ހުވަދޫ ކަނޑަށް ފެތުނު ދޯންޏަކުން ތިން މީހުން ގެއްލުނުތާ ދެ ހަފުތާވާން ކައިރިވެފައިވާއިރު، ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ގެއްލުނު މީހުން ހޯދަން ހިންގާ ސާޗު އޮޕަރޭޝަނާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އަޑިއަށް ދިޔަ ދޯނިން ނުކުމެވުނު އެންމެން ވަނީ ސަލާމަތްކުރެވިފަ އެވެ. ދޯނި އަޑިއަށް ގޮސްފައި ވަނީ އިންސާނުންނަށް ފީނޭ ހިސާބަށް ވުރެ ފުނަށް ކަމަށް ވާއިރު، ގެއްލުނު މީހުންނަށް އެ ދޯނި އަޑިއަށް ދިޔައިރު އެއިން ނުނިކުމެވޭކަން އެ މައުލޫމާތުން އެނގެ އެވެ.
އެމްއެންޑީއެފުން ބުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ދަންވަރު ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ކަނޑު އަޑިއަށް ފެތުނު ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށެވެ.
ދޯނި އޮޔާހިނގައިދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި ލ. އަތޮޅުގެ އެ ބިތުގެ ފަރުތަކާއި ގއ. އަތޮޅުގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ދޯނި އަޑިޔަށް ދިޔަ ވަގުތު ކޮޅުވެއްޓިއަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނުކުމެވުނު މީހުން އެ ވަގުތު ސަލާމަތްކުރެވުނެވެ. އަދި ދޯނި ވަރަށް ކުއްލި ގޮތެއްގައި ބަންޑުން ޖަހާލައި އަޑިޔަށް ދިޔައީ ހުވަދޫ ފުން ކަނޑުގެ ތެރެއަށެވެ.
"އެހެންކަމުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ އެވެ،" އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހުވަދޫ ކަނޑަށް އެ ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫން ކަމަށެވެ. އަދި އެއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޮޕަރޭޝަންގެ މުހިންމު ތަފުސީލް
- ގެއްލިފައިވާ މީހުން ހޯދުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ބޭނުންކުރި.
- ޓީބީ2 ޑްރޯންސްއަކީ އިންފްރާރެޑް ސެންސާސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަހައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވާ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލްކަންހުރި ޑްރޯންސް ކަމުގައި ވާތީ، އެ ހާދިސާގައި ގެއްލުނު މީހުން ކަނޑުގެ މަތިން ހޯދުމަށް ބޭނުންކުރި.
- އޮސްޓްރޭލިއާ އިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"ގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށް ކަނޑުމަގުން މަސައްކަތްކުރި.
އެމްއެންޑީއެފުން ބުނީ ކަނޑަށް ގެއްލިފައިވާ މީހުން ހޯދުމަށް ދިވެހި ސަރުކާރުން އެދިގެން އެމެރިކާ ސަރުކާރުން ވެސް އެހީތެރިކަން ދީފައިވާ ކަމަށެވެ. އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަހައްދު އިއްޔެ ބަލާފައިވާ ކަމަށާއި، އެއީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އަދި ސަވެއިލަންސަށް ބޭނުންކުރާ ހާއްސަ މަތިންދާބޯޓެއް ކަމަށް އެމްއެންޑީއެފުނުން ބުންޏެވެ.
އެމެރިކާގެ ނޭވީ މަތިންދާބޯޓު ބޭނުންކޮށްގެން 6،300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގިތާ 11 ދުވަސް ވެފައިވާއިރު، ގެއްލުނު ތިން މީހުން ހޯދުމަށް އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު، ކަނޑުމަގުން 2،790.10 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ އެ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނީ އެ ދޯނީ ކައްޕި މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުހެއް ކަމަށްވާ އަލީ ނާފިއު އެވެ.
އެ ދޯނީގައި ކައްޕި ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ.
އެ ތިން މީހުން ގެއްލުނީ ފެތެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކުރިން ބުނެފައިވެ އެވެ. އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދޯންޏަށް ދިޔަވަމުން ގޮސް ދޯނީގެ އެއްކޮޅު އަޑިއަށްދެ އެވެ. އަދި ހިނދުކޮޅެއްގެ ތެރޭ ދޯނި އެ ހުރި ގޮތަށް އޮލަނބަށް ކަނޑުގެ ތެރެއަށް ދަނީ އެވެ. އޭރު ދޯނި ކައިރީ އެހެން އުޅަނދެއް އުޅޭތީ ވެސް ފެނެ އެވެ.