ބިން ބޮޑު އަދި ދަނޑުވެރި ކ. ކާށިދޫގެ ކުއްޅަވައްފަލަކީ އެ ރަށުގެ ގުދުރަތީ މުއްސަނދިކަމުގެ މުހިއްމު އެ ސަރަހައްދެވެ. އެ ފަލުގައި ކުއްޅަވައްތައް އަބަދު އޮންނަނީ ދޮންވެ ފައްކާވެފަ އެވެ. މީގެ ބޭނުން ހިފޭނެ އެކި ގޮތްތައް އެ ރަށުން ވަނީ ހޯދައިފަ އެވެ. އޭގެތެރެއިން އެކަކީ ކާށިދޫ މުހައްމަދު ޝިފާއު އެވެ. 

އާ ކަންކަން ތަޖުރިބާކުރަން ޝައުގުވެރިކަން ހުންނަ ޝަފާއު ކުއްޅަވަކުން ހަދަނީ އައިސްކްރީމެވެ. އެ ރަށުގެ ގިނަ ބަޔަކަށް އައިސްކްރީމްގެ މި ފްލޭވާ ވަރަށް ކަމުދެ އެވެ. ދެތޭރެއަކުން އޭނާ ހަދާ މި އައިސްކްރީމަށް ރަނގަޅު އާމްދަނީއެއް ވެސް ލިބެ އެވެ. 

"ކުއްޅަވައް އައިސްކްރީމް ގިނަ ބަޔަކު ކަމުދޭ. މި ފްލޭވާ ހަދާއިރަށް ވިކި ހުސްވޭ،" ކާށިދޫ ކައުންސިލްގެ އައިޓީ ޓެކްނީޝަން ޝަފާއު ބުންޏެވެ. 

ދިރާގާ އެކު މިހާރު ބަދިގޭގެ މިއަދުގެ ރެސިޕީއަކީ ކުއްޅަވައް އައިސްކްރީމެވެ. 

ހުތްފޮނި ރަހައެއްގެ މި އައިސްކްރީމަކީ ކާށިދޫގައި އެންމެ ހިނގާ އެއް ފްލޭވާ އެވެ. ކުއްޅަވައް ނޫނަސް އަނބު ނުވަތަ ފޭރުން ވެސް މިގޮތަށް އައިސްކްރީމް ހެދޭނެ އެވެ. ކާށިދޫގައި މިގޮތަށް ކަށިކެޔޮ އައިސްކްރީމް ވެސް ހަދަ އެވެ. 

ޝަފާއު ވެސް ކުއްޅަވައް އައިސްކްރީމް ހަދަން ފެށީ ރަހަ ބަލާފައި މީރުވެގެންނެވެ. އޭގެ ފަހުން ކުއްޅަވައް ނޫނަސް އެކި ފްލޭވާތަކުގެ އައިސްކްރީމް އޭނާ ހަދަ އެވެ.

ކުއްޅަވައް އައިސްކްރީމް

ބޭނުންވާ ތަކެތި 

ކުއްޅަވައް (ދޮންވެފައި ހުރި)

ގެރިކިރު

ވިޕިންކްރީމް 

ތައްޔާރުކުރާނެ ގޮތް

ކުއްޅަވައްތަކުގެ ބޭރު ތޮށިނޮޅާލައި ޗަސްކޮށްލާނީ އެވެ. އަތުން މޮޑެގެން ނުވަތަ މިކްސަރުގައި ވެސް މިކަން ކުރެވިދާނެ އެވެ. ދެން ތައްޔާރުކުރަން ޖެހޭނީ ވިޕްކްރީމެވެ. އައިސްކްރީމް ހަދަން ވިޕްކްރީމްތައް ރަނގަޅަށް ވިޕްކޮށްލަން ވާނެ އެވެ. އޭގެ ތެރެއަށް ގެރިކިރާއި ކުއްޅަވައް އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ. ގާތްގަނޑަކަށް 4-5 ގަޑިއިރު އިރު ފްރިޖުގެ ގަނޑުކުރާ ބައިގައި ބަހައްޓަންވާނެ އެވެ.