ފުލުހުންނާއި ސިފައިން ފަދަ ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ މުހިއްމު އެހެން އިދާރާތަކުގެ އިއްޒަތާއި ކަރާމާތައި އަބުރު ނަގަހައްޓަން ބޭނުންވާ ގާނޫނީ ބަދަލުތައް ގެންނަން ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫދާއިރާގެ މެންބަރު ހުސައިން ހަމީދު ކުރެއްވި ސުވާލަަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންނާއި ސިފައިން ފަދަ ސަލާމަތީ ހިދުމަތްތައް ދޭ  އިދާރާތަކަށް އޮންނަ އިތުބާރު ސިޔާސީ ގޮތުން ނަގައިލަން ފުރުސަތު އޮވެގެން ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް އެ ތަންތަނަށް ގާނޫނީ ގޮތުން އެ ރައްކާތެރިކަން އަދި ދީފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން ވަރަށް ބޮޑަށް، ގާނޫނީ ގޮތުން އެކަންކަމަށް [ފުލުހުންނާއި ސިފައިންގެ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތަށް] ފިޔަވަޅު އެޅޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނެސްދެއްވަން. ދިވެހި ފުލުހުންގެ މުއައްސަސާގެ އަގު ވެސް ދިވެހި ސިފައިންގެ އަގު ވެސް އަދި މި އިއްޒަތްތެރި މަޖިލީހުގެ އަގު ވެސް ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ ގާނޫނާ ގަވާއިދުތަކާ އެއްޗިހި ހައްދަވައިދެއްވުމަކީ ހަަމަ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް،" އިހުސާން ވިދާޅުވި އެވެ.

ހޯމްމިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ހޯމްމިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މިނިސްޓަރު މި މޭރުމުން ޖަވާބުދެއްވީ "ފުލުހުންނާ މެދު ނަފުރަތު އުފައްދައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ފަރާތްތަކާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އެޅޭނެ އެއްވެސް ފުރުސަތެއް އެބަ އޮތްތޯ" މެމްބަރު ހުސައިން ހަމީދުގެ ސުވާލުގައި އެއްސެވުމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި ދައުލަތުގެ އެހެން އިދާރާތަކުގެ އިތުބާރު ނެގެހެއްޓުމަކީ ސިޔާސީ ކަމަކަށް ހަދައިގެން  ނުވާނެ ކަމަށެވެ. ކޮޮންމެ ސިޔާސީ ފިކުރެއް އޮތަސް ކޮންމެ ސަރުކާރެއް އޮތަސް އެތަންތަނުގެ އިއްޒަތާއި ކަރާމާތް ނަގަހަންޓަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފުލުހުންނާއި ސިފައިން ފަދަ އެ ހިދުމަތްތަކަށް ރައްޔިތުން ބަރޯސާކުރާ ހިދުމަތްތަކުގެ އިތުބާރު ނަގާލަން ސިޔާސީ ގޮތުން ފުރުސަތު އޮވެގެން ވާނެ ކަމަކަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.