ރާއްޖެއަށް ވަގަށް ވަނުމުން ކަސްޓަމްސް އިން ހިފަހައްޓާފައި އޮތް ދެ ބޯޓެއް ނަގިލި ކަނޑައިގެން އޮޔާ ގޮސް މާލޭގެ ފަރަށް އެރުމާ އެކު ސިނަމާލެ ބްރިޖުގައި ޖެހުނު މައްސަލާގައި ތަންފީޒީ އިދާރާތަކުގެ ވެރިން ހާޒިރުކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް ދެ ބޯޓު، މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ އޮޔާ ދިޔައީ ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެންނެވެ.

އެ މައްސަަލަ އާއި އެހެން ބައެއް މައްސަަލަތަކާ ގުޅޭ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފުލުހުންނާއި ސިފައިން ހާޒިރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޣަފޫރުގެ ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަތު ތޯރިގު (ޓޮމް) ތާއީދުކުރެއްވި އެވެ.

ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ސިއްރުކުރުމުން ޣަފޫރުގެ ހުށަހެޅުއްވުމާ މެދު ކޮމިޓީން ނިންމި ގޮތެއް ސާފެއް ނުވި އެވެ.  

ބައެއް ސިފައިންނާއި ފުލުހުންގެ ފުރާނަ ގެއްލުނު ހާދިސާތަކުގެ މައްސަލަ އާއި ވަގަށް ވަދެ އުޅުނު ދެބޯޓްގެ މައްސަލާގައި ސިފައިންނާއި ފުލުހުންގެ އިސް ބޭފުޅުން ހާޒިރުކުރަން ޣަފޫރު ހުށަހެޅުއްވި އިރު، ހަމަ އެ މައްސަލަތަކުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ހާޒިރުކުރަން ހުށަހެޅުއްވީ ނާޒިމެވެ. އެ ދެ ހުށަހެޅުއްވުމަށް ވެސް ތޯރިގު ތާއީދުކުރެއްވި އެވެ.

"އަޅުގަނޑުމެން މިދައްކަނީ އިންސާނުންގެ ފުރާނައިގެ ވާހަކަ، އެހެންވީމާ މީގައި [ ބައެއް ސިފައިންނާއި ފުލުހުން ނިޔާވި ހާދިސާތަކުގައި] އެޅިފައި ހުރި ފިޔަވަޅުތަކެއް ހުންނަން ޖެހޭނެ،" ކޮމިޓީގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާދިސާތަކުގައި ނިޔާވި ސިފައިންނާއި ފުުލުހުންގެ އާއިލާތަކަށް އިންސާފު ލިބެން ޖެހޭނެ ކމަށެވެ. 

ނާޒިމް ވިދާޅުވީ ޣަފޫރު ފާހަގަކުރެއްވި ހާދިސާތަކާ ގުޅިގެން އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަކީ 241 ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށާއި އިއްޔެ ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ވެސް މައުލޫމާތު ސާފުކުރަން ޖެހޭ ކަމަށެވެ. 

"މިއަދު  މި އޮތް ދެ މައްސަލައަށް ވެސް އަޅުގަނޑު ތާއީދުކުރަން މިއީ ވަރަށް ހައްސާސް މައްސަލަތަކެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން،" ނާޒިމް ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ބައެއް ސިފައިންނާއި ފުލުހުުން ކަނޑުމަތީގެ ހާދިސާތަކުގައި ނިޔާވި އިރު އެހާދިސާތައް ހިނގަން މެދުވެރިވީ ސިފައިންނާއި ފުލުހުންގެ އަތުގައި ކޮންކޮން ވަސީލަތްތަކެއް ނެތިގެންތޯ ބަލަން ޖެހޭ ކަމަށާއި އެ ދެ އިދާރާގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ތާއީދުކުރައްވާ ކަމަށެވެ.