އެމެރިކާގެ އިތުރު 3،500 ސިފައިން މެދުއިރުމައްޗަށް

ވޮޝިންޓަން (ޖެނުއަރީ 4) - އެމެރިކާގެ އިތުރު 3،500 ސިފައިން މެދުއިރުމައްޗަށް ފޮނުވަން ޕެންޓަގަނުން ނިންމައިފި އެވެ.


އެމެރިކާގެ އިތުރު ސިފައިން މި ފޮނުވަނީ އެމެރިކާގެ ވައިގެ ހަމަލާތަކުގައި އީރާނުގެ ގުުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލައިފައި ވަނިކޮށެވެ. އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ އަށް ބަޔަކު ހަމަލާ ދިނުމާ ގުޅިގެން ވެސް އެމެރިކާގެ އިތުރު ސިފައިން މިދިޔަ ހަފުތާގައި ވަނީ މެދުއިރުމައްޗަށް ފޮނުވައިފަ އެވެ. މެދުއިރުމައްޗަށް ފޮނުވަނީ ގްލޯބަލް ރެސްޕޮންސް ފޯސްގެ ސިފައިންނެވެ.

ޑިފެންސް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވީ އެމެރިކާ ސިފައިން މެދުއިރުމައްޗަށް ފޮނުވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އެމެރިކާ އިން ފޮނުވާ ސިފައިން ތިބޭނީ ކުވޭތުގަ އެވެ.

ސުލައިމާނީގެ މަރުގެ ބަދަލު ވޭންދެނިވި ގޮތަކަށް އެމެރިކާގެ ކިބައިން ހިފާނެ ކަމަަށް އީރާނުން ވަނީ އިންޒާރުދީފަ އެވެ.

ޕެންޓަގަނުން ބުނީ ސުލައިމާނީ އަވަހާރަކޮށްލީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާގެ އާއްމުންނާއި ސިފައިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ރާވަނީ ސުލައިމާނީ ކަމަށެވެ.