ދޯނިތައް ދޫކޮށްލައި މާލޭގެ ކުނި އުކާލުމުގެ ހުރިހާ ކަމެއް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްފި

ދޯންޏަށް ބަރުކޮށްގެން ކުނި އުކާލުން ހުއްޓާލައި މާލޭގެ ކުނި މެނޭޖު ކުރުމުގެ ހުރިހާ ކަމެއް އަލަށް ހިއްކި އިންޑަސްޓްރިއަލް ވިލެޖަށް މިއަދު ބަދަލުކޮށްފި އެވެ.


މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަރުމެންޓް މިނިސްޓްރީއާ މިދިޔަ މަހުގެ 29 ގައި ވަނީ ހަވާލުކޮށްފަ އެވެ. އެ ބިމުގައި، ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް، ކުނި ޖަމާކުރާނެ ސެންޓަރެއް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.

ކުނި ނައްތާލަން ހާއްސަކުރި ބިން ހުޅުވައިދެއްވުމަށް ފަހު، އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި ގޮތުގައި، މާލޭގެ ދެކުނުން ފަޅުތެރޭގައި ދޯނި ބާއްވައިގެން ކުނި ބަރުކުރުމުގެ މަސައްކަތް ކުރާއިރު، އެ ސަރަހައްދު ހަޑިވުމާއި ނުބައި ވަސް ދުވުމުގެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ. އެހެންވެ، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އެ ދޯނިތަކަށް ކުނި ބަރުކުރުން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ އިން ފެށިގެން އެ ތަނުގައި އެ އޮތް ދޯނިތަކެއް ނޯންނާނެ. އެ ތަން އޮންނާނީ ވަރަށް ސާފުކޮށް،" ތޯރިގް ވިދާޅުވި އެވެ.

މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުގައި ހާއްސަކޮށްފައިވާ ބިން މިއަދު ހުޅުވައިދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އާދައިގެ ގޮތަކަށް އިންޑަސްޓްރިއަލް ވިލެޖުގައި އެ މަސައްކަތް ފެށިޔަސް، ކުރިއަށް އޮތް ތަނުގައި އެ ތަން ވެގެން ދާނީ، މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި، އެންމެ މަތީ ފެންވަރުގެ ކުނި ޖަމާކުރާ ސެންޓަރަކަށެވެ. އެ މަސައްކަތް 2018 ގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު، ވެމްކޯ އަށް ހޯދާ އިތުރު ތިން ކޮޅުވެއްޓި ބަނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ތިން އުޅަނދު އަންނަ އަހަރުގެ މޭ މަހު ރާއްޖެ ގެނެސް، ބޭނުންކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ކުނި ނައްތާލަން ތިލަފުށިން ހާއްސަކުރާ ބިން ހިއްކާނެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން މިނިސްޓަރު ތޯރިގް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ބިމުގައި ކުނި ނައްތާލާ އެންމެ ޒަމާނީ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ފައިސާގެ ބައެއް ވެސް އަންނަ އަަހަރަށް ބަޖެޓުކޮށްފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2018 ގެ ކުރިން މި ބޮޑު މައްސަލަ އަށް ރައީސް އަބްދުﷲ ޔާމީން ހައްލު ހޯއްދަވައި ދެއްވާނެއޭ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށަކަށް ބޭނުންވާ ވަރުގެ ކުނި މެނޭޖު ކުރާނެ ރަށު ފެންވަރުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ހެދިގެން ދާނެއޭ އަދި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ވެސް ހެދުމުގެ މަސައްކަތް ކުރެވެމުންނޭ މި ދަނީ،" ތޯރިގް ވިދާޅުވި އެވެ.

މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިއީ މާލޭގެ ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އެޅި މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން މި މަސައްކަތް ނުކުރެވި އޮތީ އެމްޑީޕީގެ ސަރުކާރުން އިންޑިއާގެ ޓަޓްވާ ކުންފުންނާ އެކު ހެދި އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏަށް ސަރުކާރުން ފައިސާ ދެއްކުމުން ވެސް މަސައްކަތް ނުފެށުމުންނެވެ.

އެ ވާހަކަތަކަށް ތާއީދު ކުރައްވަމުން، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދަން 2010 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރަމުން އައި މަސައްކަތަށް ވެސް ޓަޓްވާގެ އެއްބަސްވުމުގެ ސަބަބުން ހިޔަނި އެޅުނު ކަމަށެވެ. އެކަމާ ގުޅިގެން، ވިލިމާލޭގައި މުޒާހަރާ ވެސް ކުރަން ޖެހުނު ކަމަށާއި އެކަމަކު އޭރުގެ ސަރުކާރަށް ކުނީގެ މައްސަލަ އަށް ހައްލު ހޯދައި ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި، ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ، ނިހާން ސިފަކުރެއްވި ގޮތުގައި، ރާއްޖޭގައި ހުރި މައްސަލަތަކާ ވާދަކުރައްވައި ހައްލު ހޯދައިދެއްވުމަށެވެ.

".. ﷲ އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަ އިން 2018 އިން 2023އާ ހަމަ އަށް ވެސް މި ކަންކަން މި އަށް ވުރެ ރަނގަޅު މިންވަރަކަށް ރައްޔިތުންނަށް އެ މަނިކުފާނު ހިއްސާ ކުރައްވާނެ. އަދި އެ މަސައްކަތުގައި ރައްޔިތުން ދެކެ، ދެނެތިބެ އެ މަނިކުފާނު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބަލައިގަންނާނެ،" މާލޭގެ ދާއިރާތައް ތަމްސީލު ކުރައްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ނިހާން ވިދާޅުވި އެވެ.

މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ނިހާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިހާރު ހަމަޖައްސާފައިވާ ގޮތުން، ހިނގާފައި ނުވަތަ ސައިކަލާއި ބައިސްކަލުގައި ކުނި އުކާލަން ދާ މީހުންނަށް ވަކި ދޮރެއް އަދި ލޮރީތައް ވަންނާނެ ވަކި ދިމާލެއް ވަނީ ކަނޑައަޅައިފަ އެވެ. ކުނި އަޅަން ޖެހެނީ އެ ސަރަހައްދުގައި ބާއްވާފައި އޮންނަ ލޮރީއަކަށެވެ. އެ ގޮތަށް ލޮރީތައް ފުރުމުން، ކޮޅުވެއްޓިއަކަށް އަރުވައިގެން ތިލަފުއްޓަށް ގެންދާނެ އެވެ.

އާއްމުކޮށް އުކާލާ ކުނީގެ އިތުރުން، އެމްޕީއެލް ސަރަހައްދުން މިހާރު އުކާލާ ބޮޑެތި އަދި ބަރު ކުނި ވެސް ދެން އުކާލާނީ އިންޑަސްޓްރިއަލް ވިލެޖުންނެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވި ގޮތުގައި ކޮޅުވެއްޓީގައި ކުނި ގެންދާ އިރު ހުންނާނީ މޫދަށް ނޭޅޭނެ ގޮތަށް އަދި ވަސް ނުދުވާނެ ގޮތަށް ބަންދުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއިރު، އަހަރަކު 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. އަދި ދޯނިތައް ވެސް ހިމެނޭ ގޮތަށް، ކުނި އުކާލަން ބޭނުންކުރި ތަކެތި ކުއްޔަށް ހިފަން ސިޓީ ކައުންސިލުން މަހަކު 12 މިލިއަން ރުފިޔާ ހަރަދު ކުރަމުން އައިސްފައި ވިޔަސް، ވެމްކޯ އިން އެ ތަކެތި ކުއްޔަށް ނެގީ މަހަކު އަށް މިލިއަން ރުފިޔާ އަށް ކަމަށް އޭނާ ފުއާދު ވިދާޅުވި އެވެ.

"ދަންނަވަން މި އުޅެނީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ވިސްނުން ބެހެއްޓީމަ، ހަރަދުތައް ކުޑަކުރުމާ އެކީގައި ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަ ގޮތެއްގައި މި މަސައްކަތް ކުރުމުގެ ވިސްނުން އަޅުގަނޑުމެން އެބަ ގެންގުޅެމޭ،" ކުނި އުކާލުމުގެ ރިކަރަންޓް ހަރަދަށް ދައުލަތުގެ ބަޖެޓުން އަންނަ އަހަރު އެއްވެސް ވަރަކަށް ހަރަދު ނުކުރާނެކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވި އެވެ.

މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ވެމްކޯ އިން ވަނީ ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، ކުނި އުފުލާނެ 20 ޓްރައިސައިކަލް ހޯދަން ބަޔަކާ ހަވާލުކޮށް، ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.