ޗައިނާ އާއި ރާއްޖެ މާލޭގައި ކުޅުނު މެޗުގެ ތެރެއިން ދާދު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ފެބުރުއަރީ 2020 - 20:11
ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަހު (ކޮވިޑް 19)ގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް ރަސްމީކޮށް ނިންމައިފި އެވެ.
އޭއެފްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ ލަފާގެ މަތިން ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން އެދުނު ގޮތަށް ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު ތައިލެންޑުގައި ކުޅޭގޮތަށް ހަަމަޖައްސާފައިވާ ކަމަށެވެ. އަދި މި މެޗުގެ އިތުރުން އަންނަ މަހު 31 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅެން އޮތް ގުއާމް ހޯމް މެޗު ވެސް ވަނީ ތައިލެންޑުގައި ކުޅެން ނިންމައިފަ އެވެ. މި ދެ މެޗު ވެސް ކުޅޭނީ ތައިލެންޑުގެ ބުރިއަމް ޕޮރޮވިންސްގައި ހުންނަ 32،600 މީހުންގެ ޖާގައިގެ ޗޭންގް އެރީނާގަ އެވެ.
ޗައިނާގެ މީޑިއާ އިން ރިޕޯޓްކުރާގޮތުގައި ވޫހާން އިން ފެނި މިހާރު ޗައިނާގައި ހަލުވިކަމާ އެކު ފެތުރި އެހެން ގައުމުތަކަށް ވެސް އޭގެ އަސަރުކުރަމުން އަންނަ ވައިރަހުގެ ސަބަބުން ޗައިނާ އެފްއޭ އިން ބޭނުންވަނީ އެ ޓީމުގެ ދެ މެޗު ވެސް ސަޕޯޓަރުން ނުވައްދައި ކުޅޭށެވެ. އެކަމަކު އޭއެފްސީން ނެރުނު ބަޔާނުގައި އެކަމާ ބެހޭގޮތުން ވަކި ގޮތެއް ނިންމިކަން ހިމަނައިފައިނުވެ އެވެ. ވައިރަހުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 2000 އަށް ވުރެން މައްޗަށް އަރައިފަ އެވެ.
ކޮލިފައިންގައި ރާއްޖޭން ސެޕްޓެމްބަރު މަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 5-0 އިންނެވެ. އޭރު ރާއްޖޭގެ ކޯޗަކަށް ހުރީ ކުރީގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އެވެ. އަދި ޗައިނާގެ ކޯޗަކަށް ހުރީ އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީ އެވެ. މި ދެ ޓީމުގެ ކޯޗު މިހާރު ވަނީ ބަދަލުވެފަ އެވެ. ރާއްޖޭގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހުރިއިރު، ޗައިނާ ކޯޗުކަމުން ލިއްޕީ ވަކިވުމުން އެ ޓިމާ ހަވާލުވީ ކުރިން އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފައިވާ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅުނު ލީ ޓައި އެވެ.
އެނގިފައިވާގޮތުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރާއްޖޭގެ ކޯޗު ކޫޕްމަންގެ އިރުޝާދުގެ ދަށުން ތައިލެންޑުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ކޭމްޕް ދާނީ އަންނަ މަހު އޮންނަ އޭއެފްސީ ކަޕްގެ މެޗުތަކަށް ފަހު އެވެ. ގައުމީ ޓީމުގެ ޕްރެކްޓިސްތައް މިހާރު ވެސް ދެ ދުވަހުން އެއް ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދެ އެވެ.
މާލޭގައި ކުޅުނު މެޗުގައި ޗައިނާގެ ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވަނެވެ. އަދި ޗައިނާ ހޯމް މެޗު ތައިލެންޑުގައި ކުޅޭއިރު ސަޕޯޓަރުން ނުވައްދައި ކުޅެން ނިންމައިފިނަމަ މިއީ އެ ޓީމަށް ލިބޭނެ ގެއްލުމެކެވެ. ވައިރަހުގެ ސަބަބުން ޗައިނާގެ ފުޓްބޯޅަ މެޗުތައް ހުއްޓާލާފައިވާއިރު، އެ ގައުމުގައި ކުރިއަށްގެންދަން ރާވާފައިވާ ގިނަ ކުޅިވަރު ހަރަކާތްތަކެއް ވަނީ ފަސްކޮށްފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ފިލިޕީންސަށް ހަތް ޕޮއިންޓް ހަމަކުރެވުނީ ފަސް މެޗުންނެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މީގެ ކުރިން ވެސް ރާއްޖެ އާއި ޗައިނާ ބައްދަލުކުރި މެޗެއް ކުޅެން އޮތް ދަނޑު ވަނީ ބަދަލުކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖޭން ކުޅެން އޮތް ހޯމް މެޗެވެ. އެ ގޮތުން 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި އެޅި ރަބަރު ގަނޑެއްގެ ސަބަބުން ވިނަގަނޑު ހަލާކުވުމުން މެޗު ޖެހުނީ އެހެން ދަނޑަކަށް ބަދަލުކުރާށެވެ. އެ ފަހަރު ރާއްޖޭގެ ހޯމް މެޗު ކުޅުނީ ޗައިނާގެ ޝެންޔެންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
22 February 2020
ސަޕޯޓަރުން ނުވެއްދީމަ ވޭދޮ؟ ކުޅުންތެރިން ވެސް ވައްދާކަށް ނުޖެހޭނެ... އެއީ ވެސް ހަމަ ޗައިނާ މީހުންނަށް ވާނީ...
އިޙްސާސް
21 February 2020
ތިޔަ މެޗް މިވަގުތު ނުކުޅެވޭނެ ކަން ދިވެހި ފުޓްބޯޅައިން އޭއެފްސީއަށް އަންގަންވީނު. މިހާރު ޗައިނާ ކުޅުންތެރިންނާ ގާތްވުން ރަގަޅެއް ނުވާނެ.
ތުއްތުނާ
21 February 2020
ރައްކާވެ ތިބިއްޔާ ދަތުރެއް......... މިކަހަލަ ދުވަސްވަރެއްގައި އެއްގޮތަކަށް ވެސް ކުޅެގެން ވާނެ މެޗެއް ނޫން ތިއީ....... ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް ތިއީ........
ބަބުރުލް ސަލީމް
21 February 2020
ތިވަރުން ކުޅެންހަދާނެކަމެއް ނެތް.