އިއްޔެ ރޭ އަޑިއަށް ދިޔަ "އަލަމާ 5" ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ކަނޑުމަތީ ސަލާމަތުން ތިބި ކަން އެ މީހުން ފޯނުން ގުޅައި އެންގިތާ ހަ ގަޑިއިރު ފަހުން މިއަދު ހެނދުނު ކަނޑުން ނަގައިފި އެވެ.

މި މީހުން ކަނޑުން ނަގާފައި މި އެ މީހުން ދަތުރުކުރި ދޯނި ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަތާ 30 ގަޑިއިރު ފަހުންނެވެ.

އެމްއެންޑީއެފުން ބުނީ މި ދެ މީހުން ކަނޑުން ނެގީ ހެނދުނު 6:50 ގައި ލަކްސް ސައުތު އަރިއެޓޯލް ރިސޯޓް ކައިރިން ކަމަށެވެ.

ގެއްލުނު ތިން މީހުންގެ ތެރެއިން ފެނުނީ ފެނުނީ ބަންގްލަދޭޝްގެ މީހެއްގެ ކަމަށްވާ އަސަދުލް އިސްމާލް، 37، އާއި ބަންގްލާދޭޝް އެހެން މީހެކެވެ. ދޯނީގައި ހުރި ދިވެއްސެއް ކަމަށްވާ އާދަމް ޝަފީގް، 32، އަދިވެސް ނުފެނެ އެވެ.

އެމްއެންޑީއެފުން ބުނީ މީހުން ހޯދަން ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަވިސް، ދޯނީގެ ވެރިފަރާތް އަދި ވައިގެ މަގުން އެ ސަރަހައްދުގައި ޓީއެމްއޭގެ 10 ސީޕްލޭނާއި ފްލައިމީގެ މަތިންދާބޯޓެއް ވެސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"ގެއްލުނު ފަޅުވެރިންގެ ތެރެއިން ދިވެހި މީހާ ފެނިފައިނުވާއިރު، މި މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ މެދުކެނޑުމެއްނެތި ކުރަމުން،" އެމްއެންޑީއެފްގެ ޓްވީޓެއްގައި ބުނެފައިވެ އެވެ.

ދެ މީހުން ސަލާމަތްކުރީ އަޑިއަށް ދިޔަ ދޯނީގައި ހުރި ހަންތަކެއްގައި އައްސައިގެން ކަނޑުމަތީގައި ތިއްބަ އެވެ. އެ މީހުން ކަނޑުމަތީ ތިބިކަން އެނގުނީ އެ މީހުންގެ ތެރެއިން އެކެއްގެ ފޯނު ސަލާމަތުން އޮތުމުން، ރޭންޖް ލިބޭ ހިސާބަށް ދިއުމާ އެކު ފޯނަށް ގުޅޭ ގޮތް ވުމުންނެވެ. އެ ވަގުތުން ފެށިގެން ކޯސްޓް ގާޑުން ދިޔައީ އެ މީހުން ތިބި ކަމަށް ބުނި ހިސާބު ހޯދަމުންނެވެ.

ދޯނި އަޑިއަށްދަނީ ކަމަށް ބުނެ އެ ދޯނީގެ ކައްޕި އެންމެ ފަހުން މީހަކަށް ގުޅާފައިވަނީ އިއްޔެ ރޭ 10 ޖަހަން އުޅެނިކޮށެވެ. އޭގެ ފަހުން ވީގޮތެއް ނޭނގި ހޯދަމުން އަންނަނިކޮށް އިއްޔެ މެންދުރު ފަހު ވަނީ، އަޑިއަށް ދިޔަ 60 ފޫޓްގެ ދޯނީގައި ހުރި ބައެއް ތަކެތި ފ. އަތޮޅު އުތުުރުން އެއް ނޯޓިކަލް މޭލު ބޭރުން ފެނިފަ އެވެ.