ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދަން އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި ހަރަކާތްތެރިވާން ފަށައިފި އެވެ. 

ފްލައިޓްރާޑާ އެޕުން ދައްކާ ގޮތުގައި، އެމެރިކާގެ ނޭވީގެ ބޮއިން P-8A ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެއް، ސަޕްލައި ދޯނި އަޑިޔަށް ދިޔަ ސަރަހައްދުގައި 1،500 ފޫޓުގެ އުސްމިނުގައި މިއަދު ވަނީ ދަތުރުކޮށްފަ އެވެ. 

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) "މިހާރު"އަށް ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފުން އެމެރިކާގެ އެހީ ހޯދަމުން އަންނަ ކަމަށެވެ. 

އެމެރިކާގެ ނޭވީގެ ވައިގެ އުޅަނދުން ސާޗު އޮޕަރޭޝަން ފެށީ މިއަދު މެންދުރު ފަހު 1:45 ގައި ކަމަށާއި އެ އޮޕަރޭޝަން ކުރިއަށް އޮތް ފަސް ގަޑިއިރު ކުރިއަށް ގެންދާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. 

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ބޭރުގެ އެހީ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ. 

"ފްރެންޑް 4" ނަމަކަށް ކިޔާ އެ ދޯންޏަށް ރާޅެއް އަރައިގެން ދިޔަވާތީ ދޯނި ސަލާމަތްކުރުމަށް އެމްއެންޑީއެފާއި ފުލުހުން މަސައްކަތް ކުރި އެވެ. މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި، ދޯނި ސަލާމަތްކުރަން އުޅެނިކޮށް ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ދޯނީގައި ތިއްބާ އެ މީހުންނާ އެކު އަޑިއަށް ދިޔައީ ކަމަށް ވަނީ ބެލެވިފަ އެވެ. 

ގެއްލިގެން ހޯދަމުން އަންނަ ތިން މީހުން: (ކ-ވ) މުހައްމަދު ހަމްދޫން އާއި އިބްރާހިމް އަހުމަދު އަދި އަލީ ނާފިއު.
ގެއްލިގެން ހޯދަމުން އަންނަ ތިން މީހުން: (ކ-ވ) މުހައްމަދު ހަމްދޫން އާއި އިބްރާހިމް އަހުމަދު އަދި އަލީ ނާފިއު.

އެމްއެންޑީއެފުން ބުނީ އެ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށް އެމްއެންޑީއެފުން ލަފާކޮށްފައި ވާއިރު މިހާތަނަށް ކުރި މަސައްކަތުން ދޯނި ވެސް، އަދި ގެއްލުނު ތިން މީހުން ވެސް ފެނިފައެއް ނުވެ އެވެ. 

އެ ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ. އެ ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދަނީ އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުހެއް ކަމަށްވާ އަލީ ނާފިއު އެވެ. 

އެ ތިން މީހުން ގެއްލުނީ ފެތެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކުރިން ބުނެފައިވެ އެވެ. އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދޯންޏަށް ދިޔަވަމުން ގޮސް ދޯނީގެ އެއްކޮޅު އަޑިއަށްދެ އެވެ. އަދި ހިނދުކޮޅެއްގެ ތެރޭ ދޯނި އެ ހުރި ގޮތަށް އޮލަނބަށް ކަނޑުގެ ތެރެއަށް ދަނީ އެވެ. އޭރު ދޯނި ކައިރީ އެހެން އުޅަނދެއް އުޅޭތީ ވެސް ފެނެ އެވެ.