އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި؟

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އަލުން ފަށާއިރު، ރާއްޖޭގެ ދެ ކްލަބް ހިމެނޭ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް މަޝްވަރާކޮށްފި އެވެ.


އޭއެފްސީން އިއްޔެ ވަނީ ކްލަބްތަކާ އެކު ވީޑިއޯ ކޮންފަރެންސްކޮށް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މި ފަހަރުގެ އޭއެފްސީ ކަޕްގައި ކުޅޭ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި އެކި ޕްރޮޕޯސަލްތަކާ ގުޅޭގޮތުން ވާހަކަ ދެއްކި އެވެ. އަދި ކޮވިޑް-19ގެ މި ހާލަތުގައި ކޮންމެ ގްރޫޕެއްގެ މެޗުތައް އެއް ދަނޑެއްގައި ކުޅެން އޭއެފްސީން ވިސްނާފައިވާކަން ހިއްސާކުރި އެވެ.

އޭއެފްސީން ވަނީ މުބާރާތް އަލުން ފަށަން ދެ ގޮތެއް ހުށަހަޅައިފަ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދަން ހުށަހެޅީ ސެޕްޓެމްބަރު 22 އިން ނޮވެމްބަރު ހަތަރަކަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ނޫނީ އޮކްޓޫބަރު 23 އިން ފެށިގެން ނޮވެމްބަރު ހަތަރަކާ ދެމެދު އެއް ދަނޑެއްގައި މެޗުތައް ކުޅޭ ގޮތަށެވެ. މީގެ ތެރެއިން ބޮޑަށް ބެލެވެނީ އޮކްޓޫބަރު މަހު 23 ގައި ފަށާ ވިސްނުމަށެވެ. އެއީ އޮކްޓޫބަރު މަހު ކުރީކޮޅުގައި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ތާވަލުކޮށްފައި އޮތުމުން އެ މެޗުތަކަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ.

"ގިނަ ކްލަބްތަކުން ތާއީދުކުރީ ދެ ވަަނަ ވިސްނުމަށް. އެއީ އޮކްޓޫބަރު މަހު 23 ގައި ފަށާ ގޮތަށް،" ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލަކު ބުންޏެވެ.

އޭއެފްސީގެ މި ބައްދަލުވުމުގައި މެޗުތައް ކުޅޭނެ ދަނޑުތަކެއް ނިންމުމުގައި ވެސް މަޝްވަރާކުރެވުނެވެ. މި ފަހަރު ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި މާޒިޔާ އާއި ޓީސީގެ އިތުރުން ދެން އޮތީ އިންޑިއާގެ ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

އޭއެފްސީން ހުށަހެޅި އެއް ވިސްނުމަކީ މި ސަރަހައްދުގެ އެއް ގައުމެއްގެ ކޮންމެވެސް އެއް ދަނޑެއްގައި މި ގްރޫޕް ހުރިހާ މެޗެއް ބޭއްވުމެވެ. އެކަމަކު އެ ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުމަކަށް ނުވާނެ ކަމަށް ބައެއް ޓީމުތަކުން ގަބޫލުކުރެ އެވެ. އެއީ ބައެއް ޓީމުތަކަށް އެޑްވާންޓޭޖް އޮންނާނެތީ އެވެ.

އޭއެފްސީން ވަނީ އާންމުކޮށް މެޗުތައް ބާއްވާގޮތަށް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ދެވެން އޮތީ ގައުމުތަކުން ބޯޑަރު ހުޅުވާލާއިރު އެކުލަވާލާ ގައިޑްލައިންތަކަށް ބެލުމަށް ފަހު ކަމަށާއި އެކަމަކު އެކަން ނުކުރެވޭނެ އެއް ސަބަބަކީ ކުރު މުއްދަތެއްގައި ދަތުރު ފަތުރުތަކެއް ކޮށްގެން މެޗުތައް ކުޅެން ގިނަ ދަތިތަކެއް ހުންނާނެތީ ކަމަށެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އޭއެފްސީގެ ކޮމިޓީތަކުގެ މަޝްވަރާ އަށް ފަހު އެވެ. މި މަހުގެ ނިޔަލަށް އެ ގޮތްތަކެއް ނިންމަން އޭއެފްސީން ވަނީ އަމާޒުހިފައިފަ އެވެ.

އޭއެފްސީ ކަޕްގައި އަލަށް ރާއްޖޭގެ ދެ ޓީމެއް އެއް ގްރޫޕެއްގައި ވާދަކުރާ މި ފަހަރުގައި ގްރޫޕް ސްޓޭޖުގައި މިހާތަނަށް ވަނީ ދެ މެޗެއް ކުޅެފަ އެވެ. ރަށުން ބޭރުގައި މާޒިޔާ އިން ވަނީ 2-2 އިން ޗެންނާއީއާ އެއްވަރުވެފަ އެވެ. ޓީސީ ކުޅުނު މެޗުން ބަޝުންދުރާ ދަނޑުގައި އެ ޓީމު އަތުން ބަލިވީ 5-1 އިންނެވެ.