ކްރިކެޓް ބޯޑުގެ ރައީސަކަށް ފައިސަލް، ނައިބަކަށް ކުޑަދޮނާ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް މުހައްމަދު ފައިސަލް އަދި ނައިބް ރައީސަކަށް އަހުމަދު ހުސެއިން (ކުޑަދޮނާ) އިންތިހާބުވެއްޖެ އެވެ.


ކްރިކެޓް ބޯޑުގެ ނައިބް ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ފައިސަލް އިންތިހާބު ކާމިޔާބުކުރެއްވީ ގިނިކަންޏާ ވާދަކުރައްވައިގެން 16 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 15 ފުލް މެމްބަރުންގެ ވޯޓާއި އެސޯސިއޭޓް މެމްބަރުންގެ ވޯޓާ އެކު އެވެ.

މާލެ ސްޕޯޓްސް ކްލަބުގެ ފަރާތުން ވާދަކުރައްވާ ފައިސަލް ވަނީ އެ ކްލަބަށް ކުރިން ކްރިކެޓް ކުޅުއްވައިފަ އެވެ. އަދި ސްކޫލް ދައުރުގައި މަޖީދިއްޔާ ޓީމަށް ވޮލީބޯޅަ ކުޅުއްވި އެވެ. ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ކުރެއްވި ފައިސަލް ނައިބް ރައީސްކަންކުރެއްވީ 2012-2016 އަށެވެ. ފައިސަލް ވަނީ ކްރިކެޓް ކުރިއެރުވުމަށް ހިލޭ ސާބަހަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ސްޕޯޓްސް ކައުންސިލުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ފައިސަލް ވަނީ ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ހައިސިއްޔަތުން، އެ ގައުމުގައި ހުންނެވިއިރު ވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވައިފަ އެވެ.

ކްރިކެޓް ބޯޑުގެ އާ ރައީސް ފައިސަލް.

މިހާރުގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު އަފްލާހު (އަފޫ) މި ފަހަރު ވާދަނުކުރައްވަ އެވެ.

ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި އެކްސްކޯ މެމްބަރު ކުޑަދޮނާ އަށް ފެންނަ ކަމަށް 12 ވޯޓް އަދި ނުފެންނަ ކަމަށް ދެ ވޯޓް ލިބުނެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ނައިބް ރައީސް މާދިހު އިސްމާއިލް ފެންނަ ކަމަށް ލިބުނީ ދެ ވޯޓެވެ. ނުފެންނަ ކަމަށް 11 ވޯޓް ދީފައިވެ އެވެ.

އެސޯސިއޭޓް މެމްބަރުންގެ ތެރެއިން ހޮވުނީ ފެންނަ ކަމަށް 12 ވޯޓާ އެކު ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ފާތިމަތު ރިޒްނާ އަދި ފެންނަ ކަމަށް 11 ވޯޓާ އެކު އިސްކަންދަރު ސްކޫލުގެ އަހުމަދު އާމިރު (ތަކަން) އެވެ.

ފަރުދީ މެމްބަރު ކަމަށް ހޮވުނީ 16 ވޯޓާ އެކު މެމްބަރުންގެ އިއްތިފާގުން ކުރީގެ ކުޅުންތެރިޔާ އަހުމަދު ކަލީމް (ސޮނީ ސްޕޯޓްސް) އެވެ. ފުރިހަމަ މެމްބަރުކަމަށް ވާދަކުރި ހަތަރު މެމްބަރުން ވަނީ 16 ވޯޓާ އެކު ހޮވިފަ އެވެ. އެއީ ސީބީއެލް ސްޕޯޓްސްގެ މުޝްތާގު އަހުމަދު ދީދީ އާއި އޮފްއެފްސީގެ އަބްދުﷲ ސައުދާން އާއި ނިއު ސްޓާ ސްޕޯޓްސްގެ މުހައްމަދު އަޝްރަފް އަދި ހިންނަވަރު ހިރިޔާގެ މުހައްމަދު ރިޔާޒެވެ.