ދޯންޏެއް އަޑިއަށް ދަނިކޮށް އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކަނޑަށް ގެއްލުނު ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ މައިންބަފައިންނާ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ މިނިސްޓަރާއި ކޮމިޝަނަރު އެ ބައްދަލުކުރެއްވުން ބޭއްވީ ނާފިއުގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދުއަށް ވަޑައިގެން ކަމަށެވެ. އޭނާގެ މައިންބަފައިންނަށް ހިތްވަރު ދެއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިހުސާން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އާއިލާއަށް ހާއްސަ މެސެޖެއް ރައްދުކޮށްދެއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނާފިއު ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން، އެ ބައްދަލުކުރެއްވުމުގައި ޕޮލިސް ކޮމިޝަނަރު ހާމަކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނާފިއުގެ ހިދުމަތުގެ ރޫހަށް ތައުރީފު ކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވި ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުއާ އަބަދުވެސް އާއިލާއާ އެކު ވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާ އެކު އެ އާއިލާއާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރު ދެއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ގެއްލުނު މީހުންގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރު ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރުން ދެއްކެވި ގައުމީ ހިތްވަރު ފާހަގަކުރައްވައި، އަދި ގެއްލުނު މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބަލައި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިހުސާން ވެސް ދެއްވި ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް ކޮމިޝަނަރާއި މިނިސްޓަރު ވަނީ ނާފިއުގެ އަންހެނުންނާއި ދަރިފުޅާ ވެސް މި މަހުގެ 12 ވަނަ ދުވަހު ބައްދަލުކުރައްވައިފަ އެވެ.
ހުވަދޫ ކަނޑަށް ފެތުނު ދޯންޏަކުން ތިން މީހަކު ގެއްލުނު ހާދިސާއާ ގުޅިގެން ހިންގާ ސާޗު އޮޕަރޭޝަނާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ވެބްސައިޓުގައި މި ހަފުތާގައި އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އަޑިއަށް ދިޔަ ދޯނިން ނުކުމެވުނު އެންމެން ވަނީ ސަލާމަތްކުރެވިފަ އެވެ. ދޯނި އަޑިއަށް ގޮސްފައި ވަނީ އިންސާނުންނަށް ފީނޭ ހިސާބަށް ވުރެ ފުނަށް ކަމަށް ވާއިރު، ގެއްލުނު މީހުންނަށް އެ ދޯނި އަޑިއަށް ދިޔައިރު އެއިން ނުނިކުމެވޭކަން އެ މައުލޫމާތުން އެނގެ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ދަންވަރު ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ކަނޑު އަޑިއަށް ފެތުނު ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށެވެ. އެމީހުން ހޯދުމުގެ މަސައްކަތަށް އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއްގެ އެހީ ވެސް ހޯދި ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެމީހުން އަދި ފެނިފައެއް ނުވެ އެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ އެ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނީ ނާފިއުގެ އިތުރުން އެ ދޯނީ ކައްޕި މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދެވެ.
އެ ދޯނީގައި ކައްޕި ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ.
އެ ތިން މީހުން ގެއްލުނީ ފެތެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކުރިން ބުނެފައިވެ އެވެ. އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދޯންޏަށް ދިޔަވަމުން ގޮސް ދޯނީގެ އެއްކޮޅު އަޑިއަށްދެ އެވެ. އަދި ހިނދުކޮޅެއްގެ ތެރޭ ދޯނި އެ ހުރި ގޮތަށް އޮލަނބަށް ކަނޑުގެ ތެރެއަށް ދަނީ އެވެ. އޭރު ދޯނި ކައިރީ އެހެން އުޅަނދެއް އުޅޭތީ ވެސް ފެނެ އެވެ.