ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް

އެމްޓީސީސީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ކްލަބް ޒެފްރޯލް 5-2 އިން ބަލިކުރުމަށް ފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ކްލަބް ގްރީން ސްޓްރީޓް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.


ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި ކުޅުނު ގްރީން ސްޓްރީޓް މިރޭގެ ފައިނަލު މެޗުން މޮޅުވީ ފަހަތުން އަރައެވެ. އެ ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމާއި ވެލެންސިއާ އަދި ހުއްރިއްޔާ އަށް ކުޅުނު ޝިނާޒް ހިލްމީ (ޝިނާ) ހިމެނެ އެވެ. މިރޭގެ ފައިނަލުގައި ޝިނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ގްރީން ސްޓްރީޓްގެ ކެޕްޓަނަކީ ކުރިން ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް މޮޅު ކުޅުމެއް ދެއްކި އަހުމަދު އަޝްފާން އެވެ.

މެޗުގެ 10 ވަނަ މިނިޓްގައި ޒެފްރޯލަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިއާ ޔެންޖަސް މިލޮރަޑް އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޔެންޖަސް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްގެ ކީޕަރު ވާލިދު އިދުރީސް އަތުގައި ޖެހިފަ އެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ގްރީން ސްޓްރީޓަށް އެއްވަރުކޮށްދިނީ ކުރިން ވިޔަންސާ އަށް ކުޅުނު މިޑްފީލްޑަރު އިސްމާއިލް ޝިޔާހު އެވެ. އޭރިއާ ތެރެއިން ޝިޔާހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ދެ ވަަނަ ހާފުގެ ކުރީކޮޅު ގްރީން ސްޓްރީޓަށް ލީޑު ނަަގައިދޭން އަބޫ ޑެސްމަން މަންސާރޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް ޒެފްރޯލް އޭރިއާ ތެރެއިން އަބޫ އެ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ޒެފްރޯލް ކުޅުންތެރިއަކު ކައިރިން ގްރީން ސްޓްރީޓްގެ ޝިނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ މިނިޓެއް ފަހުން ޒެފްރޯލުން ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ. މި ލަނޑު ވެސް ކާމިޔާބުކުރީ ޔެންޖަސް އެވެ. ގްރީން ސްޓްރީޓް އޭރިއާ ތެރެއިން މުހައްމަދު ނައުޝާދު ދިން ބޯޅަ ޔެންޖަސް ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.

ދެ ވަނަ ފަހަރަށް ގްރީން ސްޓްރީޓަށް އެއްވަރުކޮށްދިނީ ޝިނާ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ޒެފްރޯލް އޭރިއާ ތެރެއިން ޝިނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އެ ބޯޅަ ދިފާއުކުރުމަށް ޒެފްރޯލްގެ ގޯލުކީޕަރު ކުރިން މާޒިޔާ އާއި ވެލެންސިއާ އަށް ކުޅުނު އާތިފް އަހުމަދަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ގްރީން ސްޓްރީޓުގެ ތިން ވަނަ ލަނޑު ވެސް ޖެހީ ޝިނާ އެވެ. އޭގެ ހަ މިނިޓް ފަހުން ގްރީން ސްޓްރީޓުގެ ހަތަރު ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް އަހުމަދު ރިފްޝާން އެވެ. ޒެފްރޯލް އޭރިއާ ތެރެއިން ރިފްޝާން ފޮނުވާލި ބޯޅަ އަމާޒުވީ މަތީ ކަނަށެވެ.

ގްރީން ސްޓްރީޓްގެ ރިޒުހާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ މި މެޗުގައި އެ ޓީމަށް މޮޅުކުޅުމެއް ދެއްކި އިބްރާހިމް ރިޒުހާން އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ގްރީން ސްޓްރީޓްގެ އަބޫ އެވެ. އަބޫ އަކީ ފާއިތުވި ހަތް ވަރަކަށް އަހަރު ގަަވާއިދުން ފުރަތަމަ ޑިވިޝަނުން ފެނުނު ކުޅުންތެރިއެކެވެ. އެންމެ މޮޅު ކީޕަރަކީ ގްރީން ސްޓްރީޓުގެ ވާލިދު އެވެ.

މައްޗަންގޮޅި އަށް ނިސްބަތްވާ ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ މި ފަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ބީޖީ ސްޕޯޓްސް ކްލަބްގެ ބަދަލުގަ އެވެ. މިރޭގެ މެޗުން ބަލިވި ޒެފްރޯލަށް އަދި ފުރަތަމަ ޑިވިޝަނަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެއީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނައިގައި ނިންމި ވިކްޓަރީގެ މައްޗަށް ދެ ލެގުގެ ޕްލޭއޮފުން ކުރި ލިބިއްޖެ ނަމަ އެވެ.