މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅޭ ގޮތުން، ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ މަންދޫބާ ދައްކަވާނެ އެއްވެސް ވާހަަކައެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިޒުރޭލު ނޫން ކޮންމެ ގައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގަތަސް މަރުހަބާ ކިޔާނެ ކަމަށާއި އެ ނޫން ހުރިހާ ގައުމަކާ ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށެވެ. 

އެމެރިކާ އިން ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ ވަނީ މީގެ ދެ ދުވަސް ކުރިން ރާއްޖެ ވަޑައިގެންފަ އެވެ. އަދި މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ރައީސް މުއިއްޒާ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. 

"އެމެރިކާގެ ވެރިޔަކު ނޫނިއްޔާ އިސްބޭފުޅަކު ރާއްޖެ ވަޑައިގަންނަވަން އެމެރިކާ ސަރުކާރުން އެދިވަޑައިގެންފި ކަމަށް ވާ ނަމަ، އެ ފުރުސަތު ރާއްޖެ އިން ނުދިނުމަކީ ވަރަށް އައިބު ކަމަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ. 

"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމަ އަދި އެއްވެސް ހަނގުރާމައަކަށް ބޭނުންކުރާކަށެއް. އެކަމެއް ނުވާނެ."

ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ތަނެއްގައި ކުރާ ހަނގުރާމައެެއްގެ ބޭނުމަކަށް ރާއްޖޭގެ އެއްގަމާއި ވައިގެ ސަރަހައްދު ވެސް ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެެވެ. އަދި މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގައި އެއްވެސް ގައުމަކުން ދެނީ ދޭން ޖެހޭ ހަމަލާތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. 

"އީރާނުން ހަމަލާދެންޏާ ދޭން ޖެހޭނީ ސީދާ އިޒުރޭލަށް، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒުރޭލަށް ހަމަލާދޭންވީ ރެއާއިދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. މުސްލިމު އަރަބި ގައުމުތަކަށް ހަމަލާދިނީމަ ހަމަ މުސްލިމުން މަރުވާނީ ވެސް، ތަންތަން ހަލާކުވާނީ ވެސް،" ރައީސް ވިދާޅުވި އެވެ. 

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ވެބްސައިޓުގައި މިދިޔަ ހަފުތާގައި ބުނި ގޮތުގައި، ސާޖިއޯ މާދަމާގެ ނިޔަލަށް ރާއްޖެ އާއި ސްރީ ލަންކާއަށް ރަސްމީ ދަތުރެއް ކުރައްވާނެ އެވެ. 

މި ދަތުރުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.