ސުޒޭން ބުނަނީ ލަދުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް

އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފާޑުކިޔުމަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އަލީ ސުޒޭން ބުނެފި އެވެ.


ފާއިތުވި ހަތަރު ވަރަކަށް އަހަރު އެފްއޭއެމްގެ ލީޑާޝިޕާއި އެތަނުގެ ހިންގުމަށް އެންމެ ބޮޑަށް ފާޑުކީ އެކަކަކީ ސުޒޭނެވެ. އޭނާ ވަނީ މީޑިއާގައި އަދި ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް އެފްއޭއެމަށް ފާޑުކިޔައިފަ އެވެ. ސުޒޭން ކޯޗުކޮށްދެމުން އައި ކްލަބް ގްރީންސްޓްރީޓްސް ކުޅޭ މެޗުތަކުގެ ކުރިންނާއި ފަހުން އޮންނަ ރަސްމީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ފަހަކަށް އައިސް ޓެކްނިކަލް ވާހަކަ އަށް ވުރެ ބޮޑަށް ސުޒޭން ދެއްކީ އެފްއޭއެމާ ގުޅޭ ވާހަކަތަކެވެ.

އެކަން އެގޮތަށް ކުރުމަށް ފަހު، ދެން ގޮސް އެފްއޭއެމްގައި ބައްސާމާ އެކު މަސައްކަތްކުރަން ލަދުނުގަނޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ސުޒޭން ބުނީ "ފުޓްބޯޅަ އަށް ރަނގަޅަކަށް ކުރާ ކަމެއްގައި ލަދުގަންނަންޖެހޭ ސަބަބެއް އޮވެގެން ނުވާނެ" ކަމަށެވެ.

"އަޅުގަނޑު އަމިއްލަ އެދުމެއް އޮވެގެން މި ތަނަށް އައި މީހެއް ނަމަ މިއީ މިތަނޔގައި ކުރާނެ މަސައްކަތެއް ނޫން. އަޅުގަނޑު ބައްސާމަށް ކީ ފާޑުކިޔުމެއް ނޯންނާނެ. އޭގެ ރެކޯޑިން އެއް އަދި ލިޔެކިއުމެއް ވެސް ނޯންނާނެ. ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރަން ފާޑުކިޔާފައިވާނީ. (އެ ފާޑުކިޔުންތައް) ބައްސާމަށް އަމާޒުވިޔަސް ނޫނީ ޖަވާ އަށް އަމާޒުވިޔަސް ނޫނީ އަޅުގަނޑު އަމިއްލަ ނަފްސަށް އަމާޒުވިޔަސް ކުރާނެ ކަމެއް ނެތް. އެކަންތައް ކޮށްފައި އޮންނާނީ ކުރަން ޖެހޭތީވެ ވަރަށް ސާބިތުކަމާ އެކީގައި އިހުލާސްތެރިކަމާ އެކީގައި،" ސުޒޭން ބުންޏެވެ.

"ފުޓްބޯޅަ އަށް ފައިދާވާނެ ކޮންމެ ކަމެއްގައި އަޅުގަނޑު ލަދެއް ވެސް ނުގަންނާނެ ޖެހިލުމެއް ވެސް ނުވާނެ ކޮންމެ ކަމެއް ކުރަން ވެސް."

އެއް ބަޔަކު ސިފަ ކުރާގޮތުގައި އެފްއޭއެމްގެ ރައީސް ބައްސާމް، ސުޒޭން ގައުމީ ޓީމަށް ގެނައީ އޭނާގެ ފަރާތުން އަމާޒުވަމުންދިޔަ ފާޑުކިޔުންތައް ހުއްޓުވުމަށެވެ. އެގޮތުން މިއީ ކުރިއަށް އޮތް އެފްއޭއެމް އިންތިހާބާ ދިމާކޮށް ފާޑުކިޔުންތައް ހުއްޓުވައި، ބައްސާމުގެ ޓީމު ވަރުގަދަކުރަން ކުރި ކަމެއް ކަމަށް އެއް ބަޔަކު ސިފަކުރެ އެވެ. އެކަމަކު ސުޒޭން ބުނީ އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އޭނާގެ ފަރާތުން ބައްސާމަށް ވާނެ ފައިދާއެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"(އެފްއޭއެމް)ގެ ރައީސް ބައްސާމް އަޅުގަނޑު މިތަނަށް ގެންނަން ޖެހޭ އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ނޯންނާނެ. އެއީ އަޅުގަނޑަކީ އެއްވެސް ކްލަބެއްގެ އެގްޒެކްޓިވް ބޯޑުގައި ހިމެނޭ މީހެއް ނޫން. އަޅުގަނޑުގެ އެއްވެސް ކްލަބެއް ވެސް ނޯންނާނެ މި އިންތިހާބުގައި ވޯޓުލާ،" ސުޒޭން ބުންޏެވެ.

މީގެ ކުރިން އެފްއޭއެމްގެ އިންތިހާބުތަކުގައި ސުޒޭން ވަރަށް ހަރަކާތްތެރިކޮށް ފެނުނެވެ. ހާއްސަކޮށް މިހާރު އޮތް ލީޑަޝިޕާ އިދިކޮޅަށެވެ. ސުޒޭން ބުނީ އެފްއޭއެމްގެ ރައީސްގެ މަގާމަށް މީހަކު ގެންނަނީ މުޅި ރާއްޖޭގައި ކެމްޕެއިނެއް ކޮށްގެން ނޫން ކަމަށާއި އެެހެން ކަމުން އެކަމުގައި އުޅޭނީ ވަކި ބައެއް ކަމަށެވެ.

"އިންތިހާބާ ގުޅުން ހުރީމަ ބައެއް ބޭފުޅުންގެ މޫނުމަތިން އުނދަގޫކަމެއް ހުރި ނަމަވެސް އަޅުގަނޑަކަށް ނެތް އެއްވެސް އުނދަގޫކަމެއް. އެއީ އަޅުގަނޑު މި އައީ އެފްއޭއެމް އިންތިހާބުގައި ބައްސާމް ގެ ކެމްޕެއިނަކަށް ވެސް ނޫން. އަޅުގަނޑު މި އަންނަނީ ރާއްޖޭގެ ގައުމީ ޓީމުގެ ކަންކަން ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެން. (އެފްއޭއެމް އިންތިހާބުގެ ކަންތައް) އެކަން ކުރައްވާނީ އެފްއޭއެމްގެ އެގްޒެކްޓިވް އަދި ކުރިމަތިލައްވާ ބޭފުޅުން،" ސުޒޭން ބުންޏެވެ.

ގައުމީ ކޯޗަކަށް ދާދި ފަހުން ހަމަޖެއްސި މާޓިން ކޫޕްމަން އާއި އެސިސްޓަންޓް ކޯޗު ރެނޭ ހިޑިންކްއާ އެކު މިއަދު ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާނެ އެވެ. ސުޒޭން އެސިސްޓަންޓަކަށް އައިސް ޓީމާ އެކު މަސައްކަތް ފަށާއިރު މި ވަގުތު ޓީމުގައި އޮތީ އޭނާގެ ބައިވެރިވުން އޮވެގެން ނެގި ސްކޮޑެއް ނޫނެވެ. މިހާރު އޮތް ސްކޮޑުގައި މި ވަގުތު މޮޅަށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ނެތްކަމުގެ ޝަކުވާ ސަޕޯޓަރުން އަންނަނީ ކުރަމުންނެވެ.

ސުޒޭން ބުނީ އޭނާ ބޭނުންވީ ގައުމީ ޓީމަށް ނެދަލެންޑްސް، ޕޯޗުގަލް ނޫނީ ސްޕެއިންގެ ކޯޗެއް ގެނައުމަށް ކަމަށާއި ކޫޕްމަން އައުމުން އޭގެން އެއް ކަންތައް ހާސިލްވި ކަމަށެވެ. އަދި މިހާރު އުއްމީދަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކްލަބްތަކާއި ސަޕޯޓަރުންގެ ވެސް އިތުބާރު ލިބޭ ފަދަ ގައުމީ ޓީމެއް ބޭއްވުމަށް ކަމަށް އޭނާ ބުންޏެވެ.

"މިހާރު މި އޮތް ސްކޮޑާ މެދު ވެސް ކޯޗަށް ދޭން ޖެހޭ މަޝްވަރާއެއް ދޭނަން. ކުރިއަށް އޮތްތަނުގައި ސްކޮޑެއް އެކުލަވާލާއިރު އަޅުގަނޑުގެ ދައުރެއް ވެސް އޮންނާނެ ކަމަށް ދެކެނީ. އޭގައި އަޅުގަނޑުގެ ތަޖުރިބާ ބޭނުންކުރާނަން. ދެން މިހާރު ސްކޮޑު އެކުލަވާލާއިރު ކުރީގައި އޮތް ސްކޮޑަށް ޑިޕެންޑްވެފައި މި އޮންނަނީ. އެއީ މި ކޯޗުންނަށް އަދި ގިނަ މެޗުތަށް ބަލަން ފުރުސަތު ނުލިބޭތީ،" ސުޒޭން ބުންޏެވެ.

ސުޒޭން ވަނީ މީގެ ކުރިން 2005 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި ފަހުން 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ކުރުމުގެ އިތުރުން އެފްއޭއެމްގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމުގެ މަގާމު ފުރި އެވެ.

ކޮންމެ މަގާމެއްގައި ހުރި ނަމަވެސް ފުޓްބޯޅަ އަށް ގޯސް ކަމެއް ކުރިމަތިވާނަމަ އެކަން ފާހަގަކުރާނެ ކަމަށާއި އޭނާ އަކީ ވަގުތު ތަންދިން މިންވަރަކުން ފުޓްބޯޅައާ ގުޅުން ހުރި ކަންކަމުގައި ކޮންމެ ބަޔަކު ވެސް ދޭ ދައުވަތު ގަބޫލުކުރާ މީހެއް ކަމަށް ސުޒޭން ބުންޏެވެ.

"ފުޓްބޯޅައިގައި ބަޔަކު އަޅުގަނޑުގެ އެހީތެރިކަމަށް ބޭނުންވެއްޖެއްޔާ އެ ބަޔަކު މާޔޫސްކޮށްލާފައި ނުވާނެ. ވަގުތު ލިބިއްޖިއްޔާ ހުރިހާ އިރެއްގައި ވަގުތު ދީފައިވާނީ،" ސުޒޭން ބުންޏެވެ.