިލާއިރު ގައުމީ ޓީމުގެ ސިލެކްޝަން މިއޮތީ ޒާތީ ކަމަކަށްވެފަ އެވެ. އެއްބަސްވަމެ އެވެ. ޓީމު ސިލެކްޝަނަކީ ކޯޗަށް ލިބޭ ބާރެކެވެ. އެކަމުގައި ޓެކްނިކަލް/ޓެކްޓިކަލް ސަބަބުތަކެއް ހުރެދާނެ އެވެ. އެކަމަކު!، އެކަމަކު! ނިމިގެން ދިޔަ ސީޒަނުގައި ތަފާތު ބޮޑުކޮށް ޕޮއިންޓް ހޯދައި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ އަޝްފާގް (ދަގަނޑޭ) ނުނަގާ ނަމަ އެއީ އެބުނާ ސަބަބެއް ނޫނެވެ.

ވިސްނާލާށެވެ. އަހުލާގީ ސަބަބަކާ ހެދި މައުރޯ އިކާޑީ އަދި ފޯމުން ކަޓާފައިވާތީ ގޮންޒާލޯ ހިގުއައިން ޓީމަށް ނުނެގިޔަސް އާޖެންޓީނާ އަށް މައްސަލައެއް ނެތެވެ. ސާޖިއޯ އަގުއޭރޯ އެހެރީ އެވެ. އެކަމަކު މި ދައްކަނީ ދަބަކުން ބަޑިއެއްޖަހާ ހެން ހުނަރުވެރި ކުޅުންތެރިޔަކު އުފެދޭ ދިވެހިރާއްޖޭގެ ވާހަކަ އެވެ. ދަގަނޑޭގެ ވާހަކަ އެވެ. އޭނާ އަކީ ރާއްޖެ ކީއްކުރަން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އެކަން ހަނދާން ނައްތާލައި ހަމައެކަނި ނިމުނު ސީޒަނާއި މި ސީޒަނުގެ ފޯމަށް ބެލިޔަސް ދަގަނޑޭ ނަގަން ޖެހެ އެވެ. ދަގަނޑޭގެ އިތުރުން ދެން ފުރުސަތު ނުދިން މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އުމެއިރަކީ ވެސް މި ސަހަރައްދުގެ ފެންވަރުން ވެސް އެހާމެ މޮޅު އަދި ތަޖުރިބާކާރު ދެ ކުޅުންތެރިންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އެ ކުޅުންތެރިންގެ ބޭނުން ނުހަނު ބޮޑުވާނެ އެވެ. އަދި އަމުދުން ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ބޭނުން މާ މުހިއްމުވާނެ އެވެ. ފައިނަލް މެޗަށް ސަސްޕެންޑްވެދާނެތީވެ، އެއް ކާޑުގައި ހުރި ކުޅުންތެރިޔަކު ސެމީ ފައިނަލް މެޗުގައި ނުކުޅުވަން ނިންމި ކޯޗެކޭ ސެގާޓެކެ ތަފާތެއް ނެތެވެ. އާހިރުގައި ސެމީން ބަލިވެ އެ ޓީމު ކެޓީ އެވެ.

ދަގަނޑޭ އާއި ބަކާ ނުނަގަނީ ކީއްވެތޯ ސެގާޓް ކުރެން އެހުމުން ބުނަނީ މި ކޮލިފިކޭޝަންތައް އެއްކޮށް ނިމޭއިރު އެ ދެ ކުޅުންތެރިންގެ 38 އަހަރުވާނެ ކަމަށާއި އެއީ މާދޮށީ އުމުރެއް ކަމަށެވެ. އެ ދެ ކުޅުންތެރިންނަށް، ހަތަރު އަހަރު ފަހުން 40 އަހަރު ވިޔަސް މައްސަލައަކީ ކޮބާ ހެއްޔެވެ؟ މި ރާއްޖޭގައި ގިނައީ ދުވާލަކު ދެ ގަޑިއިރު، ހާފް ޕިޗުގައި ޕްރެކްޓިސްކޮށްލައި، 12 ގަޑިއިރު ޑިއުޓީ އަދާކޮށްފައި މެޗު ކުޅޭ ކުޅުންތެރިންނެވެ. ފިޓްނަސް އާއި ޓެކްޓިކަލް އަދި ޓެކްނިކަލް ލެވެލަށް ބެލިޔަސް އޭޝިއާގެ ފެންވަރުގެ ތިބީ މަދު ކުޅުންތެރިންނެވެ. އެހެންވީމާ އެފަދަ ކުޅުންތެރިންނަށް ރަނގަޅު ފޯމުގައި ތިބިއިރު ސީނިއާ ސްކޮޑުން ފުރުސަތު ނުދިނުމަކީ ޖޯކެކެވެ.

އިޓަލީން 1982 ގެ ވޯލްޑް ކަޕަށް ޑިނޯ ޒޮފް ގެންދިޔައިރު އޭނާ އަށް 40 އަހަރެވެ. ކެމަރޫމުން 1990 ގެ ވޯލްޑް ކަޕަށް ރޮޖާ މިލާ ގެންދިޔައިރު އޭނާ އަށް 38 އަހަރެވެ. އީރާނުން 2006 ގެ ވޯލްޑް ކަޕަށް އަލީ ދާއީ ގެންދިޔައިރު އޭނާ އަށް 37 އަހަރެވެ. އިންޑިއާ އިން 2011 ގެ އޭޝިއަން ކަޕަށް ބައިޗުން ބުޓިއާ ގެންދިޔައިރު އޭނާ އަށް 34 އަހަރެވެ. އެ ކުޅުންތެރިން ގެންދިޔައީ އެ ގައުމުތަކުގައި ކުޅުންތެރިން ނެތިގެން ނޫނެވެ. ސަބަބުތައް ބައިވަރެވެ. އެ ގައުމަކަށް ގުދުރަތުން ލިބުނު ހުނަރަށް އިހުތިރާމްކުރީ އެވެ. ކޮންމެ މައިދާނެއްގައި ވެސް ކާމިޔާބު ހޯދުމަށްޓަކައި އެވަގުތު އަތުޖެހޭ އެންމެ ފެންވަރު ރަނގަޅު ހަތިޔާރެއް ބޭނުންކުރުމަކީ، އެންމެ އާއްމު މީހާ އަށް ވެސް ވިސްނޭ ފަލްސަފާކަމަށްވާތީވެ އެވެ.

ރަނގަޅެވެ. އާ ހަތިޔާރު ޓެސްޓް ވެސް ކުރަން ޖެހޭނެ އެވެ. ފުރުސަތު ވެސް ދޭން ޖެހޭނެ އެވެ. އެކަން ކުރަން ބައިނަލްއަގްވާމީ މެޗުތަކެއް ގައުމީ ކޯޗަށް ހޯދައިނުދިނީ ކީއްވެ ހެއްޔެވެ؟ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފުލް ޔޫތު ޓީމެއް ނުފޮނުވީ ކީއްވެ ހެއްޔެވެ؟ އެ ގައުމެއް ވާދަކުރާ އެންމެ ބޮޑު މުބާރާތަކީ ހަތަރު އަހަރު ފަހުން އެ ގައުމަކަށް ކުޅެން ތިބޭ ކުޅުންތެރިން ތައްޔާރުކުރަން އޮންނަ ފުރުސަތެއް ނޫނެވެ. އެއީ އެއިރެއްގައި ތިބި އެންމެ މޮޅު ކުޅުންތެރިން ނަގައިގެން ގޮސް ނަތީޖާ ނެރެން އޮންނަ މުބާރާތަކެވެ.

މިދިޔަ އހަރުގެ ޔޫތު މުބާރާތުގައި ލަނޑު ޖެހުމަށް ފަހު ހަންނަ އުފާފާޅުކުރަނީ: އެންމެ އުއްމީދީ ކުޅުންތެރިޔާ އަށް ވެސް ފުރުސަތެއް ނުދޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެއްވާ ކަމަކީ، ޒުވާން ކުޅުންތެރިންނަށް އިސްކަންދިނުމުގެ ނަމުގައި ސީނިއާ ކުޅުންތެރިން ބާކީކުރިއިރު މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އަދި އެފްއޭއެމުން ބޭއްވި 21 އަހަރުން ދަށުގެ މުބާރަތް އީގަލްސް އަށް ކާމިޔާބުކޮށްދިން ކެޕްޓަން ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ވެސް ފުރުސަތު ނުދިން ކަމެވެ. އޭނާ އަށް ހަތަރު އަހަރު ފަހުން ޔަގީނުން ވެސް ވާނީ 24 އަހަރެވެ. ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެރިން ނުވަތަ ކޯޗު ޒާތީގޮތުން ރުޅި އަންނަ ކުޅުންތެރިޔާ ނުނަގާ ފަރުޖެއްސޭނެ ގޮތެއް އޮވެގެން ނުވާނެ އެވެ. އެކަމަކު ދިވެހި ފުޓްބޯޅަ އާއިލާ މިއަދު އޮތީ އެކަން ވެސް ވަރިހަމަވާހާ ދެރަ ހާލަތެއްގަ އެވެ.

އެ ހާލަތަކީ، އޭޝިއަން ކަޕަށް ކޮލިފައިވާން ޓާގެޓްކޮށްގެން ތިބިއިރު ވެސް އެ މުބާރާތުގެ ކޮލިފައިން ފެށުމުގެ ކުރިން ލިބުނު ހަ މަސް ދުވަހު އަތްއުރާލައިގެން އެފްއޭއެމް އޮތުމެވެ. އެކަން ގޮސް ގުޅެނީ ދަގަނޑޭ އާއި ބަކާ މެން ފަދަ ތަޖުރިބާކާރު ކުޅުންތެރިން ނުނަގަން ވެގެން ސެގާޓް ދެއްކި އެހެން އުޒުރަކާ އެވެ. އޭނާ ބުނީ ސީނިއާ ކުޅުންތެރިން ނުނެގި އެއް ސަބަބަކީ ރާއްޖޭގެ ސީޒަން މި އަހަރު ފެށި ހަ މަސް ދުވަހުގެ ބްރޭކަކަށް ފަހު ކަމަށްވާތީ އުމުރުން ދުވަސްވީ ކުޅުންތެރިންނަށް ކުރީގެ ފެންވަރަށް ދިއުމަށް ދަތިތަކެއް ދިމާވާނެތީ ކަމަށެވެ.

ވިސްނާލާށެވެ. ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އޭޝިއަން ކަޕަށް ކޮލިފައިވާން ކަނޑައެޅި ޓާގެޓަށް ވާސިލްވުމަށްޓަކައި ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ނުހިމެނުނު އެއް ސަބަބަކަށްވީ (ކޯޗު ބުނިގޮތުން ނަމަ) ސީޒަން ފެށުމުގެ ކުރިން ހަ މަސް ދުވަހުގެ ބްރޭކެއް އައުމެވެ. އެ ހަ މަސް ދުވަހުގެ ތެރޭގައި ކުޅުންތެރިން ފިޓްކޮށް ބެހެއްޓުމަށްޓަކައި ގައުމީ ޓީމަށް ޓްރެއިނިން ކޭމްޕް ރާވައި މެޗުތައް ރޭވުމަކީ ކޮން ބަޔެއްގެ ޒިންމާއެއް ހެއްޔެވެ؟ އެފްއޭއެމްގެ ބޮޑު ޒިންމާއެކެވެ. އެކަން ނުކުރެވި، ކޯޗަށް އެ ކުޅުންތެރިން ސްކޮޑުގައި ހިމަނަން ފުރުސަތު ގެއްލުމަކީ އެފްއޭއެމް ފެއިލްވުމެވެ!