މިއީ ދުނިޔޭގެ އެންމެ ރަނގަޅު ބޮސްތަ؟ 100 މުވައްޒަފުންނާ އެކު ޗުއްޓީގައި ރާއްޖެ އަށް

އެންމެ ރަނގަޅު ބޮސްގެ ގޮތުގައި ބެލެވޭނީ މުވައްޒަފުންނަށް ކިހާ ވަރަކަށް ރަނގަޅު ވީމާ ހެއްޔެެވެ؟ މުވައްޒަފުންގެ ހިތް ރުއްސަން ކޮން އެއްޗެއް ދިނީމާ ހެއްޔެވެ؟


ސިންގަޕޫރުގެ މާޝަލް އާޓްސް ކުންފުންޏެއް ކަމަށްވާ އިވޯލްވްގެ ވެރިޔާ ޗަތުރީ ސިތުޔަޓޮންގަކީ އާދައިގެ ބޮހެއް ނޫނެވެ. މުވައްޒަފުންގެ އަގު ވަޒަންކުރަން އޭނާ ކޮށްދެނީ އެހެން އެއްވެސް މީހަކު ނުކުރާ ވަރުގެ ބޮޑެތި ކަންކަމެވެ. މި ފަހަރު، ކުންފުނީގެ ހުރިހާ މުވައްޒަފުން ގޮވައިގެން ރާއްޖެ އައީ ޗުއްޓީ ހޭދަކުރާށެވެ.

އިވޯލްވްގެ މުވައްޒަފުން ރާއްޖޭގެ ރިސޯޓެއްގައި މަޖާކުރަނީ: މި ދަތުރުގެ އަގަކީ 392،000 ޕައުންޑް (7.6 މިލިއަން ރުފިޔާ) -- ފޮޓޯ: އިވޯލްވް

އޭޝިއާގެ އެންމެ ބޮޑު މާޝަލް އާޓްސް ބްރޭންޑް ކަމަށްވާ އިވޯލްވްގައި 100 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ އެންމެން ގޮވައިގެން ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން އައިސް، ޗަތުރީ ވަނީ 392،000 ޕައުންޑް (7.6 މިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ. އެކަމަކު، އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.

"މިއީ އިވޯލްވްގައި ހަރަކާތްތެރިވާ އެފަދަ ދެވަނައެއް ނެތް ފަރާތްތަކުން ކޮށްދޭ އަގު ނުކުރެވޭ ފަދަ ހިދުމަތްތަކާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް،" ކުންފުނީގެ އާމްދަނީ އަހަރުން އަހަރަށް 30 ޕަސެންޓް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ޗަތުރީ ވިދާޅުވި އެވެ.

އިވޯލްވްގެ މުވައްޒަފުން ރާއްޖޭގެ ރިސޯޓެއްގައި މަޖާ ކުރަނީ: މުވައްޒަފުން ހިތްހަމަޖައްސައިދޭން ޖެހޭ .-- ފޮޓޯ: އިވޯލްވް

މިއީ މިފަދަ ބޮޑު ހަރަދެއް ޗަތުރީ އޭނާގެ މުވައްޒަފުންނަށް ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ އަހަރަކު ވެސް، ކޮންމެވެސް ގައުމެއްގެ ފަސް ތަރީގެ ހޮޓަލަކަށް ހުރިހާ މުވައްޒަފުން ގޮވައިގެން އޭނާ ދަތުރު ކުރައްވަ އެވެ. ދާ ތަން އޮންނަނީ މުވައްޒަފުންނަށް ސިއްރުކޮށްފަ އެވެ. މީގެ ކުރިން މުވައްޒަފުން ގެންދިޔަ މަންޒިލުތަކުގެ ތެރޭގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލް އިންޑޮނީޝިއާގެ ސަރަހައްދުތައް ކަމަށްވާ ބާލީ، ކްރާބީ، ކާއޯ ލަކް އަދި ބިންޓަން ހިމެނެ އެވެ.

ޗަތުރީ ސިފަކުރައްވާ ގޮތުގައި އިވޯލްވްގައި މަސައްކަތް ކުރަނީ މުޅި ދުނިޔޭން ވެސް ލިބޭނެ އެންމެ ރަނގަޅު މީހުންނެވެ. އެ އެންމެން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުން ވިޔަސް، ފައިސާގެ ދަތިކަމުންނާއި ދިރިއުޅުމުގެ އެހެން ކަންކަން ހުންނަ ގޮތުން އެކަން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުންނަށް ހައްގު ބަދަލު ދޭން ޖެހޭނެ. އަހަރުމެން މަސައްކަތް ކުރަނީ ބުރަކޮށް. ހަމަ އެހާ ގަދަ އަށް މަޖާ ވެސް ކުރަން ވާނެ،" ޗަތުރީ ވިދާޅުވި އެވެ.

އިވޯލްވްގެ މުވައްޒަފުން ރާއްޖޭގެ ރިސޯޓެއްގައި މަޖާކުރަނީ: މި ދަތުރަށް އިވޯލްވްގެ ވެރިޔާ 392،000 ޕައުންޑް (7.6 މިލިއަން ރުފިޔާ) ހޭދަކޮށްފައިވޭ.-- ފޮޓޯ: އިވޯލްވް

އަންނަ އަހަރު ވެސް އިވޯލްވްގެ ހުރިހާ މުވައްޒަފުން ގޮވައިގެން ޗަތުރީ ފަސް ތަރީގެ ކޮންމެވެސް ހޮޓަލަކަށް ވަޑައިގަންނަވާނެ އެވެ. އެކަމަކު، އެހެން ފަހަރެކޭ ވެސް އެއްގޮތަށް، ދާ ތަން އޮންނާނީ އެންމެ ފަހު ވަގުތާ ޖެހެންދެން ސިއްރެއްގެ ގޮތުގަ އެވެ. މުވައްޒަފުންނަށް "ސަޕްރައިޒެއް" ދިނުމުގެ ގޮތުންނެވެ.

ބައެއް ކުންފުނިތަކުގެ ވެރިން މުވައްޒަފުންނަށް ބޮޑެތި ހަދިޔާ ދޭ ވާހަކަ ދޭތެރެ ދޭތެރެއިން އަޑު އިވެ އެވެ. އެ ގޮތުން، އިންޑިއާގެ ކުންފުންޏެއްގެ ވެރިއަކު އޭނާގެ މުވައްޒަފުންނަށް ކާރު ގަނެދިން ކަމަށް މި ފަހުން އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.