ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަށް ގައުމީ ޓީމުގެ ޖޯޒީ އާއި ސަޕްލިމެންޓެއް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ޓޫރިޒަމް މިނިސްޓަރު އަދި ގައުމީ ޓީމުގެ ކޮމިޓީ ޗެއާމަން އަލީ ވަހީދު.-- ފޮޓޯ: އެފްއޭއެމް
13 ނޮވެމްބަރ 2019 - 14:09
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާދަމާ ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަދިޔާކުރައްވައިފި އެވެ.
ރައީސަށް ޖޯޒީއެއްގެ އިތުރުން ގައުމީ ޓީމު ކޮމިޓީގެ އިސްނެގުމާ އެކު މުހިއްމު ދެ މެޗަށް ނެރުނު ހާއްސަ ސަޕްލިމެންޓް ވެސް ހަދިޔާކުރި އެވެ.
ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރާއި ސަޕޯޓަރުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މީގެ ކުރިން އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން މިއަދު ރައީސްގެ އިތުރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ޖޯޒީއެއްގެ އިތުރުން ގައުމީ ޓީމުގެ ސަޕްލިމެންޓެއް ހަދިޔާކޮށްފަ އެވެ.
މާދަމާގެ މެޗު ބައްލަވާލެއްވުމަށް ސަރުކާރުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ވަނީ ގައުމީ ޓީމު ކޮމިޓީގެ ފަރާތުން ދައުވަތު ދީފަ އެވެ. އެ ގޮތުން ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުންނަށް ހާއްސަ ސްޓޭންޑެއް ވަނީ ކަނޑައަޅައިފަ އެވެ.
ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި ބޭނުންކުރުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން މާދަމާގެ މެޗަށް ވިއްކަން ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. އޭގެ ތެރެެއިން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2550 ޓިކެޓެވެ. ބާކީ ޓިކެޓް ވިއްކާނީ ފީފާ ގަވައިދުގައިވާ ގޮތަށް ފިިލިޕީންސް ސަޕޯޓަރުންނަށެވެ. ޓިކެޓް ވިއްކުން އިއްޔެ ޓާފް ދަނޑުގައ ހާއްސަ ރަސްމިއްޔާތަކާ އެކު ފެށިއިރު، މިއަދު ކުރިއަށްދާނީ 16:00 އިން 18:00 އާއި 20:00 އިން 20:00 ގަލޮޅު ދަނޑުގަ އެވެ. ޓިކެޓްގެ އަގުތައް އުޅެނީ ކޮލިފައިންގައި ކުޅުނު ޗައިނާ މެޗާ އެއް އަގެއްގަ އެވެ. އެއީ 100ރ. އާއި 150ރ. ގަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ތެރެއިން އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ރާއްޖޭން މަސައްކަތްކުރާއިރު، ކުރިއަށް އޮތް ފިލިޕީންސް މެޗާއި ގުއާމް މެޗުން މޮޅުވުން ވަރަށް މުހިއްމެވެ. މި މެޗަށް ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ "މަވެސް ދަން" ނަމުގައި ކެމްޕޭނެއް ފަށައިފަ އެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު ސީރިއާ އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ފިލިޕީންސާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލީއަޅުވެތިކަމަށްދެކޮޅުމީހާ
13 November 2019
ރައީސާއި ވަޒީރުންގެދައުރަށްވުރެން އިސްދައުރެއްއަދާކޮށް އަދި ކުޅުންތެރިންގެ ޕާރފޮމް ރަނގަޅުކުރުނަށް ސަޕޯޓަރުންމުހިންމުވާނެ. >< ސޯލިޙްގެވައުދުވެފައިނުވޭތޯ މިޤައުމު ލާމަރުކަޒީއުސޫލުންހިންގުމަށާއި "ވެރިކަން ލިބިއްޖެނަމަ" މިދެންނެވިއުސޫލަތް ދައުލަތްހިންގަވަން އުސޫލުރާވާނެވާހަކަ؟ >< ރާއްޖޭގެއުތުރާއިދެކުނު އަދި މެދުރާއްޖެތެރެއިން މާލެހިމަނައިގެން 3 ސަރަހައްދެއްގައިވަސީލަތްޤާއިމްކޮށް ހޯމްއަވޭއުސޫލުން މުބާރާތްނުކުޅޭނަމަ އަހަރުމެންގެތާއީދެއްނެތް.
235ކހ
13 November 2019
ތިވީ ލައްކަ ބޮޑުވަރު.. ރައީސަށް ޖޯޒީއެއް ދިނުން.. ޓާރފް ދަނޑުގައި އިސްތިހާރު ބޯޑެއް ބެހެއްޓުން.. ރަށެއްގެ ޖަމިއްޔާއަކަށް 50 ބަށިބޯޅަ ދިނުން.. މިއީތަ ގައުމީ ކުޅިވަރު އޮތް ހިސާބަކީ.. ބޯ ހަލާކު.. އަނެއްކާ ޖޯޒީ ހަދިޔާ ކުރަން ނަސީބެއްނު ސައިންސް މިނިސްޓަރު ނުދިޔަކަން..
އަޙްމަދު ޒަކީ
13 November 2019
ރަސްމީ ދުވަހެއްގައި ރަސްމީވަގުތު، ރަސްމީ ކަމެއްގައި، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ބައްދަލުކަންވާނީ، ރަސްމީ ހެދުމެއްގައިކަމަށް ދެކެން.
ރާވެރިބެ
13 November 2019
ކޮބާ މަހޭ (އިސްޕޯޓްސް މިނިސްޓަރު). އޭނާ ވައިވީތަ؟ އެކަމަކު ނޫހުން ޖާގަހޯދާއިރު އޭނާއަށްވުރެ އެކަމުގައި ކުރީގައި އުޅޭމީހެއްވެސް ނުހުންނާނެ.... މިހާރު ހީވޭ ސްޕޯޓުމިނިސްޓަރުގެ ދެބައިކުޅައެއްބައި މަސްއޫލިއްޔަތު އުފުއްލަވަނީ ޓޫރިޒަމް މިނިސްޓަރުހެންވެސް.