އެފްއޭއެމް އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު ބަަލައިގެންފި

ފީފާ އާއި އޭއެފްސީން ވެސް ބަލައިގަނެފައިވާ އެފްއޭއެމްގެ އިންތިހާބު ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވެސް ބަލައިގަނެފި އެވެ.


މިދިޔަ ޖުލައި މަހު ދެ ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބޭއްވީ ކުޅިވަރު ގާނޫނާއި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ވެސް ވަކި މާއްދާތަކަކާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އެ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެފްއޭއެމާ ގުޅޭ މައްސަލައެއް ބަލަމުންދާތީ އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކުރަން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް އެދުނު ނަމަވެސް އެފްއޭއެމުން ވަނީ ފީފާ އާއި އޭއެފްސީގެ އެންގުމާ އެއްގޮތަށް ބާއްވަން ކަނޑައެޅި ތާރީހުގައި އިންތިހާބު ބާއްވައިފަ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް، މިދިޔަ މަހު 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން އެފްއޭއެމްގެ އިންތިހާބު ބަލައިގަންނަ ކަމަށާއި ވަރަށް އަވަހަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވެސް އިންތިހާބު ބަލައިގަންނާނެ ކަމަށެވެ. އަދި އެފްއޭއެމްގެ އިންތިހާބު ފަސްކުރަން މަޖިލީހުގެ އެދުމާ އެއްގޮތަށް ސިޓީއެއް ފޮނުވި ކަަމަށާއި އެކަމަކު އެއީ ވެސް ހަގީގަތުގައި ކުރެވޭނެ ކަމެއްގެ ގޮތުގައި ގަބޫލުނުކުރާކަމަށް ވިދާޅުވި އެވެ.

ދެ ވަނަ ދައުރަަކަށް އެފްއޭއެމްގެ ރައީސަކަށް ހޮވި ވަޑައިގަތް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އާ ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނަރު މިއަދު ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ. އެކަން ފާހަގަކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ވަނަނުދީ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންތައްތައް ގެންދިއުމަށް މަގުފަހިކޮށްދިނީ މިނިސްޓަރު މަހުލޫފާއި ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމްގެ މަސައްކަތުންކަމަށެވެ.

ބައްސާމް ކުރެއްވި ޓްވީޓް.

"އެ ދެ ފަރާތުގެ (މިނިސްޓަރު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް) ލީޑަޝިޕަށް ޝުކުރު އަދާކުރަން،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ އިޖްތިމާއީ ކޮމިޓީން ދިރާސާކުރުމުގެ ގޮތުން ޖުލައި މަހު ހަތް ވަނަ ދުވަހު ބޭއްވުނު އިޖްތިމާއީ ކޮމިޓީ ބައްދަލުވުމަށް މިނިސްޓަރު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވަނީ ހާޒިރުވެފަ އެވެ. މިނިސްޓަރާއި ސްޕޯޓްސް ކޮމިޝަނަރު އެ ދުވަހު ކޮމިޓީގައި ވެސް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބާ ގުޅޭ މައްސަލައެއް މެމްބަރު ކްލަބަކުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި މިދިޔަ މަހު 24 ވަނަ ދުވަހު މިނިސްޓަރު މަހުލޫފް މަޖިލީހުގައި އެ ވާހަކަ ތަކުރާރުކުރައްވައި ވިދާޅުވީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމުގެ ބާރު އަބަދުވެސް އޮންނާނީ މެމްބަރު ކްލަބްތަކުގެ އަތުގައިކަން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

އަލަށް އިންތިހާބުވި އެފްއޭއެމްގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވަނީ ސީނިއާ ނައިބް ރައީސްގެ މަގާމަށް ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހޮވުނީ އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.