ލީގުގައި ވިކްޓްރީ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
31 ޖެނުއަރީ 2020 - 12:39
އަންނަ ފުޓްބޯޅަ ސީޒަނުގައި ބައެެއް މެޗުތައް ހުޅުމާލޭގައި ސިންތެޓިކް އެތުލެޓިކްސް ޓްރެކުގައި އޮތް ދަނޑުގައި ކުޅެވޭގޮތް ހެދުމަށް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީމުގެ ކޯޗަކަށް މާޓިން ކޫޕްމަން ހަމަޖެއްސުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ އަންނަ ސީޒަނުގައި ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލޭގައި މެޗުތައް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައިވާ ކަމަށެވެ.
"މިދިޔަ ހަފްތާ ތެރޭގައި ގަތަރުން ވިނައިގެ އެކްސްޕާޓުންތަކެއް އައިސް މިހާރު ވަނީ ކުރަންވާ ކަންތައް ނިންމާފައި. އަންނަ ސީޒަން ފެށެންވާއިރަށް މި ދަނޑު ކަންތައް ވެސް ނިމިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
ފުޓްބޯޅަ ސީޒަނުގެ ހުރިހާ ކަމެއް އެއް ދަނޑެއްގައި ކުރިއަށްގެންދަން ޖެހުމުން އުނދަގޫތަކެއް ދިމާވާކަމަށް މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަދި ހާއްސަ ހަފުލާތަކާ ގުޅިގެން ގަލޮޅު ދަނޑު އެކި ކަންކަމަށް ބޭނުންކުރަން ޖެހުމަކީ ވެސް ކުރިމަތިވާ ހުރަހެކެވެ. އެކަމަކު ހުޅުމާލޭ ދަނޑުގައި މެޗުތައް ކުޅެވޭގޮތް ވެއްޖެނަމަ ވަރަށް ބޮޑަށް ލުޔެއް ލިބޭނެ ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެއް ދުވަހެއްގައި ގާތްގަނޑަކަށް ހަތަރު މެޗު ކުޅެވިގެންދާނެ. އެހެންވެއްޖިއްޔާ އަޅުގަނޑުމެންގެ ކަލަންޑަރަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
ހުޅުމާލޭ ޓްރެކް ސްޓޭޑިއަމް: މި ތަނުގެ ވިނަ ގަނޑު ރަނގަޅުކޮށް އަންނަ ސީޒަނުގެ ބައެއް ފުޓްބޯޅަ މެޗުތައް ކުޅޭގޮތަށް ހަދަން އަންނަނީ ވާހަކަދެކެވެމުން. -- ފޮޓޯ: މިހާރު
އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕްގެ އެއް ވައުދުގެ ތެރޭގައި ރާއްޖޭގައި ގައުމީ ޓީމަށް ހާއްސަ ފުޓްބޯޅަ މުބާރާތެއް ބޭއްވުން ހިމެނެ އެވެ. އެކަމަކު މިހާތަނަށް ވެސް އޭގެން މުބާރާތެއް ބޭއްވިފައިނުވާއިރު، ބައްސާމް ވިދާޅުވީ އެކަމަށް ވެސް ދިމާވާ އެއް ހުރަހަކީ ހުރިހާ ކަމަކަށް އެންމެ ދަނޑެއް އޮތުމާއި ފުޓްބޯޅަ ކަލަންޑަރުގައިވާ ކަންތައްތައް ފުރިހަމަކުރަން ވެސް ހުރަސްތަކެއް ދިމާވުން ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޭނުންވޭ ގައުމީ ޓީމުގެ ގިނަ މެޗުތަކެއް ރާއްޖޭގައި ކުޅެން. އެކަމަކު ތި ފާހަގަކުރެއްވިހެން އެންމެ ދަނޑެއް އޮންނާތީ އަޅުގަނޑުމެންނަށް އުނދަގޫތަކެއް ދިމާވޭ. އަހަރެއްގެ ސީޒަން އަޅުގަނޑުމެން މި އުޅެނީ އެއްކޮށް ގެންދަން އުނދަގޫ ވެގެން. އެ ސަަބަބަށްޓަކައި އަޅުގަނޑުމެން ބްރޭކްތައް ވެސް މި ނަގަން ޖެހެނީ ވެސް،" ބައްސާމް ވިދާޅުވި އެވެ.
އިތުރު ދަނޑެއްގައި މެޗުތައް ކުޅެން ފެށުމާ އެކު މި ގޮތަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ
"ހަމައެއާ އެކީ ގައުމީ ޓީމު އެކުލެވޭ މުބާރާތްތައް ރޭވުމަށް ވެސް ފުރުސަތުތަކެއް ލިބިގެންދާނެ. މި ހުރިހާ ކަމެއް ކުރިއަށް އޮތް ދޮޅުމަހެއްގެ ތެރޭގައި ހަމަޖެހިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
ޖުލައި 26 ގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި މިދިޔަ އަހަރު ކުރިއަށްދިޔަ ދުވަސްވަރު ޔުއެފާގެ އެހީގައި ބޭއްވި 15 އަހަރުން ދަށުގެ މުބާރާތް ކުރިއަށްގެންދިޔައީ އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ. ގަލޮޅު ދަނޑު އެކި ކަންކަމަށް ބޭނުންކުރަމުން އަންނައިރު މިހާރު ވެސް އިކޮނޮމިކް މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ދަނޑުގެ އިމާރާތް އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ގަވާއިދާ ހިލާފަަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުންނެވެ.
ގަތަރުގެ އެހީގައި ހުޅުމާލޭގައި އަޅާ ފުޓްބޯޅަ ސްޓޭޑިއަމެއްގެ ވާހަކަ އެކި ފަހަރު މަތިން ދެކެވުނު ނަމަވެސް މިހާތަނަށް އަދި އަމަލީ ސިފައެއްގައި އެކަން ފެނިގެން ނުދެ އެެވެ. ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ޗައިނީސް މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްފަ އެވެ. މިއީ 2023 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއީއައިޖީ) އަށް ރާއްޖޭގައި އަޅާ ސްޓޭޑިއަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައއއއ
02 February 2020
އޭރުން ހުޅުމާލެ ރައްޔިތުން ދުވަން ދާނީ ކޮންތާކަށް. މިހާރުވެސް ގައުމީ ޓީމުން ކުދިން ހަވީރު ދަނޑު ނަގައިގެން އެތަނަށް އެރެނީކީ ނޫން. ދުވާ އެންމެ ޓްރެކްއް އޮންނައިރު އެތަން ފުޓުބޯޅަ ކުޅޭތަނަކަށް ހެދީމަ ކޮބައި ދުވާ މީހުއްގެ ޙައްޤުތައް. ހުޅުމާލޭގެ ރައްޔިތުން އިޙްތިޖާޖަށް ނުކުންނަށް ވާނެ
ސައިނީ
01 February 2020
ޓްރެކްގެ ބޭނުން ތި ކެޑެނީ ބަލަން ތިބޭ!
ހުސޭ
01 February 2020
ހޫމމމ. ޢެރުންތާ ޔޫރަޕުގަ ފެންނަހެން ބަހުން ފައިބައިގެން އަންނަތަން ވެސް ވީޑިއޯ ކޮށްލެވޭނީ.