ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ އަހަރީ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ އަހަރު ބޭއްވި ކިޑްސް ފުޓްބޯލް ފެސްޓިވަލްގެ ތެރެއިން--. ފޮޓޯ:ނިޝާން އަލީ/މިހާރު
10 ނޮވެމްބަރ 2020 - 12:51
ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި އަޅާފައިވާ ފުޓްބޯޅަ ސްކޫލް (ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން އެކެޑަމީ)ގައި ކުޅުންތެރިންނަށް ކިޔަވައިދޭ ކަރިކިއުލަމެއް ތައްޔާރުކުރުމުގެ މަސައްކަތް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒްގެ އިތުރުން އެޑިއުކޭޝަނާއި އެފްއޭއެމްގެ ބައެއް އިސް އޮފިޝަލުން ވަނީ މި މަހު އެއް ވަނަ ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެއީ އަންނަ އަހަރު ފުޓްބޯޅަ ސްކޫލްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނާތީ މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ކުރެވޭނެ ކަންތައްތަކާ މެދު މަޝްވަރާ ކުރުމުގެ ގޮތުންނެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 2021 ވަނަ އަހަރު ސްކޫލްތަކަށް އަމާޒުކޮށްގެން ފެށުމަށް ހަމަޖެހިފައިވާ "ފުޓްބޯލް ސްކޫލް" ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ އެސޯސިއޭޝަންގެ އިސްވެރިން މިއަދު މިނިސްޓަރ @aisthly އާ ބައްދަލުކުރެއްވުން. pic.twitter.com/O04O8hdgwt
— Ministry of Education (@MoEdumv) November 1, 2020
އެފްއޭއެމާއި އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ ޓްވިޓާ
އެ ބައްދަލުވުމާ ބެހޭގޮތުން ޖަވާ "މިހާރު" އަށް ވިދާޅުވީ މަޝްވަރާ ކުރެވުނީ ފުޓްބޯޅަ ސްކޫލްގެ ކަރިކިއުލަމްއަކާ ގުޅޭގޮތުން ކަމަށާއި މި ކަމާ ބެހޭގޮތުން މިނިސްޓްރީގެ ވިސްނުންތައް ވެސް ރަނގަޅު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއާ އެކު ބައްދަލުވުންތަކެއް ރޭވިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭ ގިނަ މަސައްކަތެއް ނިންމާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޖަވާ ވިދާޅުވި އެވެ.
"ވަކި ކަރިކިއުލަމް އެއް ތައްޔާރުކުރާއިރު އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަން ވަރަށް މުހިއްމު. ހަގީގަތުގައި ރާއްޖޭގެ އެކި ހިސާބުތަކުން ކުދިން ގެނެސްގެން ފުޓްބޯޅަ ޓްރެއިނިންގެ މަސައްކަތްތަކެއްކުރާއިރު ކިޔެވުމުގެ ކަރިކިއުލަމެއް އޮތުން އެއީ މުހިއްމު ކަމެއް،" ޖަވާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޖެނުއަރީ ފަހު ކޮޅުގައި ފުޓްބޯޅަ ސްކޫލްގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް."
3 mas therey gaumee footboalha academy fashanee
The most trusted news source in the Maldives
Mihaaru
ފުޓްބޯޅަ ޓްރެއިނިން ސްކޫލް (ގައުމީ ފުޓްބޯޅަ އެކެޑަމީ)ގެ މަސައްކަތް ފަށަން އިއުލާނުކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި.
ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގެ ފުރަގަހުގައި ހަދާފައިވާ ފުޓްބޯޅަ ޓްރެއިނިން ސްކޫލްގެ އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، ޓާފް ދަނޑާއި އެހެނިހެން ބައެއް މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ. ޓްރެއިނިން ސްކޫލްގެ އިމާރާތް މި ވަގުތު ބޭނުންކުރަމުން އަންނަނީ ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ކޮވިޑް-19ގެ ބޭނުންތަކުގަ އެވެ. އެފްއޭއެމުން ބުނީ ފުޓްބޯޅަ ސްކޫލްގެ މަސައްކަތްތައް ފެށެންވާއިރަށް އިމާރާތް އެފްއޭއެމާ ހަވާލުކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެފްއޭއެމުން 2018 ވަނަ އަހަރުގެ ޖުލައި މަހު ފުޓްބޯޅަ ސްކޫލްގެ މަސައްކަތް އިއުލާނުކުރީ 90 ދުވަސް (ތިން މަސް) ތެރޭ ފަށަން އަމާޒުހިފައިގެންނެވެ. އެއީ ކުރީގެ ސަރުކާރުން 2018ގެ ބަޖެޓްގެ ތެރެއިން ކުޅިވަރު ދާއިރާ އަށް ކުރަން ނިންމި ބޮޑު އިންވެސްޓެއްގެ ތެރޭގައި ހިމެނި ކަމެކެވެ.
އެކަމަކު ގިނަ ކަންތައްތަކެއް ދިމާވެ، އެކި ކަހަލަ ފުޓްބޯޅަ ސްކޫލާ ގުޅޭ ކަންކަން ފުރިހަމަވުމުގައި ދުވަސްތައް ނަގަން ފެށުމުން މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދިޔަ އެވެ. އެހެން ނަމަވެސް ހުރިހާ ކަމެއް ފަހުން ހަމަޖެހި މަސައްކަތް ރަނގަޅުކޮށް، ފަހުން ފުޓްބޯޅަ ސްކޫލް ފެށޭ ވަރަށް ހުރިހާ ކަމެއް އެއްކޮށް ކަހަލަ ގޮތަކަށް ނިންމާލިއިރު، ކޮވިޑް-19ގެ ސަބަބުން ގައުމުގެ ގިނަ ކަންތައްތަކެއް މަޑުޖެހިފައި އޮތުމުން އެފްއޭއެމަށް ޖެހުނީ ފުޓްބޯޅަ ސްކޫލްގެ މަސައްކަތް ވެސް ފަސް ކުރާށެވެ.
އެފްއޭއެމުން ޓްރެއިނިން ސްކޫލުގެ މަސައްކަތްތައް އިއުލާނު ކުރިއިރު ބުނީ މި ސްކޫލު ތައްޔާރުކުރާނީ 13 އަހަރުން ފެށިގެން 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށް، ރާއްޖޭގެ އެކި ހިސާބުތަކުން ނެގޭ ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން އެއް ފަހަރާ 100 ކުދިންނަށް ތިބެވޭ ގޮތަށެވެ. ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ފުރަތަމަ މަސައްކަތް ފަށާއިރު، އެކެޑަމީގެ ކަންތައްތައް އޮންނާނީ ބޯޑިން ގޮތަށެވެ. އެގޮތުން ފުޓްބޯޅައިގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކިޔެވުމުގެ ކަންތައްތައް ވެސް ކުރިއަށްދާނެ އެވެ. އަދި އަހަރުން އަހަރަށް ކުދިންގެ ކިޔެވުމާއި ކުޅުމުގެ ކަންތައްތައް މޮނިޓާކުރާނެ އެވެ.
ކޮވިޑް-19ގެ ހާލަތުން އަރައިގަނެވޭ މިންވަރު ބަލާފައި ދެމުންދާ ލުއިތަކުގެ ތެރެއިން ފުރުސަތު ލިބޭ މިންވަރަށް ބަލާފައި އަންނަ އަހަރުގެ ކުރީކޮޅުގައި ފުޓްބޯޅަަ ޓްރެއިނިން ސްކޫލްގެ މަސައްކަތް ފެށޭނެ ކަމަށް އެފްއޭއެމުން އުއްމީދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނަ އިން
11 November 2020
ސަޅިކަމެ އް ،ފުޓްބޯޅަ އިގަ އެކަން ކުރަން އިގޭމީހުން ބެސްޓް ، ބާސްކެޓް ގަވެސް މިކަހަލަމީހުން ތިބޭނަމަ އޭ ހިތަ އް އަރާ
މޯޑް
10 November 2020
ކޮބާތަ ނިއުރޭޑިޔަންޓް ކޮޅަށް ޖަހަށް ހަވާލުވި ޗެއާމަނު. ފޮނިވާހަކަ ދަށްކާފަ އަޑެއް ބަޑެއް ވެސް ނީވޭ.
އިބްރާ2
10 November 2020
ރާއްޖޭގެ ހުރިހާ ރަށެއްގައި ތިޔަކަން ނުކުރެވެންޏާ މިނިސްޓްރީ ބައިވެރިވެގެން ތިކަން ކުރުމަކީ ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ކަމުގައި ދެކެން.