އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި އީގަލްސް

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ލީގުގެ ރަނަރަޕް ކްލަބް އީގަލްސް ކަމަށް އެފްއޭއެމުން ބުނެފި އެވެ.


އެފްއޭއެމުން އަންނަ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު ޝީލްޑް މެޗުން ސީޒަން ފަށަން މަސައްކަތްކުރަމުން އަންނައިރު، ޝީލްޑް މެޗުގައި ވާދަކުރާ އެއް ޓީމު ކަމަށްވާ މާޒިޔާ އިން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. އީގަލްސް ޕްރެކްޓިސް ފަށަން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ އެއް ވަަނަ ދުވަހު އެވެ.

އާންމު ގޮތެއްގައި ޝީލްޑް މެޗުން ފުރުސަތު ލިބެނީ ލީގުގެ ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަނަށެވެ. އެކަމަކު މި ފަހަރު އީގަލްސް އަށް ފުރުސަތު ލިބުނީ ކޮވިޑް-19އާ ހެދި މި ދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްކުރަން ޖެހި އަވަހަށް ސީޒަން ނިންމާލަން ޖެހުމުންނެވެ. މިއީ އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެފްއޭ ކަޕްގެ ޗެމްޕިއަނަށްދޭ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގެ ޖާގަ ވެސް ލިބުނީ އީގަލްސް އަށެވެ.

މިދިޔަ ސީޒަނަށް އެފްއޭ އިން ތައްޔާރުކުރި ޝީލްޑް.- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަނާއި މިދިޔަ ސީޒަނުގައި ލީގުގައި ވާދަކުރި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. ފޯކައިދޫ އަށް ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދި ތ. ތިމަރަފުށީ ޓީމުން އެ މެޗު ކުޅެން ލިބުނު ފުރުސަތު ދޫކޮށްލުމުންނެވެ.

މިދިޔަ ސީޒަނުގައި ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ އަށް ފުޓްބޯޅައިގެ ސާމާނު ހަދިޔާ ކުރުމަށް ހަމަޖެހުނީ ފޯކައިދޫގެ ފުޓްބޯޅަ އެކެޑަމީ އަށެވެ. އެހެން އަހަރުތަކުގައި ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމިއްޔާތަކަށް ހަދިޔާކުރާ ގޮތަށް އޮތީ ނިންމައިފަ އެވެ. އެއީ މެޗުން މޮޅުވާ ޓީމަކަށް ކުރިން 100،000ރ. ލިބޭއިރު ކުރިން އޮންނަ އުސޫލުގެ ދަށުން މީގެ ތެރެއިން 20،000ރ. ޗެރިޓީ އަކަށް ހަދިޔާކުރަން ޖެހެ އެވެ. އެކަމަކު އެންމެ ފަހުން 2017 ވަނަ އަހަރު ގެނައި ބަދަލާ އެކު ހުރިހާ ފައިސާއެއް ހަދިޔާކުރަން ޖެހޭނީ ޗެރިޓީ އަށް ކަމަށް ކަނޑައަޅާފައިވެ އެވެ. އެ ފަހަރު ޗެރިޓީ ޝީލްޑް އުފުލާލި މާޒިޔާ އިން ފައިސާ ދިނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އަށެވެ.

ކަޕް ވިނާސް ކަޕްގެ ބަދަލުގައި ޗެރިޓީ ޝީލްޑް މެޗު ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ. ޝީލްޑް މެޗު ބާއްވަން ފެށި ފަހުން ނުކުޅެ ދިޔައީ 2018 ވަނަ އަހަރު އެވެ. މިހާތަނަށް ތަފާތު ފަސް ޓީމަކުން ވަނީ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އެއީ ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް، މާޒިޔާ، ވެލެންސިއާ އަދި ޓީސީ އެވެ. އެންމެ ގިނައިން ޝީލްޑް އުފުލާލީ ތިން ފަހަރު އެކަން ހާސިލްކުރި މާޒިޔާ އާއި ވީބީ އެވެ. މި ފަހަރު މާޒިޔާ އަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.