ގައުމީ ވޮލީބޯޅަ ތަށި ސިފައިން އުފުލާލައިފި

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.


ވޮލީގެ ފިރިހެން ޑިވިޝަނުގެ ދެ ތަށީގެ ހައްގުވެރިކަން ވެސް މި ހޯދީ ސިފައިންެވެ. އެ ޓީމުން ގައުމީ ލީގު ކާމިޔާބުކުރީ ވެސް ޕޮލިހާ ވާދަކޮށް އެއް ޕޮއިންޓުގެ ފަރަގުން ކުރިހޯދައިގެންނެވެ. މި އަހަރު ފިރިހެން ޑިވިޝަނަށް އެސޯސިއޭޝަން ކަޕް ނުބާއްވަ އެވެ.

ސިފައިންގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނީ ފެނިގެންދިޔައީ ފުރަތަމަ ސެޓު ގެއްލުނު ކަމުގައި ވިޔަސް އެއް ރޫހެއްގައި ކުޅުންތެރިން ކުރި ހިތްވަރު ކަމަށާއި ގައުމީ ލީގު ކާމިޔާބުކުރިއިރު ދެއްކި ކުޅުމަށް ބަދަލެއް ގެނެސްގެން މި ހޯދުނު ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވޮލީގައި ޕޮލިސް އަތުން މޮޅުވެވޭނީ ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްގެން. ޑިފެންސްކޮށްގެން. އެޓޭކްކޮށްގެން. މި ހުރިހާ ކަމެއް ނުކޮށް ޕޮލިސް މި އޮތް ޓީމު އަތުން ކާމިޔާބެއް ނުލިބޭނެ. އެ ގޮތަށް ކުޅުންތެރިންނަށް ވިސްނައިދީގެން ހޯދުނު ކާމިޔާބެއް މިއީ. މިއީ ދުރާލާ ކުރި މަސައްކަތުން ހޯދި ކާމިޔާބެއް،" ގައުމީ ލީގުގެ މޮޅު ކޯޗަކަށް ހޮވުނު މުންތޭ ބުންޏެވެ.

ގައުމީ ލީގުގެ ޗެމްޕިއަންކަން ސިފައިން ހޯދީ ޕޮލިސް ބަލިނުކޮށެވެ. ފުރަތަމަ ބުރުގައި 3-1 ސެޓުން ބަލިވިއިރު، ދެ ވަނަ ބުރުގައި ސިފައިންގެ މައްޗަށް ޕޮލިހުން ކުރިހޯދީ 3-2 ސެޓުންނެވެ. ގައުމީ މުބާރާތަށް އާ ރޫހެއްގައި ނުކުމެ ސިފައިން ވަނީ ފުރަތަމަ ސެމީގެ އިތުރުން ރޭގެ ފައިނަލުގައި ވެސް 3-2 ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ. ރޭގެ މެޗުގެ ސެޓުތައް ދިޔައީ 25-13، 27-29، 22-25، 25-22 އަދި 13-15 އިންނެވެ.

ސިފައިންގެ އެޑަމް (ކ) ޕޮލިހުގެ ކުޑަކާއްޓެ އާއި ބަޓިސް ކައިރިން ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ޕޮލިހުން ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ ޕޮލިހުން ދިޔައީ ފުރިހަމަ ކުޅުމެއް ދައްކަމުން ދިޔަ ތަނެވެ. ޕޮލިހުގެ އަލީ ހުޒާމް (ހުޒަންޓެ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި ސްރީލަންކާ ގައުމީ ކުޅުންތެރިޔާ ދިޕްތީ ރޮމޭޝްގެ ފަރާތުން ބާރު ޝޮޓްތަކެއް ފެނުނު މި ސެޓު ޕޮލިހުން ގެންދިޔައީ 25-13 ގެ ބޮޑު ލީޑަކާ އެކު އެވެ.

ފުރަތަމަ ސެޓު ގެއްލުމުން ސިފައިން ދެ ވަނަ ސެޓުގައި މަޑުމަޑުން މެޗުގެ ތެރެއަށް އަންނަން ފެށި އެވެ. އަދި ދެ ވަނަ ސެޓު ފެށިގެން ކަހަލަ ގޮތަކަށް ޕޮލިހުގެ ހަމަލާތަކަށް ޖަވާބުދޭން ފެށި އެވެ. ސިފައިންގެ ޕާކިސްތާން ދެ ކުޅުންތެރިން ކަމަށްވާ އިދުރީސް މުހައްމަދު އާއި މުބައްޝިރު ރާޒާ އަށް ރަނގަޅަށް މެޗުގެ ތެރެއަށް ވަދެވުނުއިރު، ސިފައިންގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވެސް ދެ ވަނަ ސެޓުގައި ތަފާތު ދެއްކި އެވެ. މުހިއްމު ވަގުތުގައި ސިފައިންގެ ފަރާތުން ފެނުނު ރަނގަޅު ކުޅުންތަކާ އެކު އެ ޓީމުން މި ސެޓު ނިންމާލީ ވާދަވެރި ކުޅުމަކަށް ފަހު އެވެ. ސެޓު ނިންމާލަން ޕޮލިހަށް ވެސް ފުރުސަތު ލިބުނު ނަމަވެސް ސެޓަރު އިޝާން މުހައްމަދު (ބަޓިސް) އާއި އެ ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރުސަތުގެ ބޭނުން ނުހިފުނެވެ. ސިފައިން ސެޓު ގެންދިޔައީ 27-29 އިންނެވެ.

ތިން ވަނަ ސެޓުގައި ސިފައިންގެ ޓީމުގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް)ގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވި އެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން ސިފައިންގެ ލިބަރޯ އަހުމަދު ނަބީލް ތަފާތު ދެއްކި މި ސެޓު ސިފައިން ގެންދިޔައީ 22-25 އިންނެވެ. ހަތަރު ވަނަ ސެޓުގެ ފަހުކޮޅާ ހަމައަށް ސިފައިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މުހިއްމު ވަގުތުގައި އެ ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ ޕޮލިހުން ވަރަށް ރަނގަޅަށް ނެގި އެވެ. ކުޑަކާއްޓެ އާއި ދިޕްތީގެ ތަޖުރިބާގެ ބޭނުންކޮށް ރަނގަޅަށް ކުޅެ ހަތަރު ވަނަ ސެޓު 25-22 އިން ޕޮލިހަށް ގެންގޮސްދިނެވެ.

ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުގައި ސިފައިންގެ ރޫހު ފެނުނީ ވަރަށް ވަރުގަދަކޮށެވެ. މި ސެޓު ފެށިގެން ސިފައިން ލީޑެއްގައި އޮވެ ރަނގަޅު ކުޅުމެއް ދެއްކި އެވެ. ލޯންގޭ އާއި އެޑަމް އަދި މުބައްޝިރުގެ މޮޅު ހަމަލާތަކެއް މި ސެޓުގައި ފެނުނެވެ. ފަހަތުން އަރައި ޕޮލިހުން އެއްވަރުކުރި ނަމަވެސް އެ ގޮތުގައި ހިފަހައްޓާލެވޭ ގޮތެއްނުވި އެވެ. ނަތީޖާ އަކަށްވީ ސިފައިން މި ސެޓު 13-15 އިން ގެންގޮސް މެޗުން މޮޅުވުމެވެ.

މެޗުން މޮޅުވުމުން ސިފައިންގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިހުން ގައުމީ މުބާރާތަށް ނުކުތީ އެ ޓީމުގެ ކޯޗުގެ މަގާމަށް ބަދަލެއް ގެނެސްގެންނެވެ. ގައުމީ ލީގުގައި ޕޮލިހަށް ކޯޗުކޮށްދިން އަޝްރަފު އަލީ (އަސްރާ)ގެ ބަދަލުގައި ގައުމީ މުބާރާތުގައި ޕޮލިހަށް ކޯޗުކޮށްދިނީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ފުރަަތަމަ ސެމީގައި ސިފައިން އަތުން ބަލިވުމުން ޕޮލިހުން ފައިނަލުގެ ފުރުސަތު ހޯދީ ތިން ވަނަ ސެމީގައި ގުޑީސް ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެންނެވެ.

ރޭގެ މެޗަށް ފަހު ފައްލޯ ބުނީ ފުރަތަމަ ސެޓު ޕޮލިހަށް ލިބުނު ކަމުގައި ވިޔަސް އެ ސެޓުގައި ސިފައިންގެ ފަރާތުން ފެނުނީ އެ މީހުންގެ ފެންވަރުގެ ކުޅުމެއް ނޫން ކަމަށާއި އެހެންވެ އެ ސެޓާ ބެހޭގޮތުން މާ ބޮޑު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އެމްއެންޑީއެފް (ސިފައިން)ގެ ލެވެލްގައި އެ މީހުން ކުޅުނު ސެޓުތައް ވަރަށް ވަރުގަދަކޮށް ދިޔައީ. އަޅުގަނޑުމެން ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެން. ބައެއް ކަހަލަ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސާވިސްތައް ވަރަށް ކޮލިޓީކޮށް މިދިޔައީ. މައިގަނޑު ގޮތެއްގައި އެމްއެންޑީއެފްގެ ގިނަ ސްކިލްތަކެއް ރަނގަޅުވެގެން ދިޔައިމަ އުނދަގޫވެގެން ނުވީ،" ފައްލޯ ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފްވެރިކޮށްދެއްވި ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ލޯންގޭ އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިފައިންގެ މުބައްޝިރު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހަމަ އެ ޓީމުގެ އެޑަމް އެވެ. ގައުމީ ބީޗް ވޮލީ ޓީމުގައި ހިމެނޭ އެޑަމް ވަނީ މި ފަހަރުގެ ގައުމީ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދައިފަ އެވެ.