އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ނޮވެމްބަރ 2019 - 09:07
ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގައި ސަޕޯޓަރުންނާއި ކުޅުންތެރިން އެކުވެ އެއް ރޫހެއްގައި މަސައްކަތްކޮށްފިނަމަ މޮޅުވެވޭނެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.
ފިލިޕީންސާ ދެކޮޅަށް ރާއްޖޭން 2014 ވަނަ އަހަރު މާލޭގައި ކުޅުނު އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލް މެޗުން ރާއްޖެ ބަލިވީ 3-2 އިންނެވެ. އެ މުބާރާތް ކާމިޔާބުކޮށްގެން އޭޝިއަން ކަޕަށް ދިއުމުގެ ދޮރު ބަންދުވީ އެ މެޗުން ބަލިވުމުންނެވެ. އޭގެ ފަހުން ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެ ވަނީ 2-0 އިން ބަލިވެފަ އެވެ.
"ފިލިޕީންސް އަތުން އަޅުގަނޑުމެން ސަލާމަތްވެފައެއް ނެތް މި ކައިރި ތާރީހެއްގައި. އަޅުގަނޑު ދެކޭ ގޮތުގައި ހުރިހާ ކުޅުންތެރިން ވެސް އެއްކޮށް މަސައްކަތްކޮށްފިއްޔާ ފަސޭހަކަމާ އެކު ކާމިޔާބު ކުރެވޭނެ މެޗެއް މިއީ. އަޅުގަނޑުމެންގެ ގައުމުގައި، އަޅުގަނޑުމެންގެ ދަނޑުގައި މި ކުޅެނީ. އަޅުގަނޑުމެން ރަނގަޅު ރޫހެއްގައި ސަޕޯޓަރުންނާ އެއްކޮށް އެންމެ އެކީގައި މަސައްކަތް ކޮށްފިއްޔާ މި މެޗަކީ ކާމިޔާބުކުރެވޭނެ މެޗެއް،" މިއަދުގެ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ބުންޏެވެ.
ރާއްޖޭގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެ މުބާރާތުގެ ކޮލިފައިންއާ އެއްކޮށް ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހަވީރު މާލޭގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން މޮޅުވުމަކީ ކޮލިފައިންގައި ކުރިއަށްދާން އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.
ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ފިލިޕީންސް އޮތީ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ސީރިއާ އެވެ. ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު ޗައިނާ އެވެ. މި ގްރޫޕުގެ ތިން ވަނަ ހޯދާ ޓީމަކަށް ވެސް ކޮލިފައިވުމުގެ ފުރުސަތު އޮތުމުން ރާއްޖެ އާއި ފިލިޕީންސްގެ ލޯ ހުރީ އެ މަގާމަށެވެ.
މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދައި ސަރަހައްދުގެ ތަށި ދެ ވަނަ ފަހަރަށް ރާއްޖެ އަށް ގެނެސްދިން ކެޕްޓަން އަކްރަމް ބުނީ ރާއްޖޭގެ ފުޓްބޯޅަ އަނެއް ހަރުފަތަށް ގެންދަން ކުރާ މަސައްކަތުގައި މިއަދުގެ މެޗު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.
"މަސައްކަތް މި ކުރަނީ އެހެން ސްޓެޕަކަށްދާން. މިހާރު މި ތިބި ހިސާބަށް ވުރެ މައްޗަށް ދާން. އެގޮތަށް މަސައްކަތްކުރާއިރު މިއީ އެންމެ މުހިއްމު މެޗު. އެ އަށް ދާން. މި މެޗުން މޮޅުވެއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ފުރުސަތު ބޮޑުވާނެ. އިންޝާﷲ ވަރަށް މެޗެއް ކުޅެ މޮޅުވުން އުއްމިދަކީ،" އަކްރަމް ބުންޏެވެ.
މިއަދު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ އަންގާރަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުން ވަނީ މެލޭޝިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކޮށްފަ އެވެ. ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވަނީ މި ޓްރެއިނިން ކޭމްޕްގެ ކަންތައްތައް ދިޔައި ވަރަށް ރަނގަޅަށް ކަމަށް ބުނެފަ އެވެ. އަކްރަމް ވެސް ބުނީ ކުޅުންތެރިންގެ ފަރާތުން ޓްރެއިނިން ކޭމްޕްގެ ނަތީޖާ ފެންނަ ކަމަށެވެ.
"ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެންނަނީ ހަމަ އުފާވެރި މަންޒަރުތަކެއް. ހުރިހާ ކުޅުންތެރިންނަށް ވެސް ފީލްވަނީ ވަރަށް ރަނގަޅަށް ޕްރެކްޓިސް ކޮށްލާ ވަރަށް ރަނގަޅަށް ތައްޔާރުވެވިއްޖޭ މި ދެ މެޗަށް ވެސް. ކޯޗު ބުނިހެން އިރާދަކުރެއްވިއްޔާ އެ ނަތީޖާ އަޅުގަނޑުމެން ނެރޭނަން،" އަކްރަމް ބުންޏެވެ.
ކޮލިފައިންގައި ސެޕްޓެމްބަރު މަހު ޗައިނާ އަތުން 5-0 އިން ބަލިވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އަކުރަމަށް މިދިޔަ މަހު ސީރިއާ އަތުން 2-1 އިން ބަލިވި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނެވެ. މިއަދުގެ މެޗަށް އަކުރަމް އަލުން ޓީމާ ގުޅުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.
ކޮލިފައިންގައި ރާއްޖޭން މިއަދު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ހަތަރެއް ޖަހާއިރު އެވެ. މި ގްރޫޕްގައި މިއަދު ކުޅޭ އަނެއް މެޗުގައި ސީރިއާ ބައްދަލުކުރާނީ ޗައިނާގަ އެވެ. އެހެން ފަހަރެކޭ އެއްގޮތަށް ސީރިއާގެ މި ހޯމް މެޗު ވެސް ކުޅޭނީ ދުބާއީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުތް
14 November 2019
އިދިކޮޅު ޓީމް އެއްރޫހެއްގައި މަސައްކަތް ކޮށްފިނަމަ ދެނޯ،
ބަލްރޯގް
14 November 2019
ނުވާނެ ތިކަމެއް! ފުޓުބޯޅައަށް ހަރަދު ކުރުން ހުއްޓާލާފަ ބެޑްމިންޓަން އާއި ޓީޓީ ފަދަ ނަތީޖާ ނެރެވޭ ކުޅިވަރުތަކަށް ހަރަދުކުރިއްޔާ މާ ރަނގަޅުވާނެ!
އައިސިސް
14 November 2019
މީ އޭގެ މީހެއްކަން ބަލާލީމަކާ ނޭނގޭތަ؟
އާދަނުބޭ
14 November 2019
ރާއްޖޭގެ ކުޅިވަރުކުޅޭ އެންމެނަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ބަޔަކަށްވުމަކީ ވަރަށް މުހިއްމުކަމެއް. ފުޓްބޯޅަކުިޅޭ ޒުވާނާވެސް. ދުވަންދިޔަސް، ބެޑްމިންޓަން ކުޅުނަސް.......
ޅަމޭ
14 November 2019
ސިނގިރޭޓްބޮއި ނުދުވެވޭ އަދި ކުޅެންނޭނގޭ ބަޔަކު ކުޅޭތަން ބަލަން މަށެއް ނުދާނެ!
ޢިސްބާ
14 November 2019
ތިދަނޑު ޕޭޕާރކިންގ ހަދައި ރައްޔިތުން ދަރަނިވެރިކުރުވަން ކުރާ މަސަތްކަތް ހުއްޓާލާ! ކިތައްކިތައްމީހުން އެތިބީ ޕާރކިންނެތި ބޮޑު އަދަދުތަކުން ޖުރިމާނާކޮށް އެނުދެއްކިފަ! ޢަދި އެފައިސާ ކޯޓުން ކުރާ ހިކުމަކުންނޫނީ ދެއްކިގެން ނުވާނެ.
ފުންއަސަރު
14 November 2019
ހުރިހާވެސް މައްސަލައަކީ ކުޅުންތެރިންނާ އެއްވަރަށް، ފޯރިއާއެކު ސަޕޯޓް ނުދެވުން. ކުޅުންތެރީން ގަދަހިތްވަރުކޮށް ސަޕޯޓަރުން ހުއްޓުމެއްނެތި ސަޕޯޓް ކޮށްފިއްޔާ އަހަރެންވެސް ބުނާނީ މިމެޗުނިމިގެން ދަނޑުން ފައިބާނީ ރާއްޖޭމީހުން ހެއްވާލާވަރުކޮށްފައޭ. އިރާދަކުރެއްވިއްޔާ އަކޫގެ ތިޔަ އެދުން ފުރިހަމަވާނެ. އިންޝާﷲ! ދެންއަކޫވެސް ވިސްނާލަންވާނެ ދަނޑުމަތީހެދޭ ކުށްތަކުން ރަތްކާޑަކާނުލާ ދަނޑުން ފޭބޭތޯވެސް! ސިނގުރުޅިއަކީ ގެއްލުމެއް!