މެދުއިރުމަތީގެ ހަނގުރާމަ "ލަފާނުކުރެވޭ ފަދަ ގޮތަކަށް ފުޅާވެގެން ހިނގައިދާނެ" ކަމަށް ބަލައި ސަމާލުވުމަށާއި، އެ ގައުމުތަކުން ފުރަން ތައްޔާރުވެގެން ތިބުމަށް އެމެރިކާގެ އެމްބަސީތަކުން އެމެރިކާގެ އާންމުންނަށް އިލްތިމާސްކޮށްފި އެވެ.

"މެދުއިރުމަތީގައި ތިބި އެމެރިކާގެ ރައްޔިތުން އެ ސަރަހައްދުން ފުރައިގެން ދިއުމާ މެދު ވިސްނަންވާނެ، ނުވަތަ ހަނގުރާމަ ފުޅާވެއްޖެ ހާލަތެއްގައި ފުރަން ތައްޔާރުވެގެން ތިބެންވާނެ،" އަންމާން، ގުދުސް އަދި ބަޣްދާދުގައި ހުންނަ އެމެރިކާގެ މިޝަންތަކުން ސޯޝަލް މީޑިއާގައި އާންމުކުރި ސެކިއުރިޓީ އެލާޓްތަކުގައި ބުނެފައިވެ އެވެ.

މިއެންގުމުގައި އެމެރިކާގެ ރައްޔިތުން ފްލައިޓްތަކުގެ މައުލޫމާތުތައް ކަށަވަރުކުރުމަށާއި، އެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ދޭ ރައްކާތެރިކަމުގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

"މި ވަގުތު މެދުއިރުމަތީގައި ތިބި އެމެރިކާގެ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭ. އަދި ފްލައިޓްތައް ކެންސަލްވުމާއި، ވައިގެ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރުމާއި، ދަތުރުފަތުރަށް ބުރޫއެރުން ފަދަ ކަންކަމަށް ތައްޔާރުވެގެން ތިބެންވާނެ،" އެ މެސެޖުގައިވެ އެވެ.

އުރުދުންގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އެ ގައުމުގައިވާ އެމެރިކާގެ ސިފައިންގެ ބޭސްތަކަށް ނުދިއުމަށް އަންގާފައިވެ އެވެ. އެ ބޭސްތަކަށް ދާދިފަހުން ވަނީ އީރާނުން މިސައިލް ހަމަލާތަކެއް ދީފަ އެވެ. އަދި އިޒްރޭލުގައި ތިބި އެމެރިކާ މީހުންނަށް، ބޮމުގެ ހަމަލާތަކުން ރައްކާތެރިވާ ޝެލްޓަރުތައް އެންމެ ކައިރީ ހުރި ތަންތަން ހޯދައި ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"އީރާނުގެ ސަރުކާރަކީ ލަފާކުރަން ދަތި ބައެއް. އެކަން އެނގެނީ އެއްވެސް އިންޒާރެއް ނެތި ނުވަތަ އިސްވެ މެދުއިރުމަތީގެ ސަރަހައްދުތަކަށް ހަމަލާދިނުމާއި، ކުރިން ހަމަލާދީފައިނުވާ ސަރަހައްދުތަކަށް (މިސާލަކަށް މިސްރު ފަދަ) ހަމަލާތައް ފުޅާކުރުމަށް ނިންމާފައިވާ ނިންމުންތަކުން،" ގުދުސްގައި ހުންނަ އެމެރިކާ އެމްބަސީގެ ސައިޓުގައި އާންމުކުރި މެސެޖެއްގައިވެ އެވެ.

މިސްރުގެ ބަނދަރެއްގައި އަޅާފައި އޮތް އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ، ގޭސް އުފުލާ އުޅަނދަކަށް ބުދަ ދުވަހު ޑްރޯން ހަމަލާއެއް އަމާޒުވެ، އަލިފާން ރޯވި އެވެ. މިސްރުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތެއްގެ ބޮލުގައި އަދި އަޅުވާފައެއް ނުވެ އެވެ.

އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއިން ސަރަހައްދީ ނުވަތަނަވަސްކަން "އިތުރުކުރަމުންދާ" ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި "ނުބައި ނުލަފާ އަދި އަނިޔާވެރި އެމެރިކާގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް ގެނބިގެންދާނެ" ކަމަށް އީރާނުން ވަނީ އިންޒާރުދީފަ އެވެ.

މި ހަފުތާގައި، ދެތިން ދުވަހުގެ މެދުކެނޑުމަކަށް ފަހު އީރާނާއި އެމެރިކާއާ ދެމެދު ވަނީ އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފަށައިފަ އެވެ. ނަމަވެސް ހުކުރު ދުވަހުގެ ރޭގަނޑުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އެއްވެސް ހަމަލާއެއް ދީފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމުންނެވެ. އަދި އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން މުޅި ސަރަހައްދަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ. -- އޭއެފްޕީ