ފައިސަލް: ޕްލޭނަކާ އެކު ބަދަލުތަކާ ދިމާލަށް

ލިބުނު ކޮންމެ ފުރުސަތެއްގައި ކުޅިވަރު ކުރިއެރުވުމަށް މުހައްމަދު ފައިސަލް ވަނީ މަސައްކަތްކުރައްވައިފަ އެވެ. މީގެ ކުރިން ހިލޭ ސާބަހަށް ކްރިކެޓަށް ހިދުމަތްކޮށްދެއްވުމަކީ އޭނާގެ ހިތުގައި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމުގެ ޝައުގުވެރިކަން ހުރި މިންވަރު ދޭހަކޮށްދޭ އެއް ކަމެވެ. ކުރިން އެކި ޒިންމާތަކާ ހަވާލުވެ ހުރެ ކްރިކެޓަށް އޭނާ ކޮށްދެއްވި މަސައްކަތް ދެން އޭނާ ކުރާނީ ވިސްނުންތެރިކަމާ އެކު ކުޅަދާނަ ލީޑަރެއްގެ ގޮތުގަ އެވެ. ކްރިކެޓް ބޯޑުގެ އާ ރައީސްގެ ގޮތުގަ އެވެ.


މާލެ ސްޕޯޓްސް ކްލަބުގެ ފަރާތުން ވާދަކުރައްވައި ދާދި ފަހުން ބޭއްވި ކްރިކެޓް އިންތިހާބު ކާމިޔާބުކުރެއްވި ފައިސަލް ވަނީ އެ ކްލަބަށް ކުރިން ކްރިކެޓް ކުޅުއްވައިފަ އެވެ. އަދި ސްކޫލް ދައުރުގައި މަޖީދިއްޔާ ޓީމަށް ވޮލީބޯޅަ ކުޅުއްވި އެވެ. ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ކުރެއްވި ފައިސަލް ނައިބް ރައީސްކަންކުރެއްވީ 2012-2016 އަށެވެ.

މީގެ ކުރިން ކްރިކެޓްގައި އޭނާ އަދާކުރި ރޯލާއި ކުރިއަށް އޮތް ހަތަރު އަހަރު އަދާކުރަން ޖެހޭ ޒިންމާ ތަފާތެވެ. ކްރިކެޓް ބޯޑުގެ ޒިންމާއާ ރަސްމީކޮށް ހަވާލުވެ އިއްޔެ ފުރަތަމަ ހިންގާ ކޮމިޓީގެ ބައްދަލުވުން ބާއްވައި ބޯޑުގައި ތިބި ބާކީ މެމްބަރުންގެ ހިޔާލު ވެސް ހޯދައި މުސްތަގުބަލަށް ފަހި މަންޒަރެއް ބިނާކުރުމަށް ތިން ކަމަކަށް އިސްކަން ދީގެން ކުރިއަށްދާން އޮތީ ނިންމައިފަ އެވެ. އެއީ މިހާރުގެ ލީޑަޝިޕްގެ ދަށުން ރާއްޖޭގެ ކްރިކެޓްގެ އެހެން ލެވަލަކަށް ގެންދަން ކުރާނެ ބޮޑު ކަންތައްތަކެވެ.

ފައިސަލްގެ ލީޑަޝިޕްގެ މަސައްކަތް ބިނާވެފައި އޮންނަ ތިން ބައި

- ގްރާސްރޫޓް ލެވަލް އިން ނެރޭ ކްރިކެޓް ކުޅުންތެރިންނާއި ޔޫތު ޑިވެލޮޕްމަންޓް ވަރުގަދަކުރުން

- ކްލަބްތައް ބާރުވެރިކޮށް ކްލަބް ސިސްޓަމް ހަރުދަނާކުރުން

- އައުޓްސްޓޭންޑިން ކްރިކެޓާސް (އެންމެ މަތީ ލެވަލަށް ކްރިކެޓް ކުޅުންތެރިން ގެންދިއުމުގެ ޕްރޮގްރާމް)

ރާއްޖޭގައި ކްރިކެޓް އެންމެ ރަނގަޅަށް ކުރިއަރުވަން ބަލާއިރު ޗެލެންޖްތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއް ކަމަކީ ޔޫތު ލެވަލުން ފަށައިގެން ސީނިއާ ޓީމާ ހަމައަށް ދާ ވަރުގެ ގިނަ ކްރިކެޓް ކުޅުންތެރިން ނެތުމެވެ. ފައިސަލްގެ ވިސްނުން ހުރީ އެކަން ބަދަލުކުރުމަށެވެ. އޭނާގެ މައިގަނޑު މަސައްކަތުގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި ޔޫތު ލެވަލާއި ގްރާސްރޫޓާ ހަމައިން ކުޅުންތެރިން ކުޅުންތެރިން ތަމްރީން ކުރަން ވިސްނުމަކީ ބޮޑު ބަދަލެއްގެ ފެށުމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

ފައިސަލް "މިހާރު" އަށް ވިދާޅުވީ މައިގަނޑު ތިން ކަމަކަށް ފޯކަސް ކުރަނީ އޭގެ ތެރެއިން ދެން ހުރި ގިނަ ކަންކަން ހާސިލްކުރެވޭނެ ގޮތަށް ކަމަށެވެ. މީގެ ބޭނުމަކީ ހުރިހާ މަސައްކަތެއް އެއް މިސްރާބެއްގެ ތެރެއިން ފުރިހަމަ ކުރުމެވެ.

ކްރިކެޓްގެ އެވޯޑް ހަފްލާއެއްގެ ތެރެއިން ފައިސަލް.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

"ފުރަތަމަ ކަމަކަށް އެބަޖެހޭ ޕްލޭޔަރުން ގިނަ ކުރަން. ޔޫތު ޑިވެލޮޕްމަންޓް ވަރުގަދަކޮށްގެން ސްކޫލް ލެވަލް އިން ފެށިގެން ޕްލޭޔަރުން ހޯދަން ފެށުމަކީ މީގެ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެނީ. އިންޓަ ސްކޫލާއި މި ފަދަ މުބާރާތްތަކުގެ ތެރެއިން ކުޅުންތެރިން ހޯދައި 16 އަހަރާއި 19 އަހަރުން ދަށް ވެސް ވަރުގަދަ ވާނެ ގޮތަށް ޔޫތުގެ ވަރުގަދަ ޕޫލެއް ބޭއްވުން ބޭނުމަކީ. އޭރުން އަބަދުވެސް ޕްލޭޔަރުން ތިބޭނީ ގައުމީ ޓީމުގެ ލެވަލް އަށް އަންނަން ޓްރެއިން ވެފައި،" ފައިސަލް ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރުގެ ގައުމީ ޓީމުތަކެއް ތަމްރީން ކުރެވެނީ ހަރުދަނާ ކްލަބް ސިސްޓަމެއް އެ ކުޅިވަރެއްގައި އޮވެގެންނެވެ. ރާއްޖޭގައި ޓީމް ކުޅިވަރުތަކަށް ބަލާއިރު ފުޓްބޯޅަ އާއި ވޮލީބޯޅައިގައި ކުޅުންތެރިން ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓައިލެވެނީ ކްލަބް ސިސްޓަމެއް އޮތުމުންނެވެ. އެކަމަކު އެ މަންޒަރު އަދި ކްރިކެޓްގައި ނެތެވެ. ފައިސަލްގެ މައިގަނޑު ފޯކަސްގެ ތެރެއިން ދެ ވަނަ ކަމަކަށް އިސްކަން ދެއްވާނީ ހަރުދަނާ ކްލަބް ސިސްޓަމެއް ގާއިމްކުރުމަށެވެ. އެއީ ގައުމީ ޓީމުގެ މައިބަދަ ވަރުގަދަކޮށް އޮތުމުގެ އަސްލަކީ ކްލަބް ސިސްޓަމް ހަރުދަނާކޮށް އޮތުން ކަމަށް ވުމެވެ.

"ކްލަބް ސިސްޓަމް ވަރުގަދަ ނުކޮށް ސަސްޓެއިން އެއް ނުވާނެ ބޭނުންވާ ލެވަލްގައި. ކްލަބްތަކަކީ ޝެއާހޯލްޑަރުން މީގެ. އެ މީހުންގެ ބޭނުންތައް ފުއްދައިގެން ވެސް އެ ރަނގަޅު ލެވަލެއްގައި ބާއްވަން ޖެހޭ. އެއީ ޕްލޭޔަރުން ރަނގަޅު ލެވަލްގައި ބައިތިއްބަން އެންމެ ބޮޑު މަސައްކަތެއް ކުރެވޭނެ ބަޔަކީ ކްލަބްތައް،" ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފޯކަސް އަކީ ކްރިކެޓްގެ ކްލަބް ސިސްޓަމް ވަރަށް ރަނގަޅަށް ފަންކްޝަން ކުރުވުން. މާލީ އެހީތެރިކަން ފޯރުކޮށްދީ ކްލަބް މުބާރާތްތައް ގިނަ ކޮށްދީ ވީހާ ވެސް ބޮޑަށް ޕްލޭޔަރުން ކްލަބްތަކާ ގުޅުވައިގެން ކުރިއަށް ދިއުން. ފިއުޗާ އޮތީ މި ގޮތަށް ކަމަށް މި ގަބޫލުކުރަނީ."

ފައިސަލްގެ ޕްލޭންގެ ތިން ވަނަ ބައި "އައުޓްސްޓޭޑިން ކްރިކެޓާސް" އަކީ ކްރިކެޓްގެ ތަރިން އެންމެ ހުނަރުވެރި ކުޅުންތެރިން ދުނިޔޭގެ ލެވަލަށް ހުޅުވާލައިދޭން އޭނާ ކުރައްވާނެ މަސައްކަތެވެ. އެކަން ކުރުމަށް އޭނާގެ ވިސްނުން ހުރީ ޖޫނިއާ ލެވަލުން ފެށިގެން ފާހަގަވާ އާދަޔާހިލާފު ކުޅުންތެރިންނަށް ދެވެން ހުރި ހުރިހާ ޓްރެއިނިން އެށް ދީ އެ ކުޅުންތެރިން ފުލް ޕްރޮފެޝަނަލުންގެ ގޮތުގައި ޑިވެލޮޕްކުރުމެވެ.

"އައުޓްސްޓޭންޑިން ކްރިކެޓާސްގެ ބޭނުމަކީ ހަގީގަތުގައި ކްރީމް އޮފް ކްރިކެޓް. މީގައި މި ތިބި އެންމެ މޮޅެތި ހުނަރުވެރި ކުޅުންތެރިންނަށް ދެވެން ހުރި ހުރިހާ ޓްރެއިނިން އެއް ރާއްޖޭގައި ވިޔަސް ރާއްޖޭން ބޭރުގައި ހައި ޕާފޯމަންސް ޓްރެއިނިން ވިޔަސް ދީގެން އެ ކުޅުންތެރިންނަކީ އެ ހުނަރު ހުރި ލެވަލްގެ ތަރިންނަށް ހެދުން ބޭނުމަކީ. ހުނަރު ތަރައްގީ ކުރަން ކުޅުންތެރިޔާ އަށް ދޭން ދޭން ޖެހޭ ސަޕޯޓް އަޅުގަނޑުމެން ދޭނަން،" ފައިސަލް ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންގެ ޑިވެލޮޕްމަންޓް އެންމެ ރަނގަޅަށް ފަށައިގަތުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގްރާސްރޫޓް ލެވަލްގައި ނޫނީ ފަށައިގަންނައިރު އެ ކިޔައިދޭން ޖެހޭ ހުރިހާ ކަމެއް ބުނެދޭން ފެންވަރު ރަނގަޅު ކުޅިވަރުގެ އިލްމީ މީހުން ނެތުމެވެ. އެކަމަކު ފަހަކަށް އައިސް މަންޒަރު ބަދަލުވާން ފަށައިފި އެވެ. ކުޅިވަރުތަކުގެ އެކެޑަމީތަކުގައި ވެސް ފެންވަރު ރަނގަޅު ކޯޗުންނާއި ޓްރެއިނަރުން މަސައްކަަތް ކުރަމުން އެބަދެ އެވެ.

ފައިސަލް ވިދާޅުވީ ކުޅިވަރުގެ އަހުލާގު ހިފަހައްޓައި އެތުލީޓެއްގެ ވިސްނުމުގައި ކުރިއަށްދާ ކުޅުންތެރިންތަކެއް އުފެއްދުމަކީ އޭނާގެ ވެސް ވަރަށް ބޮޑު ޓާގެޓެއް ކަމަށެވެ. އަދި އެ ކަމަށް ރަނގަޅު ޕްލޭނެއް ވެސް އެކުލަވާލައި އެ މަސައްކަތް ކުރިއަށް ގެންދަން ވެސް ފައިސަލް ހުންނެވީ ތައްޔާރަށެވެ.

"ވަރަށް މުހިއްމު ޑިސިޕްލިން (އަހުލާގު). އެއަށް އަށް މަސައްކަތްކުރަން ޖެހޭނީ ގްރާސްރޫޓުން ފެށިގެން. އެތުލީޓެއްގެ ވިސްނުމުގައި ތަރައްގީ ކުރަން ޖެހޭނީ. މީގައި ޖެހޭ ކުޅުންތެރިންގެ ލައިފްސްޓައިލާއި ނަފްސާނީ ދުޅަހެޔޮކަމާއި އެ ނޫން ވެސް ކުޅުންތެރިންގެ ޕާފޯމަންސަށް އަސަރުކުރާނެ ހުރިހާ ކަމެއް ޕްރޮފެޝަނަލެއްގެ ވިސްނުމުގައި ކިޔައިދިނުން އެއީ ކޮންމެެހެން ވެސް ކުރަން ޖެހޭ ކަމެއް،" ސްޕޯޓްސް ކައުންސިލުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ފައިސަލް ވިދާޅުވި އެވެ.

"އެތުލީޓެއް ފުރިހަމަ ވުމުގެ 40 ނޫނީ 60 ޕަސެންޓްގެ ހިއްސާ މި އޮތީ މެންޓަލް ސްޓްރެންތު (ނަފްސާނީ ދުޅަހެޔޮކަން) އާ ގުޅިފައި. އަޅުގަނޑުމެންގެ ޕްލޭނުގެ އާ ސްޓްރަކްޗާ ނިމޭއިރުގައި ގައުމީ ޓީމުތަކުގައި ކޯޗާއި މެނޭޖަރުގެ ބޭރުން ކުޅުންތެރިންގެ ޕިއާއެއްގެ ގޮތުގައި މަސައްކަތްކުރާނެ. ކުޅުންތެރިންނާ ގާތުން މަސައްކަތްކުރާނެ މީހުން. އެކަން އަޅުގަނޑުމެން ޕްރެކްޓިސް ކުރާނަން ޔޫތު ލެވަލް ޓީމުތަކުން ފެށިގެން."

ފައިސަލް ނޫސްވެރިއަކަށް އިންޓަވިއުދެއްވަނީ.-

ރާއްޖޭގެ ރަށް ރަށުގައި ކްރިކެޓް ފުޅާކުރުން

ކްރިކެޓް ބޯޑްގެ މިދިޔަ ދައުރުގެ މަސައްކަތްތަކާ އެކު ޏ. ފުވައްމުލަކާއި ލ ކުނަހަންދޫގައި ކްރިކެޓްގެ ޕްރޮގްރާމްތައް ފުޅާ ދާއިރާއެއްގައި އެބަހިއްގަ އެވެ. އެ ދެ ރަށުން ކުރި ހިތްވަރާއި ކްރިކެޓް ބޯޑްގެ ޕްލޭނުގެ ތެރެއިން އަންހެން ކްރިކެޓް ވެސް ވަނީ ފަށައިގަނެވިފަ އެވެ. އެ ދެ ރަށުގައި ކްރިކެޓްގެ މަސައްކަތްތައް ވައިގައި ހިފާފައި އޮތް ގޮތަށް އެހެން ދިމަދިމާލަށް ކްރިކެޓް ގެންދިއުމަކީ ފައިސަލްގެ ޕްލޭނުގެ ބައެކެވެ.

"ފުވައްމުލަކާއި ކުނަހަންދޫގެ މަސައްކަތް ވަރަށް ރަނގަޅު. ކުޅުންތެރިން ހިފެހެއްޓުމާއި އާ ކުޅުންތެރިން ހޯދުމާއި ގައުމީ ޓީމާ ހަމައަށް ކުޅުންތެރިން ގެނެވޭ ވަރަށް މުބާރާތްތައް ބޭއްވުން ފަދަ ރަނގަޅު ސިސްޓަމެއް އެބައޮތް. އެ މަސައްކަތަށް ދޭން ޖެހޭ ސަޕޯޓް އަޅުގަނޑުމެން ވީ އެންމެ ރަނގަޅަކަށް ދޭނަން. ރީޖަނަލް ލެވަލްގައި އެންމެ އިސް މަސައްކަތެއް ކުރެވޭނީ އެ ދެ ރަށުގައި،" ފައިސަލް ވިދާޅުވި އެވެ.

ބޮޑު ޕްލޭނެއް ހަދައިގެން މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކްރިކެޓް ކުޅެވޭނެ ގޮތެއް އަދި ނެތެވެ. އެއީ ގިނަ އަހަރުތަކެއްގެ މަސައްކަތުން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުރެވިދާނެ ކަމެކެވެ. ފައިސަލްގެ ލީޑަޝިޕްގެ ހަތަރު އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް ކްރިކެޓް ފުޅާކުރުމުގައި ވެސް މަސައްކަތްތަކެއް ކުރެވިގެންދާނެ އެވެ. އެއީ ބިންގަލަކަށް ހަދަން ވެސް އޭނާ ބޭނުންވެ އެވެ.

"ކުޅިވަރުގެ ވަރަށް ބޮޑު ބައެއް ރަށްރަށުގައި މި އޮތީ. އެންމެންގެ ބައިވެރިވުން އަޅުގަނޑުމެން ބޭނުންވޭ. ހަގީގަތަށް ބަލާއިރު އަދިއެއް ނެތް ކަންނޭނގެ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކްރިކެޓަށް ކޭޓަކުރެވޭނެ ގޮތްތަކެއް. އެކަމަކު މި ކުޅިވަރު ކުރިން ކުޅެފައި ތިބި މީހުންނާއި އެ ފަދަ ރަށްރަށަށް ބަލާއިރު އައިޑެންޓިފައިވާ އިތުރު ރަށްތަކެއް އެބަހުރި. މިސާލަކަށް ތިނަދޫ، އޭދަފުށި ހިންނަވަރު ކަހަލަ. އަޅުގަނޑުގެ ވިސްނުމަކީ މި ހަތަރު އަހަރު ތެރޭ ފަސް ރަށެއްގައި ކްރިކެޓް ހަރަކާތްތައް ހިންގުން. ފޯކަސް ކޮށްގެން ރަނގަޅު މަސައްކަތްތަކެއް ފަސް ރަށެއްގައި ކުރެވޭނެ،" ރާއްޖޭން ޗައިނާ އަށް ކަނޑައަޅާފައި ހުރި ކުރީގެ އެމްބެސަޑަރު ވިދާޅުވި އެވެ.

ފައިސަލް ކްރިކެޓްގެ އިންތިހާބު ކާމިޔާބުކުރެއްވީ ގިނިކަންޏާ ވާދަކުރައްވައިގެން 16 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 15 ފުލް މެމްބަރުންގެ ވޯޓާއި އެސޯސިއޭޓް މެމްބަރުންގެ ވޯޓާ އެކު އެވެ. ކްރިކެޓްގެ ނައިބް ރައީސަކަށް އަހުމަދު ހުސެއިން (ކުޑަދޮނާ) އިންތިހާބުވިއިރު، އެސޯސިއޭޓް މެމްބަރުންނަކީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ފާތިމަތު ރިޒްނާ އާއި އިސްކަންދަރު ސްކޫލުގެ އަހުމަދު އާމިރު (ތަކަން) އެވެ. ފަރުދީ މެމްބަރަކީ ކުރީގެ ކުޅުންތެރިޔާ އަހުމަދު ކަލީމް (ސޮނީ ސްޕޯޓްސް) އެވެ. ފުރިހަމަ މެމްބަރުންނަކީ ސީބީއެލް ސްޕޯޓްސްގެ މުޝްތާގު އަހުމަދު ދީދީ އާއި އޮފްއެފްސީގެ އަބްދުﷲ ސައުދާން އާއި ނިއު ސްޓާ ސްޕޯޓްސްގެ މުހައްމަދު އަޝްރަފް އަދި ހިންނަވަރު ހިރިޔާގެ މުހައްމަދު ރިޔާޒެވެ.