ދިވެހި ރަހައެއް ކަމަށްވާ ކަށިކޭލާ ނުލައި ބައެއް މީހުންނަށް ރޯދަ މަސް ފުރިހަމައެއް ނުވެ އެވެ. ދިވެހިންގެ ތެރޭގައި މަގްބޫލު ކަށިކޭލަކީ ރޯދައަށް ހޯދާ ކާބޯތަކެތީގެ ތެރޭގައި ވަރަށް އާއްމު އެއްޗެކެވެ. ކަށިކޭލުން ފަނި ކައްކައިގެންނާއި މޮޑެގެން ވެސް ގިނަ ބަޔަކަށް މީރެވެ.
މީގެ އިތުރަށް އެންމެ ގިނަ އާ ރަހަތައް މިހާރު ތަޖުރިބާކުރާ އެއް ބާވަތަކީ ވެސް ކަށިކޭލެވެ. އޭގެ ތެރެއިން އުފަންވި ކަށިކެޔޮ ކޭކާއި އައިސްކްރީމް ވެސް މިހާރު ވަނީ މަގްބޫލްވެފަ އެވެ.
ދިރާގާ އެކު މިހާރު ބަދިގެ އެޕިސޯޑުގައި މިއަދު އޮތީ ކަށިކޭލުގެ ރަހައެކެވެ. ކާށިދޫގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރޭގައި ކަށިކެޔޮ ހިމެނެ އެވެ.
އެކި ބާވަތްތަކުން އާ ރަހަތައް ތައްޔާރުކުރަން ޝައުގުވެރިވާ އައިމިނަތު ލިވާ ކިޔައިދޭނީ ކަށިކޭލު މިލްކްޝޭކް ހަދާނެ ގޮތެވެ.
ކަށިކެޔޮ މިލްކްޝޭކަށް ބޭނުންވާ ތަކެތި
ކަށިކެޔޮ (ކޮށާފައި)
ހަކުރު
ފުލްކްރީމް މިލްކް
ވެނީލާ އައިސްކްރީމް
ފެން
ތައްޔާރުކުރާނެ ގޮތް
ކޮށާފައި ހުރި ކަށިކެޔޮ ފެންކޮޅެއް އަޅައިގެން މިކްސަރުން ގިރާލާށެވެ. ރަނގަޅަށް ގިރުމުން ފުރާނާލާށެވެ.
ފުރާނާލި ކަށިކޭލާއި ހަކުރާއި ފުލްކްރީމް މިލްކާއި ފެނާއި އައިސްކްރީމް އަޅައިގެން އަނެއްކާވެސް މިކްސަރުގައި ގިރާލާށެވެ. އޭގެ ފަހުން ތައްޓަށް އަޅާލައި އައިސްކްރީމް ސްކޫޕެއް ލެވިދާނެ އެވެ. ރޯދަ ވީއްލާގަޑިއަށް އަދި ތާރާވީހަށް މިއީ ވަރަށް ކަމުދާނެ ރަހައެކެވެ.
ލިވާ ކަށިކޭލުގައި ފުރަތަމަ އެޅީ ކޭކެވެ.
އޭނާ ބުނި ގޮތުގައި ބަޓަކޭކް ރެސިޕީގެ ތެރެއަށް އިތުރުކޮށްލާނީ ކަށިކޭލެވެ. ކަށިކެޔޮ ޕޭސްޓް ހަދައި ފުއްގަނޑު ތެރެއަށް އެއްކޮށްލައިގެން ކޭކު އެޅުމުން ގިނަ ބަޔަކަށް ކަމުދާކަން އޭނާ ފާހަގަކުރި އެވެ.