2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ވީއޭއެމްގެ އިންތިހާބުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 އޮކްޓޯބަރ 2019 - 20:24
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބު މި މަހު 24 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް، ވީއޭއެމް ހިންގަމުން އަންނަ ނޯމަލައިޒިން ކޮމިޓީން މިއަދު ބުނެފި އެވެ.
ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ އޭރުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ނޯމަލައިޒިން ކޮމިޓީ އަކީ ސައްހަ ކޮމިޓީއެއް ކަމަށް ނުބަލާ ކަމަށް ވޮލީ ބޯޅައިގެ ދުނިޔޭގެ މައި އިދާރާ އެފްއައިވީބީން އަންގާފައި ވިޔަސް ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެންގުމާ އެއްގޮތަށް ނޯމަލައިޒިން ކޮމިޓީން އަންނަނީ މަސައްކަތްކުރަމުންނެވެ. ނޯމަލައިޒިން ކޮމިޓީން ވަނީ އެފްއައިވީބީއާ ވެސް މަޝްވަރާކުރާ ކަމަށް ބުނެފަ އެވެ.
ލަތީފްގެ ދައުރުގައި ވީއޭއެމްގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެނެސްފައި ވާއިރު، އެންމެ ފަހުން އެ ބަދަލުތައް ގެނައީ އެންމެ ކްލަބެއްގެ ހާޒިރުގައި މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާއެއްގަ އެވެ. ވީއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް އަލުން ފާހަގަކޮށް އިސްލާހުކުރަން އެ އެސޯސިއޭޝަނުގެ ސައްހަ މެމްބަރު ކްލަބްތައް ހޯދަން ނޯމަލައިޒިން ކޮމިޓީން ކުރި މަސައްކަތުން ފާހަގަވީ އަށް ކްލަބެވެ.
ނޯމަލައިޒިން ކޮމިޓީގެ ހޯދުންތަކަށް ފަހު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އިންޑޯ މުބާރާތްތަކުގައި ކުޅެފައިވާ އަށް ކްލަބަކީ ސައްހަ މެމްބަރު ކްލަބްތައް ކަމުގައި ކަނޑައެޅި އެވެ. އެ ކްލަބްތަކަކީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ޕޮލިސް ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް ސިޓީ، ޔޫތު ނިއު ޖެނަރޭޝަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް، ސްޕޯޓްސް ކްލަބު ހޯކްސް އަދި ކްލަބް ހާފް ލައިން ލިންކޭޖް އެވެ. އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން އެ ކްލަބްތަކާ އެކު ދެ ބައްދަލުވުމެއް ނޯމަލައިޒިން ކޮމިޓީން ބޭއްވި އެވެ.
ނޯމަލައިޒިން ކޮމިޓީން މިރޭ ނެރުނު ބަޔާނުގައި ބުނީ ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ އަށް ކްލަބްގެ ތެރެއިން ބައިވެރިވީ ޕޮލިސް، ގުޑީސް، ސްޕޯޓްސް ކްލަބް ސިޓީ، ޔޫތު ނިއު ޖެނަރޭޝަން، މޯލްޑިވިއަން އަދި ކްލަބް ހާފް ލައިން ލިންކޭޖް ކަމަށެވެ. ރޭގެ ބައްދަލުވުމުގައި ކްލަބްތައް ތަމްސީލުކޮށްފައިވަނީ ކްލަބްގެ ރައީސް، ނައިބު ރައީސް އަދި ޖެނެރަލް ސެކްރެޓަރީންގެ ތެރެއިން ކްލަބްތަކުން ކަނޑައެޅި ބޭފުޅުންނެވެ.
"މި ބައްދަލުވުމުގައި ވަނީ ކްލަބްތަކުން ހިންގާ ގަވައިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅި، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން އިސްލާހުތައް ފާސްކުރެވިފަ އެވެ. އެހެންކަމުން، ފާސްކުރެވުނު ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެސޯސިއޭޝަން ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށާއި އިންތިހާބު ބާއްވާނެ ތާރީހަކީ 24 އޮކްޓޫބަރު 2019 ވަނަ ދުވަސްކަމުގައި ނިންމުނެވެ،" ނޯމަލައިޒިން ކޮމިޓީން ނެރުނު ބަޔާނުގައިވެ އެވެ.
ވީއޭއެމްގެ މި އިންތިހާބުގައި ވޯޓުލާނީ ނޯމަލައިޒިން ކޮމިޓީން ސައްހަ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ އަށް ކްލަބުން ކަމަށާއި މި އަށް ކްލަބްގެ ސައްހަކަން ކަނޑައަޅާފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ކަމަށް ނޯމަލައިޒިން ކޮމިޓީގެ ބަޔާނުގައިވެ އެވެ.
ނޯމަލައިޒިން ކޮމިޓީން އިސްވެ ބާއްވާ އިންތިހާބެއް ވޮލީގެ ދުނިޔޭގެ މައި އިދާރާ އެފްއައިވީބީން ގަބޫލުކުރާނެތޯ ވެސް އެއީ އުފެދޭ ސުވާލެކެވެ. އެއީ މިހާތަނަށް ރަސްމީ ސިފައެއްގައި އެފްއައިވީބީން ނޯމަލައިޒިން ކޮމިޓީ ބަލައިގަނެފައިނުވާތީ އެވެ. ނޯމަލައިޒިން ކޮމިޓީން އެފްއައިވީބީއާ އެކު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް މިހާތަނަށް ރަސްމީ ސިފައެއްގައި އެފްއައިވީބީން އެ ކޮމިޓީ ބަލައިގެންފައިވާ ކަމަށް އެނގިފައެއް ނުވެ އެވެ. އަދި ނޯމަލައިޒިން ކޮމިޓީން މިރޭ ނެރުނު ބަޔާނުގައި ވެސް އެކަން ފާހަގަކޮށްފައެއް ނުވެ އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އެކުލަވާލި ނޯމަލައިޒިން ކޮމިޓީގެ ރައީސް އަކީ އަބްދުﷲ އާމިރު (އައްލޯ) އެވެ. ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އަދި މަރިޔަމް ޖުމާނާ އެވެ.
ނޯމަލައިޒިން ކޮމިޓީން ރޭ ބޭއްވި ކޮންގްރެސް ހުއްޓުވައިދޭން ވީއޭއެމްގެ ކުރީގެ ރައީސް ލަތީފް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް ސިޓީއެއް ފޮނުވައިފަ އެވެ. ލަތީފް ފޮނުވި ސިޓީގައި ބުނެފައިވަނީ ވީއޭއެމްގެ އިންތިހާބީ ހިންގާ ކޮމިޓީގެ މައްޗަށް ސްޕޯޓްސް ކޮމިޝަނަރު ގާނޫނާ ހިލާފަށް ނޯމަލައިޒިން ކޮމިޓީއެއް އުފައްދާފައިވާ ކަމަށާއި އެ ކޮމިޓީ އަށް ވީއޭއެމްގެ ކަންތައްތައް ނިންމުމުގެ ބާރު ނެތްކަމަށް ވޮލީބޯޅައިގެ ދުނިޔޭގެ މައި އިދާރާ އިން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ނޯމަލައިޒިން ކޮމިޓީން އެ ކުރާ ކަންތައްތަކަކީ އޮލިމްޕިކް ޗާޓަރާ ހިލާފަށް ކުރާ ކަމަކަށް ވާތީ ރާއްޖޭގެ ހުރިހާ އޮލިމްޕިކް ކުޅިވަރެއްގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން އޮލިމްޕިކް ކޮމިޓީން ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ މަސައްކަތްތައް ހުއްޓުވައިދޭން ވަނީ އެދިފަ އެވެ.
ވީއޭއެމްގެ ރައީސަކު ހޮވަން 2016 ވަނަ އަހަރުގެ މާޗް މަހު އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންވެފައި ވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން އިންތިހާބު ބާތިލްކުރި އެވެ. ވީއޭއެމްގެ ރައީސްގެ މަގާމަށް ލަތީފް އިންތިހާބުވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޮތް އިންތިހާބު ކާމިޔާބު ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy