ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރާއެކު އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން މިރޭ ފައްޓަވައިދެއްވައިފި އެވެ.
އައިޖީއެމްއެޗްގެ ދެކުނު ފަރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިއީ ސިއްހީ ދާއިރާއަށް ބޭނުންވާނެ ހުރިހާ ކަމެއް ފުރިހަމަވާނެ އިމާރާތެކެވެ. އަދި ރާއްޖެއަށް އެންމެ އަޅާލުން ބޭނުންވާ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އިމާރާތް ފުރިހަމަވުމުން މި ސަރަހައްދުން ލިބޭ ވަރުގެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް މާލޭން ލިބިގެންދާނެ ކަމަށެވެ.
ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައި ވަނީ 2018 ގަ އެވެ. މި މަޝްރޫއުއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ.
ސަރުކާރުގެ އިސްވެރިންނާއި އައިޖީއެމްއެޗްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރައީސް ވަނީ އައިޖީއެމްއެޗްގެ ނެޝަނަލް ކާޑިއެކް ސެންޓަރާއި ކޮންފަރެންސް ހޯލް ހުޅުއްވައިދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ސިއްހީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދާއިރާއަކަށް ހެދުމަށް ކަމަށެވެ. ރައީސް ވިދާޅުވީ އައިޖީއެމްއެޗްގައި ކުރި ހުރި ޝަކުވާތައް ހައްލުވެފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ފެށުމުން ރާއްޖޭން ބޭރަށް ސިއްހީ ހިދުމަތް ހޯދަން ދާ މީހުން މަދުވެގެން ދާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އެއާ އެކު އާސަންދަ އާއި އެންސްޕާގެ ހިދުމަތް ހޯދަން ބޭނުންވާ މީހުންގެ އަދަދު ވެސް މަދުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އާ އިމާރާތަކީ އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދެވޭނެ ތަނެކެވެ. އަދި އާ އިމާރާތަކީ ކާމިޔާބު މަޝްރޫއަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ އާ އިމާރާތް ޑިޒައިންކޮށްފައިވާ ގޮތުން ހަ ބުރި ހާއްސަކުރާނީ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރަށެވެ. ޑައިގްނޯސްޓިކް ސެންޓަރުގެ އިތުރުން ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލްކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ރޭޑިއޭޝަން ނުފެތުރޭ ގޮތަށް ޝީލްޑް ކުރުމާއި ސިއްހީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ އެވެ.
އާ ޢިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓަކާއި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުންކުރެވޭނެ ސްވިމިން ޕޫލެއް ވެސް ގާއިމު ކުރާނެ އެވެ.