ރޭގެ މެޗަށް ފަހު ފައިސަލް ސަޕޯޓަރުންނާ ސަލާމްކުރަނީ.---ފޮޓޯ: ހުސައިން ވަހީދު /މިހާރު
11 ސެޕްޓެމްބަރ 2019 - 12:41
ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އޭޝިއާގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ޗައިނާ އަތުން 5-0 އިން ރާއްޖެ ބަލިވުމަކީ ނިމުމެއް ނޫން ކަމަށާއި ދެން ހުރި މެޗުތަކަށް އެނބުރި އައުން ވަރުގަދަވާނެ ކަމަށް ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނެފި އެވެ.
މިދިޔަ އަހަރު ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ފައިސަލް ވަނީ ރޭގެ މެޗުގައި ޗައިނާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. މެޗު ފަށައިގެން ފުރަތަަމަ 30 މިނިޓްގައި ރާއްޖޭން ރަނގަޅަށް ކުޅެ ކޮންމެވެސް ވަރަކަށް ޗައިނާ ހާސްކޮށްލި އެވެ. ޗައިނާ އިން ފުރަތަމަ ގޯލު ޖެހީ ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަނިޔާވެގެން ވެއްޓިފައި އޮތްވަގުތެއްގަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗައިނާ އިން ލީޑުފުޅާކުރިއިރު، ރާއްޖޭގެ ކުޅުންތެރިން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް އެޕީލްކޮށްފަ އެވެ.
ފައިސަލް ބުނީ މެޗުގެ ނަތީޖާގެ ފަރަގު ބޮޑު ނަމަވެސް ކުޅުންތެރިން މަސައްކަތްކުރި ކަމަށެވެ.
"ފުރަތަމަ ހާފްގައި އޮފްސައިޑް ގޯލެކޭ ކިޔާފައި އެޕީލްކޮށްގެން ކުޅުންތެރިންތައް އެޔަށް މި އެނބުރުނީ. ދެން ފަހު ހާފް ފެށިގެން ގޮސް ދެ ޕެނަލްޓީ މިދިނީ. އެ ހިސާބުން ކުޅުންތެރިން ކޮންމެވެސް ވަރަަކަށް ޑައުން ވެފައި މިތިބީ. އެކަމަކު ވަރަށް މަސައްކަތްކުރި އޭގެން އަރައިގަނެގެން ލަނޑެއް ޖަހަން،" ފައިސަލް ބުންޏެވެ.
"ކުޅުންތެރިން މަސައްކަތްކުރި. 5-0 އިން ބަލިވިޔަސް މި ނިމުނީއެއް ނޫން. އަދި ކުރިއަށް އޮތީ އިރާދަކުރެއްވިއްޔާ. މި އަށް ވުރެ ރަނގަޅު ނަތީޖާތަކެއް ނެރޭނަން އިރާދަކުރެއްވިއްޔާ."
މެޗުގެ ކުރިން ވެސް ގައުމީ ޓީމުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަަމަކީ ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ޓީމާ ގުޅުމަކީ ޓީމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށެވެ. ގައުމީ ޓީމާ އެކު ދެ ޕްރެކްޓިހެއް ކުރުމަށް ފަހު ޗައިނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ދަގަނޑޭގެ އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫވިއިރު، ފުރަތަމަ ހާފަށް ފަހު ދަގަނޑޭ ވަނީ ބަދަލުކޮށްފަ އެވެ.
ފައިސަލް ބުނީ ދަގަނޑޭއާ އެކު ކުރިއަށް ހުރި މެޗުތަކުގައި ޓީމު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
"ދަގަނޑޭ ހުރުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި ދަގަނޑޭ ހުރެގެން މި ޓީމު ގޮވައިގެން ކާމިޔާބީއަކާ ހަމައަށްދާނީ،" އުމުރުން 31 އަހަރުގެ ފައިސަލް ބުންޏެވެ.
ރޭގެ މޮޅާ އެކު ޗައިނާ ވަނީ ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތީ ސީރިއާ އެވެ. ތިން ވަނައިގައި އޮތީ އިއްޔެ ގުއާމް އަތުން 4-1 އިން މޮޅުވި ފިލިޕީންސް އެވެ. ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތީ ގުއާމް އެވެ.
ރާއްޖޭން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނައިރު، ކޮލިފައިން ގްރޫޕްގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނިގެން ނޫނީ އެ ޓާގެޓަށް ވާސިލްވެވެން ނެތެވެ. އެހެން ކަމުން ރާއްޖެ އަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ރަނގަޅު ނަތީޖާ ނެރުމެވެ.
ފައިސަލް ބުނީ ހޯމް އެޑްވާންޓޭޖް ނެގުމުގައި އެންމެ މުހިއްމު އެއް ރޯލެއް އަދާކުރަންޖެހޭނެ ބަޔަކީ ސަޕޯޓަރުން ކަމަށާއި އެކަން ވީ އެންމެ ފުރިހަމަ އަށް ކުރިއަށް ހުރި މެޗުތަކުގައި ކޮށްދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދޭ ކަމަށެވެ.
"ސަޕޯޓަރުންނަށް ބުނަލެން އޮތީ ސަޕޯޓަރުން އަދިވެސް މި ގޮތަށް ސަޕޯޓްކޮށްދޭށޭ. ހޯމްގައި ކުޅޭ ހުރިހާ މެޗުތަކަކަށް ހުރިހާ ސަޕޯޓަރުން އައިސް ޓީމާ އެކުގައި ތިބެ ސަޕޯޓް ކޮށްދޭށޭ،" ފައިސަލް ބުންޏެވެ.
ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު ބައްދަލުކުރާނީ ސީރިއާއާ އެވެ. ސީރިއާގެ ހޯމް މެޗު ކުޅެން ރާވާފައި އޮތީ ޔޫއޭއީގަ އެވެ. ކޮލިފައިންގައި ރާއްޖެ އަށް އެންމެ މުހިއްމު މެޗުތަކަކީ ނޮވެމްބަރު މަހު ތެރޭގައި ފަސް ދުވަހުގެ ތެރޭގައި މާލޭގައި ކުޅޭ ދެ މެޗެވެ. އެއީ ނޮވެމްބަރު 14 ގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި 19 ވަނަ ދުވަހު ގުއާމްއާ ބައްދަލުކުރާ މެޗެވެ. މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭން ވަނީ ގުއާމްގައި އެ ޓީމު 1-0 އިން ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ.އަތޮޅު
12 September 2019
ފައިސަލްގެ ގޯލް ކީޕިން ކަޑަ
އަލްޖިބްރާ
11 September 2019
މެޗް ނުވަތަ މެޗްތަށް ކުޅުމުގެ ކުރިން ފޮނިކެޑުން ހުއްޓަބަލަ ! ވަރަށް ފޮނިކަޑަމުން ދަޑަށް އެރީވެސް ! ވީގޮތް ފެނިއްޖެތަ ؟ އަމިއްލަ ދަޑެއްކަމަކު މޮޅުވާނީ މޮޅުމީހުން !
ނޫސްވެރިން
11 September 2019
ނޫސްވެރިން ކޯޗު އާއި ބައްސާމު ގާތު ސުވާލުކޮށްލަދީބަލަ ސީރިޔާ މެޗަށް ތައްޔާރުވާން ކުރާނެ ކަންތައްތަކާއި މެެދު. ކޭންޕުކުރަނީ ކޮންތާކުތޯ؟ ކިތައް ޕްރެކްޓިސް މެޗު ކުޅެންތޯ؟ ކޮންބަޔަކާތޯ ކުޅެނީ.
ޤައުމު19
11 September 2019
"މެޗު ފަށައިގެން ފުރަތަަމަ 30 މިނިޓްގައި ރާއްޖޭން ރަނގަޅަށް ކުޅެ ކޮންމެވެސް ވަރަކަށް ޗައިނާ ހާސްކޮށްލި އެވެ." މަވެސް މެޗް ބެލިން ތިބުނާ ޓީމެއް ހާސްވެގެން އުޅުނު މަންޒަރެއް ނުދެކެމު ފުރަތަމަ ހާފުގެ 45 ނިމުން އިރުވެސް.... އަނެއްކާ މަށަށް މިބެލުނީ އެހެން މެޗެއްތަ !!!
ދަގަޑުދަތްޕިލަ
11 September 2019
އަދިވެސް ދަގަޑޭނެތިގެންންނޭކިޔާތި
މުރާސިލު
11 September 2019
ފައިސަލްވެސް ބައެއް ބޯޅަތަކުގައި ތަންކޮޅެއް އަވަހަށް ނުކުތުމުން ނުރައްކާވެއެވެ. އަދި މެޗަކުން މޮޅުވެފައި އޮންނަ ވަގުތަކު މެޗު ނިމެންދާއިރު އެގޮތަށް ލަސްކޮށްލިއަސް މެޗެއްގެ ކުރީކޮޅުގައި އެގޮތަށް ލަސްކުރުމަކީ ގޯހެކެވެ. ހަމަ އެގޮތަށް ސައްޕުޖަހާއިރު މާ މައްޗަށްޖެހުމުން ކުޅުންތެރިންނަށް އެބޯޅަ ހޯދަންވެސް އުނދަގޫވެއެވެ. މިފަދަ ކަންކަން ރަނގަޅުކޮށްލާ ހިތްވަރާއެކު މަސައްކަތްކުރެވިއްޖެނަމަ ތިއަށްވުރެ މާރަނގަޅު ނަތީޖާ ނެރެވޭނެކަން ޔަޤީނެވެ.
އިޙްސާސް
11 September 2019
ޓީމަކަށް ވާކަހަލަ ޓީމަކާ ޖެހުނީމަ ހާސްވެއްޖެނު. މިޒުވާން ކުޅުންތެރިންނަށް އަދިވެސް ބޮޑެތި ވަރުގަދަ ގައުމުތަކާ އެކުވެރިކަމުގެ މެޗުތައް ކުޅެން ފުރުސަތު ހޯދަދީބަލަ. ހައްތާވެސް ދައްކަނީ އިންޑިޔާ ކަހަލަ ވައި ޓީމެއް ބަލިކޮށްފަ ތަށިނެގި ވާހަކަ. ކުރިން ކޮރެއާއާ އެއްވަރު ކުރީ އެކްސްޕީރިއަންސް ހުރި ޓީމެއް.
ރަދީފުގެދަރި ކުމާރު
11 September 2019
ތިދަޅަދައްކާތާ ތިރީހަކަށް އަހަރުވަނީ.
ސާބަހޭ
11 September 2019
ފައިސަލް ރޭގެ މެޗުގައި އާދަޔާ ހިލާފު މޮޅު ގިނަ ސޭވް ތަކެއް ކުރި. ކޮންމެ މީހަކަށްވެސް ވާނީ ވަކިވަރެއް. ހިތްވަރަށް ސާބަސް
އިގުތިސާދީ އައްޕަ
11 September 2019
ހޫނ.. އަދިވެސް ފޮނިކެނޑުމުގަ.. ރޭގަވެސް ކުޅުނީ ކޯޗެއްތަ ލަދުން ދެފައި ކާރިކޮއްލާކަށް ނުކެރޭ...
އިގުތިސާދީ އައްމަ
11 September 2019
ދެން ކަލޭ ކުޅެން އެރިނަމަ