08 ފެބުރުއަރީ 2020 - 19:32
ގައުމީ ފެންވަރުގައި މީގެ ތިން އަހަރު ކުރިން ޓޭބަލް ޓެނިސް ކުޅެން ފެށި ފާތިމަތު ދީމާ އަލީ އަށް އެ މުއްދަތުގެ ތެރޭގައި ލިބުނު ފައިސާ އިން އޭނާ އަށް މައިންބަފައިން ފްލެޓެއް ގަނެދީފި އެވެ.
އެ ފައިސާގެ ތެރޭގައި ހިމެނެނީ ގައުމީ ޓީމުގެ މުސާރަ އާއި އިނާމް ފައިސާ އާއި ހެޔޮއެދޭ ފަރާތްތަކުން ދިން ހަދިޔާ އެވެ. ހުޅުމާލޭން ފްލެޓެއް ގަނެވޭ ވަރުގެ އާމްދަނީއެއް އެންމެ ތިން އަހަރުގެ ތެރޭގައި ލިބުމާ އެކު ދީމާ ހިމެނެނީ ކުޅިވަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދިވެހި ކުޅުންތެރިންގެ ލިސްޓުގެ ވަރަށް ކުރީގަ އެވެ.
ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފުޓްބޯޅަ ކުޅުންތެރިންނަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އަލީ އަޝްފާގް (ދަގަނޑޭ) 2014 ވަނަ އަހަރު މެލޭޝިއާ ލީގުގައި ކުޅުނު ދުވަސްވަރެވެ. އެނގިފައިވާ ގޮތުގައި ރާއްޖޭގައި ކުޅެގެން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅުންތެރިޔާ އަށް ލިބިފައިވަނީ އަހަރަކު 1.5 މިލިއަން ރުފިޔާގެ ނިސްބަތުގެ މުސާރައެކެވެ. އެކަމަކު އެވްރެޖްކޮށް އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ރާއްޖޭގައި އަހަރެއްގެ މައްޗަށް ލިބެނީ އަހަރަކު 250،000ރ. އެވެ. ބައެއް ކުޅުންތެރިން ފައިސާ ނަގަނީ އަހަރަށް ވާ ވަރަށް އެޑްވާންސްކޮށެވެ. ނުވަތަ އެއްބައި އެޑްވާސްސްކޮށް ނަގާފައި ބާކީ ބައި މަހުން މަހަށެވެ.
ދީމާ އަށް ގައުމީ ޓީމުން މުސާރައިގެ ގޮތުގައި ލިބެނީ 5000ރ. އެވެ. މި ސަރުކާރުން ގައުމީ ޓީމުގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް އެވަރު ލިބެ އެވެ. ކުރީ ސަރުކާރުގެ އުސޫލުގެ ދަށުން 5000ރ. ލިބެނީ ގަދަ ދެ ކުޅުންތެރިންނަށެވެ. އެކަމަކު އޭރު ވެސް ދީމާ އަބަދުވެސް އެއް ވަނަ ނުވަތަ ދެ ވަނައިގައި އޮންނާތީ އޭނާ އަށް އޭރު ވެސް މަހަކު 5000ރ. ލިބެ އެވެ.
ދީމާގެ އާމްދަނީ މިހާ ބޮޑުވެގެން ދިޔަ ސަބަބަކީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ބޮޑު ކާމިޔާބެވެ. އެ ގޭމްސް އިން ތިން ރަން މެޑަލް (އިންޑިވިޖުއަލް، ޑަބަލްސް، ޓީމް އިވެންޓް) ހޯދުމުން ސަރުކާރުން އޭނާ އަށް ބޯނަސްގެ ގޮތުގައި 750،000 ދިނެވެ. މިހާރު އެވޯޑްސްގެ 2018 ވަނަ އަހަރުގެ އެންމެ މޮޅު ތިން ވަނަ އަންހެން ކުޅިވަރު ކުޅުންތެރިޔާ އާއި އެންމެ އުއްމީދީ ކުޅުންތެރިޔާގެ އިނާމާ އެކު ވެސް އޭނާ އަށް ފައިސާ ލިބުނެވެ. އަދި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާގެ ގޮތުގައި ވެސް ދީމާ އަށް ފައިސާ ދީފައިވެ އެވެ.
ދީމާ ފްލެޓެއް ގަތްކަން އޭނާގެ ބައްޕައާ ހަވާލާދީ، އިއުލާންކުރައްވަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ގައުމީ ޓީމުގެ މުސާރައިގެ އޮނިގަނޑާއި އިނާމް ފައިސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ގެނައި ބަދަލުތަކާ އެކު، ހެޔޮ ބަދަލުތައް ފެންނާތީ ވަރަށް އުފާފުޅުކުރައްވާ ކަމަށެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ކާމިޔާބީ ހޯދައިދޭ ކުޅުންތެރިންނަށް ދޭ ބޯނަސް މި ސަރުކާރުން ވަނީ އިތުރުކޮށްފަ އެވެ.
ދީމާ (މ) އޭނާގެ މަންމަ ވަހީދާ (ކ) އާއި ބައްޕަ ސައްތާރާ އެކު.
ދީމާގެ އެންމެ ބޮޑު ނަސީބަކީ އޭނާގެ މައިންބަފައިން، އޭނާ އަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ވެސް ކުރަނީ މީގެން އެއްވެސް ފައިސާއެއްގައި ނުޖެހި ކަމަށް ވާތީވެ އެވެ. ދީމާގެ ބައްޕަ އަބްދުއްސައްތާރު އަލީ "މިހާރު" އަށް ބުނީ އެދެމަފިރިން ބޭނުންވަނީ ދީމާ އަށް ކުޅެގެން ލިބޭ ފައިސާއެއް ވިއްޔާ އޭނާ ބޮޑުވެގެން ބޭނުންކުރަން ބަހައްޓާށެވެ. އެހެންވެ ފުރަތަމަ މަސައްކަތްކުރީ ދީމާގެ ނަމުގައި އެކައުންޓެއް ހުޅުވައި އެ ފައިސާ ރައްކާކުރާށެވެ.
"އަޅުގަނޑުމެން މިތިބީ އުމުރުންދުވަސްވެފައި. އަޅުގަނޑުމެންގެ އެކައުންޓުގައި އެ ފައިސާ ބަހައްޓައިގެން ފަހުން ދީމާގެ އަތަށް ނުގޮސްދާނެތީބެ ސީދާ ބޭނުންވީ އޭނާގެ ނަމުގައި އެކައުންޓަކަށް ޖަމާކުރަން. އެކަމަކު (އެކައުންޓެއް ހުޅުވަން އިދާރީ) އުނދަގޫތަކެއް ހުރުމުން ހިތަށް އެރީ އެ ފައިސާ އިން ފްލެޓެއް ގަންނާނީއޭ ދީމާގެ ނަމުގައި. އޭރުން އެތަން ހުންނާނެތާ ދީމާގެ ބޭނުމަށް،" ސައްތާރު ބުންޏެވެ.
ދީމާގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާދާރުންނަކީ ވެސް ބައްޕަ ސައްތާރާއި، މަންމަ އައިޝަތު ވަހީދާ އެވެ. އޭނާގެ ހުނަރުވެރިކަން ފާހަގަވާން ފެށީއްސުރެ އެދެމަފިރިން އެތިބީ އޭނާގެ ކުރިއެރުމަށް ހުސްވެގެންނެވެ. ދީމާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު، މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭގެ ފަހުން ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އެވެ. އެ ކާމިޔާބީއާ އެކު ލަންކާ ކޯޗުންނާއި އެސޯސިއޭޝަންތަކުގެ ވެރިން ވަނީ އޭނާ ވަށާލައި، ލަންކާ އަށް ކުޅެން ދައުވަތުދީ އެކަމަށް ބާރު އެޅި އެވެ. އެކަމަކު ސައްތާރާއި ވަހީދާ އޭރު ވެސް ބުނަމުން ދިޔައީ އުފަންވީ ލަންކާ އަށް ކަމަށްވީ ނަމަވެސް އަދި އެ ގައުމުން ފުރުސަތުތައް އޮހުނަސް ބޭނުންވަނީ ދީމާ އަމިއްލަ ގައުމަށް ކުޅުވަން ކަމަށެވެ. އަދި ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށް، އަދި ދީމާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހެދުމަކީ ހުވަފެނެއް ކަމަށް ވެސް ބުންޏެވެ ސްކޫލް ބަންދާ ދިމާކޮށް އެކި ގައުމުތަކަށް ގެންގޮސް ތަމްރީން ހޯދައިދިނީ އަމިއްލަ ޖީބުން ހަރަދުކޮށްގެންނެވެ. ދީމާ ހަގު ކަމުން އޭނާއާ އެކު އެ ހުރިހާ ތާކަށް މައިންބަފައިންދެ އެވެ.
Dheemaa: Mamma aai bappa ge qurubaanee ge agu ranun!
The most trusted news source in the Maldives
Mihaaru
"ދީމާ: މަންމަ އާއި ބައްޕަގެ ގުރުބާނީގެ އަގު ރަނުން!" ނަމުގައި "މިހާރު" ނޫހުގައި ކުރިން ޝާއިއުކޮށްފައިވާ ރިޕޯޓެއް.
އެގޮތުން މާލެ ގެނެސް ގައުމީ މުބާރާތުގައި ވާދަކުރަން ފެށީ އެވެ. ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި އޭނާ މިވަނީ ރާއްޖެ އަށް ތިން ރަން މެޑަލް އައިއޯއައިޖީން ގެނެސްދީފަ އެވެ. އަދި ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި މިލްކުކުރުމުގެ ފުރުސަތު އުމުރުން 12 އަހަރުގައި މިވަނީ ހޯދައިފަ އެވެ.
އެފަދަ ކާމިޔާބީތަކާ އެކު ވެސް ބައެއް ދިވެހި ކުޅުންތެރިންނަށް އޮންނަ ކަންބޮޑުވުމަކީ ކުޅިވަރުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ޕްރޮފެޝަނަލް ކެރިއަރެއްގެ ގޮތުގައި ކުޅިވަރު ނެގެން ނެތުމެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބު ހޯދުން ލިބޭ ބޯނަސް ފައިސާގެ އޮނިގަނޑުގެ ދަށުން ބޮޑު އެއްޗެއް މިހާރު ލިބުނު ނަމަވެސް އެވަރުގެ ކާމިޔާބެއް ކޮންމެ ކޮންމެ ކުޅިވަރަކުން އަދި ކޮންމެ ކޮންމެ މުބާރާތެއްގައި ހޯދުމަކީ އަދި ދިވެހި ކުޅުންތެރިންނަށް ދަތި ކަމެކެވެ. ބޮޑެތި ގޭމްސް އޮންނަނީ ހަތަރު އަހަރުން އެއް އަހަރު އެވެ. މިދިޔަ އަހަރު ފިޔަވައި ކުޅިވަރު ކުޅުންތެރިންތަކަށް ބޮޑު އަދަދެއް އެއް ފަހަރާ ލިބުނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން، ފުޓްބޯޅަ ކުޅުންތެރިންނަށެވެ. އެ ފަހަރު ސަރުކާރުގެ ބޯނަހާއި ވިޔަފާރިވެރިންގެ އެހީއާ އެކު ކޮންމެ ކުޅުންތެރިޔަކަށް 500،000 އަށް ވުރެ ބޮޑު އަދަދެއް ލިބުނެވެ. ބައެއް ކުޅުންތެރިން އިންވެސްޓްކުރި އެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންނަށް ވެސް ރަނގަޅު ފައިސާގެ އިނާމެއް ލިބުނެވެ.
ރާއްޖޭގައި ވިޔަފާރި އިޝްތިހާރުތަކުން ކުޅުންތެރިންނަށް އާމްދަނީއެއް ލިބޭނެ ފުޅާ މަގެއް ނެތެވެ. އެހެންވެ ރާއްޖޭގެ، އެތެރޭގެ މުބާރާތްތަކުގެ އިނާމް ފައިސާ އާއި ކްލަބްތަކުން މުސާރައިގެ ގޮތުގައި ލިބޭ ފައިސާ ބޮޑުވެގެން ނޫން ގޮތަކަށް އަދިވެސް ރާއްޖޭގައި ކުޅިވަރަށް ހުސްވެގެން ތިބުން އުނދަގޫ ކަމަށް ބައެއް ކުޅުންތެރިން ބުނެ އެވެ. އެފަދަ އާމްދަނީއެއް ކުޅިވަރުން ހޯދެން އޮންނާނީ ކޮމާޝަލީ ފައިސާ ނެރެވޭ ވަރުގެ އުފެއްދުމަކަށް ރާއްޖޭގެ ކުޅިވަރު ވެގެންނެވެ. ރާއްޖޭގައި ކުޅި ބަލަން މީހުން ނުވަންނާތީ ކުޅިވަރުން ފައިސާ ނެރެވޭނެ ފޯމިއުލާއެއް ނެތެވެ. އެކަން ފަސޭހައިން ކުރެވެން އޮތް ކުޅިވަރު ކަމަށްވާ ފުޓްބޯޅައިގެ ފޯރި ވެސް ވަނީ ކުރިއާ ބަލާއިރު ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްތާރު
10 February 2020
ހަމަ ހުރެފަކާ ލިބުނު އެއްޗެއްނޫން ތީކީ. އެކުއްޖާފުޅު މަސައްކަތް ކޮއްގެން ހޯދި ހަލާލު ފައިސާއިން އަމިއްލަ އަށް ގަން ފުލެޓެއް. އެ ކުއްޖާއާ ދިމާ ނުކުރޭ
އުދުހޭ ކޮކާ
09 February 2020
މިރާއްޖޭގަ ކިޔަވާނެ ކަމެއްނެތް! ކުޅިވަރު ކުޅުނީމަ ނިމުނީ
ސުވާލ
09 February 2020
އެގޮތަށް ފްލެޓެއް ގަތުމަކީ ދީމާވެސް އެންމެ ބޭނުންވި ގޮތް ކަމެއް މި ލިއުމުން ސާފެއްނުވި. ފައިސާގެ ގޮތުގައި އެ ބެހެއްޓުނުނަމަ ދީމާ ބޮޑުވެގެން އެއަށް ހަދާނީ ދީމާ އެންމެ ބޭނުންވާ ގޮތް.
އުދުހޭ.
09 February 2020
ދީމާގެ ބައްޕަގެ މިލްކު ގައި މާލޭގަ 10 ބުރީގެ އިމާރާތެއް. ލަންކާގަ އެޕާރޓް މަންޓެއް. މާލޭ ގައި ދުއްވާ އެތައް އުޅަދެއް. ދީމާ އަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ކުއްޖާ. ޢެހެން ވީމާ ދީމާ ކިތަންމެ އުހަކަށް ގެންދަން ވެސް މަސައްކަތް ކުރުމުގެ ގާބިލް ކަން ދީމާގެ މައިން ބަފައިން ނަށް ލިބިފައިވޭ!
ޗާޗާޗާ
09 February 2020
ރާއްޖޭގަ ތަޢްލީމުގެ ބޭނުމެއް އަގެއްނެތް، ލޯބޯފިއްސައިގެން ހޯދާ ލާރިކޮޅު ކުއްޔައް.....ކުޅިވަރު ކުޅުނީމަ މާ ފައްކާ.................
އަލީ123456
09 February 2020
އަދި ކުޅިވަރުކުޅުނަކަސް ނުފުދޭނެ... ބޭރުގެ މުބާރާތްތަކުން 1ވަނަ ހޯދަބަލަ. ލިބޭނެ.
ދޮންހަސަނު
09 February 2020
އެކައުންޓެއް ހުޅުވަން އިހާ އުދަގޫތޯއެ. އަޅުގަނޑުވެސް މިއުޅެނީ އަޅުގަނޑުގެ ދަރިފުޅު ނަމުގައި އެކައުންޓެއް ހުޅުވައިގެންނެ. ނުހަނު ފަސޭހައިން އެކަން ވެއްޖެއެ. އަދި އަމުދުން މިހާރު ކިޑްސް ސޭވިން އެކައުންޓްތަކާ އެއްޗެހި ހުންނައިރު ތީ މާ ތާކުން ތާކުޖެހޭ ވާހަކައެއްހެނެއް ހިއެއްނުވެއެ.
އަހްމަދު
09 February 2020
އެކައުންޓް ހުޅުވުމެއް އުނދަގުލެއްނޫން. އުނދަގޫވަނީ ކުއްޖާއަށް 18 އަހަރު ނުވަނީސް ކުއްޖާގެ ބައްޕަ ނިޔާވުމުން ދެން އެ އުފުލަންޖެހޭ ތަކުލީފްތައް.
މަހޭ
09 February 2020
ތިގޮތައް މަށަވެސް ރުފިޔާ ހަދިޔާ ކުރާނެ މީހުންތަކެއް ވެއްޖޭޔާ މަވެސް ގަނެލާނަން މުޅި ބިލްޑިން ވެސް
ބޭބެ
09 February 2020
މަރުހަބާ ދީމާ ކޮށްކޯ ކުރިއަށް ކުރިއަށް މާތްﷲ ޝުކުރުކުރޭ ތިދެއްވާ ނިޔުމަތަކަށް
އެހެންރަށަ
09 February 2020
750000 ދެވެންޏާމު، އަހަރެމެންގެ ޕެންޝަން ފަންޑުގައި ހުރި +100000 ރުފިޔާ ނެގޭ ގޮތް ހަދައިދީ، ގައިމުވެސް ސަރުކާރު ބަނޑަކަށް ނުޖެހޭނެ..އެހެންނު ؟
ހޯރަބޭ
09 February 2020
މި މަންޖެ ވޯލުޑްރިކޯޑް ފޮތަށްނާރަތަ. މިހާ ޅައުމްރުގަ އެފާޓްމަންޓެއް ގަތީމަ.
ރިޒާ
09 February 2020
ކުދިން ބުލީކުރުމަކީ ކޮންކަހަލަ ކަމެއް. ތިޔަށްކިޔަނީ ބުލީ ކުރުން.