އަންނަ މަހު ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް ތައީދު ހޯއްދެވުމަށް ނައިބް ރައީސް ފައިސަލް ނަސީމް ވެސް މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.
ނައިބު ރައީސް އެ ރަށަށް ވަޑައިގަތް އިރު ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ބޮޑު ޓީމަކުން މިހާރު ވެސް އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ.
ޖުމްހޫރީ ޕާޓީ މެމްބަރެއްގެ ގޮތުގައި ހުންނެވި ނައިބު ރައީސް ފައިސަލް ގެންދަވަނީ ކޮމަންޑުއަށް ވަޑައިގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ބައި އިލެކްޝަންގައި ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.
ކޮމަންޑޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފައިސަލް ވިދާޅުވީ މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮވެ، ރައްޔިތުން ބޭނުންވާ އެތައް ކަމެއް މި ސަރުކާރުން ކޮށްދެމުން އަންނަ ކަމަށެވެ. ކުރިން ވެސް ސަރުކާރު ކޯލިޝަންގެ ޕާޓީއެއްގެ ގޮނޑިއެއްގެ ގޮތުގައި އެ ދާއިރާ އޮތުމުން ފައިދާވި ކަން ފާހަގަކުރައްވައި ދެން ވެސް މި ދާއިރާ އަށް ސަރުކާރު ތަމްސީލުކޮށްދޭ މެމްބަރެއް ނެރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އަންނަ މަހު ފަހެއްގައި ބާއްވާ އިންތިހާބަށް އެ ދާއިރާގެ ރަށްތަކުގައި އެމްޑީޕީން ވަރަށް ފޯރީގައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ.
ބައި އިލެކްޝަން ކައިރިވެފައި ވަނިކޮށް، ސަރުކާރުން ވަނީ އެ ރަށްތަކުގައި ބޮޑެތި ޕްރޮޖެކްޓުތައް ވެސް އިއުލާންކޮށްފަ އެވެ. އަދި ބައެއް މަސައްކަތައް މިހާރު ފަށާފައިވާއިރު، އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ، ކޮމަންޑޫ އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭ އޮންނަ ފަޅު ރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ވެސް އިއްޔެ ވަނީ ފަށައިފަ އެވެ.
ރަޝީދުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މިދިޔަ ހަފުތާގައި ވަޑައިގެންފަ އެވެ. ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނާފައި ނެތް ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު ރައީސް އިއުލާންކުރެއްވީ އެ ދަތުރުފުޅުގަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމުންނާއި އެމްއެންޕީން ވެސް ވާދަކުރެ އެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާން އިދުރީސެވެ.