ޕޮލިސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސިފައިންނަށް

ފޯރިގަދަ ކުޅުމަކަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން 3-2 ސެޓުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.


މިދިޔަ އަހަރުގެ ފައިނަލުގައި ޕޮލިހާ ވާދަކޮށް ބަލިވި ސިފައިން ވަނީ އެންމެ ފަހުން ބޭއްވި ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސިފައިން ގައުމީ ލީގު ކާމިޔާބުކުރިއިރު، ލީގުގެ ދެ ބުރުގައި ވެސް ޕޮލިހުން އަތުން ވަނީ ބަލިވެފަ އެވެ. މެ ފުރަތަމަ ބުރުގައި ސިފައިން އަތުން ޕޮލިސް މޮޅުވީ 3-1 ސެޓުންނެވެ. ދެ ވަނަ ބުރުގެ ފަހު މެޗުގައި 3-2 ސެޓުން ޕޮލިސް މޮޅުވި ނަމަވެސް އެއް ޕޮއިންޓުގެ ތަފާތުން ސިފައިން ވަނީ ލީގު ކާމިޔާބު ކޮށްފަ އެވެ. ރޭގެ މެޗަކީ ޕޮލިސް އަތުން މި ފަހަރުގެ ސީޒަނުގައި ސިފައިންނަށް ލިބުނު ފުރަތަމަ މޮޅެވެ.

ޕޮލިހުން ގައުމީ މުބާރާތަށް ނުކުތީ އެ ޓީމުގެ ކޯޗުގެ މަގާމަށް ބަދަލެއް ގެނެސްގެންނެވެ. އެ ގޮތުން ގައުމީ ލީގުގައި އެ ޓީމަށް އިރުޝާދުދިން އަޝްރަފް އަލީ (އަސްރާ)ގެ ބަދަލުގައި މި މުބާރާތަށް ޕޮލިހުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ފައްލޯ ވަނީ ދާދި ފަހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ޕޮލިސް އަންހެން ޓީމަށް ހޯދައިދީފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ 15-25 އިންނެވެ. މި ސެޓުގައި ސިފައިންނަށް މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ޕޮލިހުގެ ލަންކާ ކުޅުންތެރިޔާ ދިޕްތީ ރޮމޭޝްގެ އިތުރުން އަލީ ހުޒާމް (ހުޒަންޓޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔަ ނަމަވެސް އެ ކުޅުންތެރިން ހުއްޓުވުމުގައި ސިފައިންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ރޭގެ މެޗުގެ ތެރެއިން ކޯޗު ފައްލޯ ޕޮލިހުގެ ކުޅުންތެރިންނަށް ބުނެދެނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެ ވަނަ ސެޓުގައި އެނބުރި އައިސް ސިފައިން ރަނގަޅު ކުޅުމެއް ދައްކައި ދެ ވަނަ ސެޓު ގެންދިޔަ އެވެ. ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ސިފައިން ވަނީ މި ސެޓުގައި ކޮންމެވެސް ވަރަކަށް ރަނގަޅުކޮށްފަ އެވެ. ސިފައިންގެ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި ޕާކިސްތާންގެ ކުޅުންތެރިޔާ މުބައްޝިރު ރާޒާ މޮޅު ކުޅުމެއް ދެއްކި މި ސެޓު ސިފައިން ގެންދިޔައީ 25-23 އިންނެވެ.

ދެ ވަނަ ސެޓުގައި ސިފައިން ދެއްކި ކުޅުން ތިން ވަނަ ސެޓުގައި ތަކުރާރުނުކުރެވުނެވެ. އޭގެ ބަދަލުގައި އަލުން ފޯމަކަށް އެޅި ޕޮލިހުން ރަނގަޅަށް ކުޅެން ފެށި އެވެ. ކުޑަކާއްޓެ އާއި ހުޒަންޓެގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި ސެޓުގައި ޕޮލިހުގެ އެޓޭކްތަކުގައި އެ ޓީމުގެ ސެޓަރު އިޝާން މުހައްމަދު (ބަޓިސް) ވެސް ތަފާތު ފެނުނު މި ސެޓު އެ ޓީމުން ގެންދިޔައީ 27-29 އިންނެވެ. މި ސެޓު ނިންމަން ސިފައިންނަށް ވެސް ފުރުސަތު ލިބުނު ނަމަވެސް މުހިއްމު ވަގުތުގައި އަތުން ހެދުނު ގޯސްތަކުގެ ސަބަބުން ފުރުސަތު ގެއްލުނީ އެވެ.

ތިން ވަނަ ސެޓު ގެއްލުނު ނަމަވެސް ދެން ކުޅުނު ދެ ސެޓުގައި ސިފައިން ފެނުނީ ރަނގަޅު ރޫހެއްގަ އެވެ. އެ ދެ ސެޓު 25-18 އާއި 15-12 އިން ގެންގޮސް ސިފައިން މެޗުން މޮޅުވި އެވެ. މި ދެ ސެޓުގައި ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އާއި ލިބަރޯ އަހުމަދު ނަބީލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މުހިއްމު ބޯޅަތަކެއް ސަލާމަތްކޮށްދީ ސިފައިން ލީޑުގައި ބާއްވައިދިނެވެ.

ތިން ވަނަ ސެމީގައި ޕޮލިހާއި ގުޑީސްގެ ކުރިމަތިލުމެއް

ރޭގެ މެޗުން ބަލިވި ނަމަވެސް ޕޮލިހަށް އަދިވެސް ފައިނަލުގެ ފުރުސަތު އެބައޮތެވެ. ޕޮލިހަށް ފައިނަލަށް ދެން ދެވޭނީ މިރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލުގައި ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ގައުމީ ލީގުގައި ކުޅުނު ދެ މެޗުން ވެސް ޕޮލިސް ވަނީ ގުޑީސް އަތުން ބަލިވެފަ އެެވެ. ގުޑީސް އަށް ލީގުގެ ދެ ވަނަ ގެއްލުނީ ޕޮލިސް ލީގު ބުރުގެ ފަހު މެޗުން ސިފައިން އަތުން މޮޅުވުމުންނެވެ.

ގުޑީސް ތިން ވަނަ ސެމީން ފުރުސަތު ހޯދީ އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ސްޕޯޓްސް ކްލަބް ސިޓީ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެގެންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ސިޓީން ގެންދިޔައީ 18-25 އިންނެވެ. ގުޑީސް މޮޅުވީ ދެން ކުޅުނު ތިން ސެޓު 25-17، 25-15 އަދި 25-16 އިން ގެންގޮސްގެންނެވެ. ގައުމީ ވޮލީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ގުޑީސް ޓީމަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކީ ހަސަން ނިލާމް (ޕާޓޭ) އެވެ. ގުޑީސް ޓީމުގެ ކެޕްޓަނަކީ ގައުމީ ޓީމުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އެވެ.

ގުޑީސް އާއި ޕޮލިސް ކުޅެގެން މިރޭ މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ. ފައިނަލް މެޗު އޮންނާނީ މާދަމާރޭ އެވެ. ޕޮލިހުން މިދިޔަ އަހަރުގެ ފައިނަލުގައި ސިފައިންގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.