ފުޓްބޯޅަ އަށް ފާޑުކިޔައިގެން ލިބުނު އެއްވެސް ހައްލެއް ނެތް: މޯހަން

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތީ މާޔޫސްވާންޖެހޭ ހިސާބެއްގައި ކަމަށާއި ފާޑުކިޔައިގެން އެއްވެސް ހައްލެއް ނުލިބުނުކަމަށާއި މަޝްވަރާކޮށްގެން ކުރިއަށްދިއުން ނޫން ގޮތެއް ފެންނަން ނެތް ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.


ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސްގެން މިދިޔަ ޖޫން މަހު ސީޒަން ފަށައި ގައުމީ ޓީމަށް ވަގުތު ދޭން ކަމަށް ބުނެ، މިހާތަނަށް ގިނަ ބްރޭކްތަކެއް ނަގައި ފުޓްބޯޅައިގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގިނަ ކޯޗުން ވެސް އެފްއޭއެމާއި އެކި ފަރާތްތަކަށް ފާޑުކިޔައި ކަންކަން ރަނގަޅުކުރަން އެކި ލަފާދީ އެކި ކަންކަމަށް އިލްތިމާސްވެސް ކުރެ އެވެ. އެކަމަކު ކަންތައްތައް ރަނގަޅު މިސްރާބަކަށް ދާ ކަމުގެ އަލިމަގެއް އަދި ފެންނަން ނެތެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމާއި މާލީ މައްސަލަތަކާ ހުރެ އެކި ގޮންޖެހުންތައް ކްލަބްތަކުން އަންނަނީ ކުރިމަތިލަމުންނެވެ.

ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މޯހަން ބުނީ "ފާޑުކިޔައިގެން ލިބުނު މޮޅެއް އަދި ހައްލެއް" ނެތް ކަމަށާއި މީގެ ހައްލެއް އޮތީ އެންމެން ވެސް ދައްކާ ވާހަކަ އަޑުއެހުމުގެ ގާބިލުކަން އިސްކޮށް ކަންތައްތައް ރަނގަޅުކުރަން މަސައްކަތްކޮށްގެން ކަމަށެވެ.

"އެފްއޭއެމުން ވެސް އެކަން ބޭނުންވެގެން އެއް މޭޒެއް ދަށަށް އައިސް މިކަމާ ބަހުސްކޮށް ދައްކާ ވާހަކަތައް ދައްކަންވީ. އަޑު އެހުމުގެ ގާބިލްކަން ހުރިހާ ފަރާތެއްގެ ތިބެގެން އެކަމާ ވާހަކަތަކެއް ދައްކައި ހަނގުރާމަތައް ކޮށް ކިޔަން ޖެހޭ އެއްޗެއް ކިޔައިގެން ދެން ފުޓްބޯޅަ އަށް ކީއްތޯ ކޮށްދެވޭނީ ކޮންމެ މީހެއްގެ ފަރާތުން ވެސް. ބަލަންވީ. އެކަމަށް ވާހަކަ ދައްކައިގެން އޭގެ އަށް ޕްލޭނެއް ހަދައިގެން ކުރިއަށް ދިއުން އޮތީ،" ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ފުރި މޯހަން ބުންޏެވެ.

އޭނާ ބުނީ ގިނަ ކޯޗުންތަކެއް ރަނގަޅު ފާޑުކިޔުންތަކެއް ކިޔާފައިވާ ކަމަށާއި ހާއްސަކޮށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަރަށް ހަރުދަނާ ފާޑުކިޔުންތައް ކިޔާފައިވާ ކަމަށެވެ. އެކަމަކު މި ކަން ރަނގަޅުކުރަން އިސްނަގާނީ ކާކު ކަމެއް އެެއްވެސް މީހަކަށް ނުވިސްނުނު ކަމަށް މޯހަން ބުންޏެވެ.

މޯހަން ބުނީ ކަންތައްތައް މިހާރު ގޮސްފައިވާ ހިސާބުން އޭނާ އަށް ދެން ކަންތައް ކުރަންވީ ގޮތް ނޭނގިފައި ހުންނަން ޖެހޭ ފަދަ ހާލަތްތައް ވެސް ކުރިމަތިވާ ކަމަށެވެ.

"ނޭނގޭ ކިހިނެއް ކަމެއް ވަނީކީ. ކިހިނެއްކަމެއް ވާންވީކީ. މިހާރު ދެވަނަ ބުރުގެ މެޗުތަކުގެ ޓޭބަލެއް ލިބިފައި މި އޮތީ. ތިން ވަނަ ބުރު ކިހިނެއް ކަމެއް ނޭނގެ. ސީޒަން ނިމެނީ ކޮން ދުވަހަކު ކަމެއް ނޭނގޭ. މި ކަހަލަ އެއްޗެއް ނުލިބޭތީ ވަރަށް އުނދަގޫ އެއްޗެއް ޕްލޭން ކޮށްގެން ކުރިއަށްދާން. ދެން މިއާ އެކީ ކުޅުންތެރިންނަށް ވެސް ވާނުވާ ނޭނގި ދިޔައީމަ ކުޅުންތެރިން ސެލްފް މޯޓިވޭޓް ކުރެވޭނެ ގޮތެއް ވެސް ނެތް. ދަނޑަށް މީހުން ނުވަންނާތީ ކުޅުންތެރިން އެގޮތުން މޯޓިވޭޓް ކުރެވޭނެ ގޮތެއް ނެތް. މުސާރަ ގަވާއިދުން ނުލިބޭތީ އެވެސް މޯޓިވޭޓް ކުރެވޭނެ ގޮތެއް ނެތް. ހުރިހާ ކަމެއް މި ދަނީ މުޅިން ޑީމޯޓިވޭޓް ވާ ގޮތަށް،" މޯހަން ބުންޏެވެ.

ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އިތުރުން ކުޑަހުވަދޫ ގޮވައިގެން ވެސް ލީގުގައި ވާދަކުރި މޯހަން ބުނީ ކަންތައްތައް ގޮސްފައިވާ ހިސާބުން އޭނާ އަށް ވެސް ގޮތް ހުސްވާ ދަނޑިވަޅުތައް އަންނަ ކަމަށެވެ.

"ތެދަށް ދަންނަވަންޏާ އަޅުގަނޑަށް ވެސް މޯޓިވޭޓް ނުވެ އެއްބައި ދުވަސް ދުވަހު ޕްރެކްޓިހަށް އެބަދޭ. އެއީ މާޔޫސްކަމާ އެކީ އަންނަ ދުވަސް އެބަދޭ. އަމިއްލަ އަށް ސިކުނޑި ތައްޔާރުކުރަން އުޅުނަސް ނުވެ އެބަދޭ. ކިހިނެއްބާއޭ ފުޓްބޯޅަ އެ ވަނީ ކިހިނެއްބާއޭ ފުޓްބޯޅަ ވާނީ. ކޮބައިތޯ މީގެ މުސްތަގުބަަލަކީ ކިހިނެއްތޯ ދެން މިކަން އޮތީ. ކިހިނެއްތޯ ދެން އަންނަ އަހަރުގެ ސީޒަން އޮތީ. މި ކަހަލަ ކަންތައްތަކާ ވިސްނި ވިސްނި މިހުންނަނީ. އެއްވެސް ވަރަކަށް ޕްލޭނެއް ނެތި ދާހެން މި ދަނީ،" މޯހަން ބުންޏެވެ.

މި އަހަރުގެ ސީޒަން ދިގުލައިގެންދާތީ ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން މިހާރު ކުރިއަށްދާ ދެ ވަނަ ބުރަށް ފަހު ލީގު ނިންމާލަން ބޭނުންވާ ކަމަށް އަޑުފެތުރުނެވެ. މޯހަން ބުނީ މުހިއްމީ އަވަހަށް ލީގު ނިންމާލުން ނޫން ކަމަށާއި މީގެ ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ހޯދުން ކަމަށެވެ. އަދި ޕްލޭނެއް ނެތި ކިތަންމެ ގޮތެއް ހެދި ކަމުގައި ވިޔަސް އެންމެ ފަހުން ހުރިހާ ގެއްލުމެއް ލިބޭނީ ކުޅުންތެރިންނަށްކަން މޯހަން ފާހަގަކުރި އެވެ.

"ސީޒަން މި އަހަރު ނިމޭނީ ކޮން އިރަކުތޯ ބަލަންވީ. ދެން ވިސްނަންވީ ތިން ވަނަ ބުރު ކުޅެންވީތޯ ނުކުޅުންތޯ ބުއްދިވެރީ. ސީޒަން ނިމުމޭ މި ދަންނަވަނީ. މި އަހަރު ނިންމާފައި އަންނަ އަހަރު ފެށުމާ ދެމެދު ވެސް އެބަޖެހޭ ވަގުތު ކޮޅެއް ދޭން. އެ ހުރިހާ ކަމަކަށް ޕްލޭން މި ކުރަން ޖެހެނީ. އަންނަ ސީޒަން ވަގުތު ދީގެން ނިންމާލެވެންޏާ މަޖުބޫރެެއް ނޫން ތިން ވަނަ ބުރު ނުކުޅެ ދޫކޮށްލުމެއް. ކުޅުން ބުއްދިވެރީ،" މޯހަން ބުންޏެވެ.

ލީގުގައި އެންމެ ފަހުން ނިލަންދޫ އަތުން ބަލިވި މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު ސުޒޭން ބުނީ މިހާރު ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން ކަންތައްތައް ރަނގަޅުކުރަން ވާހަކަތަކެއް ދައްކަން ތިބި ބަޔަކީ ކޯޗުން ކަމަށާއި ފުޓްބޯޅަ އަށް މި ވަރުގެ ގެއްލުމެއްދިން މީހުންގެ ތެރެއިން އެއް ބަޔަކު މަގާމުން ވަކިވެ ދުރުގައި އެބަތިބި ކަމަށެވެ. އަދި ޓެކްނިކަލް ޑިރެކްޓަރުން އެފްއޭއެމުން އައްޔަނުކުރާއިރު ކަންތައްތައް ދަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި އެ މަގާމު ދޫކޮށް ދަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ސުޒޭން ބުންޏެވެ.