ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އެމެރިކާ ސަރުކާރުގެ ހާއްސަ މަންދޫބު ސާޖިއޯ ގޯ މިއަދު ފުރާވަޑައިގެންފި އެވެ.
އެމެރިކާ އިން ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަން އެޕޮއިޓްމަންޓަކަށް އެދިވަޑައިގެންނެވި ނަމަވެސް އެ ބައްދަލުވުން ކުރިއަށް ނުދާކަން އެނގިފައި ވެ އެވެ.
އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އިޒުރޭލު ނޫން ކޮންމެ ގައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގަތަސް މަރުހަބާ ކިޔާނެ ކަމަށާއި އެ ނޫން ހުރިހާ ގައުމަކާ ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށެވެ.
ނަމަވެސް، މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅޭ ގޮތުން ނަމަ އެމެރިކާގެ މަންދޫބާ ދައްކަވާނެ އެއްވެސް ވާހަަކައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެމެރިކާގެ ވެރިޔަކު ނޫނިއްޔާ އިސްބޭފުޅަކު ރާއްޖެ ވަޑައިގަންނަވަން އެމެރިކާ ސަރުކާރުން އެދިވަޑައިގެންފި ކަމަށް ވާ ނަމަ، އެ ފުރުސަތު ރާއްޖެ އިން ނުދިނުމަކީ ވަރަށް ޣައިބު ކަމަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމަ އަދި އެއްވެސް ހަނގުރާމައަކަށް ބޭނުންކުރާކަށެއް. އެކަމެއް ނުވާނެ."
ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ތަނެއްގައި ކުރާ ހަނގުރާމައެެއްގެ ބޭނުމަކަށް ރާއްޖޭގެ އެއްގަމާއި ވައިގެ ސަރަހައްދު ވެސް ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެެވެ. އަދި މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގައި އެއްވެސް ގައުމަކުން ދެނީ ދޭން ޖެހޭ ހަމަލާތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ސާޖިއޯ ރާއްޖެ އާއި ސްރީ ލަންކާއަށް ކުރައްވާ މި ހަތަރު ދުވަހުގެ ދަތުރުގައި ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެއާ ވެސް ބައްދަލުކުރައްވައިފަ އެވެ.