އެންމެންގެ އެކުވެރި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަބަދުވެސް ފެންނާނީ އާއްމުންނަށް އުނދަގޫވާ ކޮންމެވެސް ކަމެއް ހައްލުކުރަން އުޅޭ ތަނެވެ. އެކަމުގައި ކުޑޫގެ މަސައްކަތަށް ގިނަ ބަޔަކު ފަރިތަ އެވެ.

އެކަމަކު ކުޑޫ މިއަދު ފެންނާނީ މުޅިން ތަފާތުކޮށް، ދިރާގާ އެކު "މިހާރު ބަދިގެ"އިންނެވެ.

 

މި އެޕިސޯޑުގައި މިހާރު ކިޔުންތެރިންނަށް ގާލިކް ޗިކަން ސްކިއުއާޒް ތައްޔާރުކޮށްދެމުން ކުޑައިރުގެ ރޯދަ މަސް ހިއްސާކުރައްވާނެ އެވެ.

ފެސްޓިވް ސީޒަނެއް. އަޅުކަމާއި ކެއުމާއި އުފާވެރިކަމާ އެކު ހުރިހާ ކަމެއް އެއްކޮށް ރޯދަ މަހު އަންނަނީ
ކުޑޫ

ނަމާދަށް ވުޟޫކުރަން ގޮސް ކަރުހިއްކުން ފިލުވަން ފެންބުއިމާއި ކުރުނބާ ފިނުކުރަން ވަޅަށް ބޭލުމާއި ރޯދަ ކުރުކުރަން މާމަ ދޭ ސައިފް ރަސްގެފާނު ފޮތް ކިއުމަކީ ކުޑޫގެ ހާއްސަ ހަނދާންތަކެވެ.

"ބޮޑެތި ޑިކްޝަނަރީ ވަރުގެ ތިން ފޮތް ކިޔައި ނިމޭނީ ރޯދަ މަސް ނިމޭއިރު،" ކުޑޫ ވިދާޅުވި އެވެ.

ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު މި އެޕިސޯޑުގައި ވެސް ފެނުނީ މެމްބަރު ކުޑޫގެ އާއްމު ދިރިއުޅުމުގެ ސަކަ މިޒާޖެވެ.

 ގާލިކް ޗިކަން ސްކިއުއާޒް 

ބޭނުންވާ ތަކެތި 

3 ޗިކަން ބްރެސްޓް (1 އިންޗި ސައިޒަށް ކޮށާފައި)

3 ސަމުސާ މަޔޮނައިޒް 

2 ސަމުސާ ގާލިކް ބަޓާ

3 ލޮނުމެދު ގާނާފައި

1 ސަމުސާ ލުނބޯ ހުތް

1/2 ސަމުސާ ލޮނު 

1/2 ސަމުސާ އަސޭމިރުސް  

1/2 ސަމުސާ ޕެޕްރިކާ  

1/2 ސަމުސާ އޮރެގާނޯ

1/4 މުގުރި މިރުސް (ބޭނުން ނަމަ)

1/2 ޖޯޑު ޕާމެޒާން ޗީޒް 

1 ސަމްސާ ކޮރިއެންޑާ ކޮށާފައި

ތައްޔާރުކުރާނެ ގޮތް

ޗިކަން ބްރެސްޓް ކުދިކޮށް ކޮށާލާށެވެ. ލިސްޓުގައި ހުރި ހަވާދުގެ ބާވަތްތައް ބޭނުންކޮށްގެން ކުކުޅު މެރިނޭޓްކޮށްލާށެވެ.

މަޔޮނައިޒް އެޅުމުން ކުކުޅު މަޑުވެފައި ޖޫސީކޮށް ހުންނާނެ އެވެ.

ދެން ޖެހޭނީ ކުކުޅުތައް ފިހަން އަމުނާލާށެވެ. ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށް ފަހު ރޯފިލައި މުށިކުލައެއް އަރަންދެން ތެލުލާލާށެވެ. 

ގާލިކް ކޮޅު އަޅައިގެން ބަޓާކޮޅު އޭގައި އުނގުޅާލުމަށް ފަހު މައްޗަށް ޕާމެޒާން ޗީޒްކޮޅު ބުރުވާލާށެވެ. 

މި ރެސިޕީ މިހާ ފަސޭހަކޮށް ކުޑޫ ތައްޔާރުކޮށް ނިންމިއަސް ކުޑޫ ވިދާޅުވީ ކެއުމެއް ތައްޔާރުކޮށްދެން ނުވަތަ އާއިލާއަށް އެހީތެރިވާން ބަދިގެއާ ގާތްވެއްޖެ ނަމަ ބަދިގޭގައި ދެން ތިބޭ މީހުން "ކުޑަކޮށް ރުޅިއަންނަ" ކަމަށެވެ.

ސަމާސާ ރާގެއްގައި ވިދާޅުވީ އެއީ އެހާ ފަސޭހަނުކޮށްދެވޭތީ ކަމަށް ވެދާނެ ކަމަށެވެ. ރޯދަ މަހު ވީހާވެސް ބޮޑަށް ބަލަނީ މަދު ބާވަތްތަކުން ރޯދަ ވީއްލަން ކަމަށާއި އެކަމަކު ބަންގި ގޮވާއިރު އަށް ވައްތަރު މޭޒުމަތީގައި ހުންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ.

"ރޯދަ މަސް އެއީ ވަރަށް އެހެން ކަހަލަ ހަނދާންތަކެއް ހުންނަ މަހެއް އަބަދުވެސް. ވަރަށް ގިނަ ރައްޓެހިންނާ ވެސް އާދަޔާހިލާފަށް ދިމާވާނެ. ބޮޑަށް އާއިލީ ގުޅުންތަކުގެ ވެސް މަހެއް. ފެސްޓިވް ސީޒަންއެއް. އަޅުކަމާއި ކެއުމާއި އުފާވެރިކަމާ އެކު ހުރިހާ ކަމެއް އެއްކޮށް ރޯދަ މަހު އަންނަނީ" ކުޑޫ ވިދާޅުވި އެވެ.