ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އަޑިއަށް ދިޔަ "އަލަމާ-5" ދޯނިން ގެއްލުނު އެ ދޯނީގެ ކައްޕި ރޭ ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ ދެ ބިދޭސީންނާ އެކުގައި ކަނޑުމަތީގައި ކަމަށް އާއިލާ އިން ބުނެފި އެވެ.

ފ. ފީއަލިން ފުރައިގެން ދަނިކޮށް ވ. ފުއްސަރު ކައިރިން އަލަމާ ދޯނި ފެތުނުތާ 33 ގަޑިއިރު ފަހުން، ކަނޑުމަތިން އެ ދޯނީގެ ދެ ބިދޭސީ ފަޅުވެރިން ވަނީ ހޯދައިފަ އެވެ. ނަމަވެސް އެ ދޯނީގެ ކައްޕި، ކ. ގުރައިދޫ އާދަމް ޝަފީގް، 32، އަދިވެސް ނުފެނެ އެވެ.

ގެއްލުނު ބިދޭސީއަކާ ހަވާލާދީ އޭނާގެ އާއިލާ މެންބަރަކު "މިހާރު" އަށް ބުނީ އަލަމާ ދޯނި ކުއްލިއަކަށް ދިޔަވާން ފެށި ގޮތެއް ނޭނގޭ ކަމަށާއި އަޑިއަށް ދިއުން ނުހުއްޓޭނެ ކަން ކައްޕި އަށް ކަށަވަރުވި ހިސާބުން، ތައްޔާރުވެގެން ފުންމާލަން އޭނާ އިރުޝާދު ދިން ކަމަށެވެ.

ކަނޑުމަތީގައި ތިބުމަށް ޓަކައި ފޯނު ދަބަހަކަށް ލައި، ދަބަސް ފުޅިމަދު ފޮއްޓަކަށްލި ކަމަށާއި ރީނދޫ ހަންތަކެއް ވެސް ހިފައިގެން ތިން މީހުން ފުންމާލި ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ކަނޑުމަތީގައި ކައްޕިއާ އެކު 23 ގަޑިއިރު އެއްތަނެއްގައި ތިބި ކަމަށް އޭނާ ބުންޏެވެ.

އަލަމާ-5 ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ހިސާބާއި ދޯނިން ގެއްލުނު ދެ މީހަކު ފެނުނު ހިސާބު
އަލަމާ-5 ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ހިސާބާއި ދޯނިން ގެއްލުނު ދެ މީހަކު ފެނުނު ހިސާބު

ނަމަވެސް ރޭ ގާތްގަނޑަކަށް 10:30 ހާއިރު އަނދިރިގަނޑު ތެރެއިން ރަށެއްގެ އަލިކަން ފެނުމުން އެ ދިމާލަށް ފަތައިގަތުމަށް ކައްޕި ނައްޓާލި ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ކައްޕިގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން ބުނި ކައްޕި ކައިރީގައި މަޑު ކުރާށޭ އެކީއޭ ތިބެންވާނީ. އެކަމަކު ވަރަށް ކައިރިން ފެނި ފޯނަށް ރޭންޖް ވެސް ލިބެން ފެށީމަ ކައްޕި ނައްޓާލި. އެހާ އަނދިރިވީމަ ނުއެއް ފެނޭ އެކަމަކު ކައްޕި އަށް ދެތިން ފަހަރު ގޮވާލީމަ ވާހަކަ ވެސް ދެއްކި. އެކަމަކު ފަހުން ހަބަރެއް ނުވި،" ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ މީހާގެ އާއިލާ މެންބަރަކު ބުންޏެވެ.

އަޑިޔަށް ދިޔަ އަލަމާ-5 ދޯނިން ގެއްލުނު ދެ މީހުން މިއަދު މަހިބަދޫ ހޮސްޕިޓަލްގައި
އަޑިޔަށް ދިޔަ އަލަމާ-5 ދޯނިން ގެއްލުނު ދެ މީހުން މިއަދު މަހިބަދޫ ހޮސްޕިޓަލްގައި

އެ ހުރިހާ ވަގުތު ކަނޑުމަތީގައި ތިބީ ނުކައި ނުބޮއެ ކަމަށާއި ދޯނިން އެކަހަލަ އެއްވެސް އެއްޗެއް ސަލާމަތް ކުރެވޭ ގޮތެއް ނުވި ކަމަށް އޭނާ ބުންޏެވެ. އަދި ތިން މީހުން 30 ގަޑިއިރު ބޭނުން ކުރަން އޮތީ އެންމެ ފެންފުޅިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރަށް ވަރުބަލިވެފައި ހުރިކަން އެނގޭ އަޅުގަނޑު އެ މީހުން ކަނޑުމަތީގައި ތިބި އިރު ގުޅީމަ ވެސް. އެކަމަކު ރަށެއް ފެނުނީމަ ތަންކޮޅެއް ހަމަޖެހިފައި ތިބީ،" އޭނާ ބުންޏެވެ.

ކަނޑުމަތީގައި އޮތްއިރު ކޯސްޓްގާޑު ހޯދަމުން ދިޔައީ ވަރަށް ކައިރިން ކަމަށާއި އެ ލޯންޗުތަކުގެ އަލި ވެސް ފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި ރޭ މެންދަމު 2:00 ހާއިރު ފޯނު އެކީ ނިވުނު ކަމަށް އޭނާ ބުންޏެވެ.

އެމްއެންޑީއެފުން އެ މީހުން ކަނޑުމަތިން ނެގީ މިއަދު ހެނދުނު 6:50 ހާއިރެވެ. އޭގެ ފަހުން އެ މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި ވަރުބަލި ފިލުވާލައި ނިދާލުމަށް އެ މީހުންނަށް ވަގުތު ދިނުމަށް ޑޮކްޓަރު ވަނީ އަންގައިފަ އެވެ.

ދޯނީގެ ކައްޕި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކުރަމުންނެވެ.