މާލެ އަތޮޅުގައި އޮންނަ ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިއަށް މިއަދު ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. 

އެމްއެންޑީއެފުން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ކަމަށާއި އެ ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ގެއްލުނު ދެ މީހުންގެ ތެރެއިން ދިވެހި މީހާ އެވެ. ނަމަވެސް އޭނާއާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ. 

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނި ގޮތުގައި "ބަލްމާ-6" ނަމަކަށް ކިޔާ އެބޯޓް ބަންޑުން ޖަހާލި އިރު އޭގައި ތިބީ ހަތަރު މީހުންނެވެ. އޭގެ ތެރެއިން ގެއްލުނީ ބިދޭސީއަކާއި ދިވެއްސެކެވެ. އަދި ބިދޭސީ މީހާ އަދިވެސް ނުފެނެ އެވެ.

ބޯޓުގައި ތިބި އަނެއް ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

އެމްޑީއެފުން އެކްސްގައި ޕޯސްޓްކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަންޑުން ޖަހާލި ބޯޓު މިހާރު އޮތީ  ފަރުމަތީގަ އެވެ. 

އެ ހާދިސާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ. 

އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގި ސަރަހައްދުގައި މީހުން ހޯދުމާއި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.