ވެލެންސިއާގެ ބަކާ (ކ) މާޒިޔާގެ އާއްކޮ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ--. މިހާރު ފޮޓޯ:ނިޝާން އަލީ
07 ޑިސެމްބަރ 2016 - 08:43
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފެބްރުއަރީ މަހު ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ބައްސާމް "މިހާރަ"ށް ވިދާޅުވީ ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ފުޓްބޯޅަ ސީޒަން އަވަހަށް ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"ފެބްރުއަރީ މަހުގެ ދެ ވަނަ ހަފްތާގައި ސީޒަން ފެށޭތޯ މި ދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އަންނަ ހަފްތާ ތެރޭގައި ގޮތެއް ނިންމާނަން،" ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން އާންމު ގޮތެއްގައި ފަށަނީ މާޗް މަހުގެ ފަހުންނެވެ. އެހެންވެ އޭއެފްސީ ކަޕްގައި ވާދަކުރާ ދިވެހި ދެ ކްލަބަށް އެ މުބާރާތަށް ތައްޔާރުވުމަށް ރަނގަޅު މެޗުތަކެއް ނުލިބެ އެވެ. އަދި ސީޒަނުގެ ވަކި ހިސާބަކުން ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހި ކްލަބްތަކަށް ވެސް ގެއްލުންތައް ކުރިމަތިވެ އެވެ.
ބައްސާމް ވަނީ ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ރަނގަޅު ބަދަލުތަކެއް ގެންނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި އެކަން ކުރާނީ ކްލަބްތަކަށާއި ގައުމީ ޓީމަށް ވެސް ވިސްނުމަށް ފަހު ފުޓްބޯޅައިގެ ކުރިމަގަށް އެންމެ ފައިދާވާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއޭއެމްގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ބައްސާމް ވަނީ ކްލަބްތަކަށް ދޭ ފައިސާގެ އެހީ ބޮޑު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ، ދެ ވަނަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަނުގެ ގަދަ ފަސް ކްލަބެއްގެ ތެރެއިން ކޮންމެ ކްލަބަކަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްސާމާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އަންނަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ފީފާ އެގްޒެކްޓިވް ކޮމިޓީ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރަދާޒް
12 December 2016
ބައްސާމު މިރާއްޖޭގައި ފުޓުބޯޅަ ލީގެއް އޮންނަކަންވެސް އަހަރެމެންނަށް ނޭންގެ.
އަލީ
07 December 2016
ފެބުރުއަރީގައި ޗެރިޓީ މެޗާއި ލީގް ފެށުން މުހިންމު. އޭގެ ޖެހިގެން އަންނަ އަހަރު ޖެނުއަރީ ފަހުކޮޅު ސީޒަން ފަށާ ގޮތައް ހަމަޖައްސައިފި ނަމަ ވަރަށް ރަނގަޅުވާނެ. އަބަދުވެސް ޖެނުއަރީގައި ފާށާފަ އޮކްޓޯބަރަށް ނިންމާ. ޕޮމިސްކަޕްވެސް އެބަޖެހޭ ބާއްވަން.