ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރަން އުޅެނިކޮށް ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލުނު ހާދިސާގައި ކަންހިނގި ގޮތް އަދި ނޭނގޭ ކަމަށާއި އެ ހާދިސާގައި އިހުމާލެއް އޮތްކަމަށް ވާހަކަ ދައްކަން މިއީ އަދި ރަނގަޅު ވަގުތު ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އެ ހާދިސާއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ މީހުން ހޯދައި ސަލާމްތަކުރުމަކީ ޑިފެންސް މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އެކަމަކު އެ ހާދިސާގައި ފުލުހަކު ވެސް ގެއްލިފައި ވާއިރު އެ މީހުންް ހޯދުމަކީ ދައުލަތުން އެންމެ އިސްކަންދީގެން މިވަގުތު ހިންގާ އޮޕަރޭޝަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ދައުލަތުން އެންމެ އިސްކަމެއް ދީގެން ހިންގަމުންދާ އެއް އޮޕަރޭޝަނަކީ ގެއްލިފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެން އިހުމާލުގެ ވާހަކަ ދައްކަން އަދި މިއީ އެންމެ ރަނގަޅު ވަގުތުކަމަަކަށް. ސަބަބަކީ އެ ހާދިސާ ހިނގާ ދިޔަ ގޮތް ވެސް [އަދި ނޭނގޭތީ] އަދި އެ ފަރާތްތައް ވެސް އަދި އަޅުގަނޑުމެންނަށް ފެނިފައި ނުވާތީ،" އިހުސާން ވިިދާޅުވި އެވެ.
އެންމެންގެ ވެސް ދުއާއަކީ އެ ބޭފުޅުން ހެޔޮހާލުގައި ތިއްބާ ފެނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެމަގުން 7،512 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބެލި ނަމަވެސް ގެއްލުނު މީހުން ފެނިފައި ނުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވަނީ ދޯނި ހޯދުމުގެ މަސައްކަތަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.
ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯންޏަށް ރާޅު އަރައިގެން އަޑިޔަށް ދާ ކަމަށް ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އެވެ.
އެ ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ. އެ ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ގެއްލުނީ ދޯނި އަޑިއަށް ދިޔަ އިރު ވެސް ދިޔަ ހިއްކުމުގެ މަސައްކަތުގައި ތިބި، އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުސް އޮފިސަރު އަލީ ނާފިއު އަދި ހަމްދޫނެވެ.
އެ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެފައި އެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށާއި އެ ފުން މިނުގައި ދޯނި އޮތް ނަމަ މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މުދަލުން ބަރުކޮށްފައި އޮތް އެ ދޯނި އަޑިއަށް ދިޔަ ހިސާބުން އެ ދޯނި ފެންނާކަށް ވެސް ނެތެވެ.