12 ފެބުރުއަރީ 2020 - 14:15
ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަހުގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ޗައިނާގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.
ޗައިނާގައި ވޫހާން އިން ފެނި މިހާރު ޗައިނާގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ބަލިމަޑުކަމުގެ މި މެޗު އެހެން ގައުމަކަށް ބަދަލުކުރާނެ ކަމަށް ކުރިން ވެސް އޮތީ ޔަގީންކުރެވިފަ އެވެ. ޗައިނާގެ ނޫސްތައް ބުނާ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ އެ މެޗު ތައިލެންޑުގައި ކުޅެން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު މަޝްވަރާތައް ކުރަމުންނެވެ. ޗައިނާގެ ވިސްނުން ހުރީ ތައިލެންޑުގެ ބުރިއަމް ޕޮރޮވިންސްގައި ހުންނަ 32،600 މީހުންގެ ޖާގައިގެ ޗޭންގް އެރީނާގައި މެޗު ކުޅޭށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ރަސްމީކޮށް އަދި އެ މެޗާ ބެހޭގޮތުން ވަކި އެއްޗެއް ނާންގާ ކަމަށާއި އެކަމަކު ދެކެވޭ ވާހަކަތަކަށް ބަލާއިރު އެ މެޗު ކުޅޭނެ ދަނޑެއް ކަނޑައެޅުމުގެ ކަންތައްތަކާ އޭއެފްސީ އާއި ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވެސް ވަނީ ޗައިނާގައި މި މެޗު ނުކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. ކޫޕްމަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ވަނީ 31 ކުޅުންތެރިންގެ ސްކޮޑަކާ އެކު ތަމްރީންތަށް ފަށައިފަ އެވެ.
މީގެ ކުރިން ވެސް ރާއްޖެ އާއި ޗައިނާ ބައްދަލުކުރި މެޗެއް ކުޅެން އޮތް ދަނޑު ވަނީ ބަދަލުކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖޭން ކުޅެން އޮތް ހޯމް މެޗެވެ. އެ ގޮތުން 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި އެޅި ރަބަރު ގަނޑެއްގެ ސަބަބުން ވިނަގަނޑު ހަލާކުވުމުން މެޗު ޖެހުނީ އެހެން ދަނޑަކަށް ބަދަލުކުރާށެވެ. އެ ފަހަރު ރާއްޖޭގެ ހޯމް މެޗު ކުޅުނީ ޗައިނާގެ ޝެންޔެންގަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ފިލިޕީންސަށް ހަތް ޕޮއިންޓް ހަމަކުރެވުނީ ފަސް މެޗުންނެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޮލިފައިންގައި މާލޭގައި ޗައިނާއާ ދެކޮޅަށް މި ފަހަރު ކުޅުނު މެޗުން ރާއްޖެ ވަނީ 5-0 އިން ބަލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
12 February 2020
ތިދިޔައީ ރާއްޖޭ ޓީމުގެ ޒަމާން.
ބަބުރުކަލޯބެ
12 February 2020
މކޮރޯނާއާހެދި ޗައިނާކަންނޭގެ ގަދައަށް ކުޅޭނީ. ދިވެހިންނަށްކަންނޭގެ ނުކުޅެވޭނީ. އެގޮތަށް ދިވެހިން ސަޅިވާނެ.